މޯލްޑިވްސް ކަސްޓަމްސް ސަރވިސް
ދިވެހިރާއްޖެ
ދިވެހިރާއްޖޭގައި ޝިޕިންގ އޭޖެންސީގެ ޚިދުމަތް ދިނުމާބެހޭ ގަވާއިދާ ގުޅޭ:

 ޖުލައި 2020 ވަނަ ދުވަހު ދިވެހިސަރުކާރުގެ ގެޒެޓްގައި ޢާއްމު ކުރެވިފައިވާ، ގަވާއިދު ނަންބަރު:2020/R-52 (ދިވެހިރާއްޖޭގައި ޝިޕިންގ އޭޖެންސީގެ ޚިދުމަތް ދިނުމާބެހޭ ގަވާއިދު) ގެ 4 ވަނަ މާއްދާގެ (ހ) ގައި، ދިވެހިރާއްޖޭގައި ޝިޕިންގ އޭޖެންސީގެ ޚިދުމަތް ދެވޭނީ، މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީގައި ރަޖިސްޓަރީވެފައިވާ ފަރާތްތަކަށްކަމަށް ބަޔާންކޮށްފައިވެއެވެ. އަދި މިގަވާއިދުގެ 5 ވަނަ މާއްދާގައި، މިގަވާއިދަށް ޢަމަލުކުރަން ފަށާއިރު ޝިޕިންގ އޭޖެންސީގެ ޚިދުމަތްދޭ ކުންފުނިތަކުން، 30 (ތިރީސް) ދުވަހުގެ ތެރޭގައި މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީގައި ރަޖިސްޓަރީ ކުރަންވާނެކަަމަށާއި، މިމުއްދަތުގެ ފަހުން މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީގައި ރަޖިސްޓަރީ ނުކޮށް އެއްވެސް ފަރާތަކުން ޝިޕިންގ އޭޖެންސީގެ ޚިދުމަތް ދިނުމަކީ މަނާކަމެއްކަމަށް ބަޔާންކޮށްފައިވެއެވެ. ނަމަވެސް، ޝިޕިންގ އޭޖެންސީގެ ޚިދުމަތްދޭ ކުންފުނިތައް ރަޖިސްޓްރީ ކުރުމަށް ދީފައިވާ މުއްދަތު 15 ސެެޕްޓެމްބަރ 2020 ގެ ނިޔަލަށް އިތުރުކޮށްފައިވާ ކަން މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީގެ ނަމްބަރު:  (IUL) 2020-M/1/2020/20 އިޢުލާނުން 15 އޮގަސްޓް 2020 ވަނަ ދުވަހު ޢާންމުކޮށް އަންގާ އިޢުލާނު ކޮށްފައިވެއެވެ.

ވީމާ، ގަވާއިދު ނަންބަރު 2011/R-41 )ކަސްޓަމްސްގެ ޢާންމު ގަވާއިދު 2011) ގެ ދަށުން އުޅަނދު ފަހަރުގެ އޭޖުންޓުންގެ ގޮތުގައި މޯލްޑިވްސް ކަސްޓަމްސް ސަރވިސްގައި ރަޖިސްޓަރީކޮށް ލައިސަންސް ދޫކޮށްފައިވާ ފަރާތްތަކުން، 16 ސެޕްޓެމްބަރ 2020 ވަނަ ދުވަހުގެ ކުރިން، ދިވެހިރާއްޖޭގައި ޝިޕިންގ އޭޖެންސީގެ ޚިދުމަތް ދިނުމާބެހޭ ގަވާއިދުގައިވާގޮތަށް، މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީގައި ރަޖިސްޓަރީވެފައިވާ ފަރާތެއްކަން އަންގައިދޭ މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީގެ ލިޔުން ހުށަހެޅުމަށް ދެންނެވީމެވެ.

 

 

 

އަދި ހަމައެހެންމެ،  16 ސެޕްޓެމްބަރ 2020 ވަނަ ދުވަހުން ފެށިގެން، ކަސްޓަމްސްގެ ޢާންމު ގަވާއިދު 2011 ގެ 477 ވަނަ މާއްދާ އާއި 229 ވަނަ މާއްދާގެ ދަށުން އުޅަނދު ފަހަރުގެ އޭޖުންޓުންގެ ލައިސަންސް ހޯދުމަށާއި އުޅަނދު ފަހަރުގެ އޭޖުންޓުންގެ ލައިސަންސް އައުކޮށްދިނުމަށް އެދި ކަސްޓަމްސްއަށް ހުށަހަޅާ ކުންފުނިތަކުން، އެކުންފުއްޏަކީ މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީގައި ރަޖިސްޓަރީވެފައިވާ ފަރާތެއްކަން އަންގައިދޭ މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީގެ ލިޔުން ހުށަހެޅުމަށް ދެންނެވީމެވެ.

17 އޮގަސްޓް 2020
ހޯދާ