މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ
ދިވެހިރާއްޖެ
އިޢުލާން

    ދިވެހިރާއްޖެގެ ގައުމީ ޕޭމަންޓް ސިސްޓަމް ރައްކާތެރި އަދި އެކަށިގެންވާ ގޮތެއްގައި ތަރައްޤީކޮށް ކުރިއެރުވުމުގެ މަސައްކަތްތައް މި އޮތޯރިޓީން ދަނީ ކުރަމުންނެވެ. މީގެ ތެރޭގައި، ޑިޖިޓަލް ޕޭމަންޓްގެ ޚިދުމަތްތައް ހިމެނޭގޮތަށް، ޓެކްނޮލޮޖީ ބޭނުންކޮށްގެން ދެވޭ އެކި ބާވަތްތަކުގެ ޕޭމަންޓް ޚިދުމަތްތައް ދިނުމަށް ބޭނުންވާ އަދި އެފަދަ ޚިދުމަތްތައް ދޭ ފަރާތްތަކާއި ޚިދުމަތްތައް ހޯދާ ފަރާތްތަކުގެ ޙައްޤުތައް ހިމާޔަތްކުރުމަށް ބޭނުންވާ ޤާނޫނީ އަދި ރެގިއުލޭޓަރީ އޮނިގަނޑު އެކުލަވާލުމުގެ މަސައްކަތްތައް ހިމެނެއެވެ.

    ޕޭމަންޓް ޚިދުމަތްތަކުގެ ތެރެއިން މި އޮތޯރިޓީން މިވަގުތު ރެގިއުލޭޓްކުރަމުންދަނީ މޮބައިލް ޕޭމްންޓް ޚިދުމަތާއި، ކާޑް އިޝޫކުރުމާއި ކާޑް އެކްވަޔަރކުރުމާއި، ޕޭމަންޓް އިންސްޓްރުމަންޓް އިޝޫކުރުމާއި ޕޭމަންޓް އަދި ސެޓްލްމަންޓް ސިސްޓަމެއް ހިންގުމުގެ ޚިދުމަތްތަކެވެ. ނަމަވެސް، މި ނޫންވެސް އެކި އެކި ބާވަތްތަކުގެ ޕޭމަންޓް ޚިދުމަތްތައް އެކި ފަރާތްތަކުން ފޯރުކޮށްދެމުންދާކަން ފާހަގަކުރެވެއެވެ. އިސްވެ ބަޔާންކުރެވުނު ޤާނޫނީ އޮނިގަނޑު އެކުލަވާލުމަށްޓަކައި، ރާއްޖޭގައި ފޯރުކޮށްދޭ ޕޭމަންޓް ޚިދުމަތްތަކުގެ މަޢުލޫމާތު ދެނެގަތުމުގައި މިފަދަ ޙިދުމަތްތައް ފޯރުކޮށްދޭ ހުރިހާ ފަރާތްތަކުގެ އެހީތެރިކަން މި އޮތޯރިޓީއަށް ބޭނުންވެއެވެ.

    ހާއްސަ ގޮތެއްގައި އީ-މަނީ އިޝޫކުރާ ފަރާތްތަކާއި އީ-މަނީ އެކައުންޓްތައް މެދުވެރިކޮށް ޕޭމަންޓްތައް އަދާކުރެވޭނެ ޚިދުމަތްތައް ދޭ ފަރާތްތަކާއި ޕޭމަންޓް މުޢާމަލާތްތައް އެކްވަޔަރކުރުމުގެ ޚިދުމަތްތައް ދޭ ފަރާތްތަކާއި، އަދި މިނޫންވެސް ފައިސާ ޓްރާންސްފަރކުރުމާ ގުޅުންހުރި ނުވަތަ ޕޭމަންޓް އެކައުންޓްތަކާ ގުޅުންހުރި އެހެނިހެން ޚިދުމަތްތައް ދޭ ފަރާތްތަކުން ފޯރުކޮށްދޭ ޚިދުމަތްތަކާބެހޭ މަޢުލުމާތު މި އޮތޯރިޓީއާ ހިއްސަކޮށްދެއްވުން އެދެމެވެ.

    ވީމާ މި ޙިދުމަތްތަކާއި ބެހޭ މަޢުލޫމާތު މިއޮތޯރިޓީއާ ހިއްސާ ކޮށްދިނުމަށް ބޭނުންފުޅުވާ ފަރާތްތަކުން 25 އޮގަސްޓް 2020 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން އަންނަނިވި މަޢުލޫމާތު ހިމެނޭގޮތަށް މި އޮތޯރިޓީއަށް އީ-މެއިލްގެ ޒަރިއްޔާއިން ([email protected]) އަންގަވައި ދެއްވުން އެދެމެވެ.

  • ޕޭމަންޓް ޚިދުމަތް ފޯރުކޮށްދޭ ވިޔަފާރީގެ ނަން
  • އިތުރު މަޢުލޫމާތު ހޯދުމަށް ގުޅާނެ ފަރާތެއްގެ ނަން، ގުޅޭނެ ނަންބަރު އަދި އީ-މެއިލް އެޑްރެސް

    މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފު ކުރައްވަން ބޭނުންފުޅުވާނަމަ 7540505 އަށް ގުޅުއްވުމަށް އެދެމެވެ. މި އިޢުލާނާ ގުޅިގެން މި އޮތޯރިޓީއާ ހިއްސާކުރެވޭ އެއްވެސް މަޢުލޫމާތެއް އެހެން ފަރާތަކާ ހިއްސާ ނުކުރާނެ ކަމުގެ ޔަޤީންކަން ދެމެވެ. އަދި، އާންމުންނާއި މިފަދަ ޚިދުމަތްތައް ދޭ ފަރާތްތަކުން މި އޮތޯރިޓީއަށް ދެއްވާ އެއްބާރުލުމަށާއި އެހީތެރިކަމަށް ޝުކުރު އަދާކުރަމެވެ. 

17 އޮގަސްޓް 2020
ހޯދާ