ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
ދިވެހިރާއްޖެ
ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ ނަވާވީސް-1 ވަނަ ބާބަށް ޢަމަލުކުރަން އެންގުން

ދިވެހިރާއްޖޭގައި ކޮވިޑް-19 ފެތުރުން ކޮންޓްރޯލްކޮށް، އާންމު ރައްޔިތުންގެ ޞިއްޙަތާއި ރައްކާތެރިކަމަށްޓަކައި 12 މާރިޗު 2020 ގައި، ޤާނޫނު ނަންބަރު: 2012/7 (ޢާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނު) ގެ 33 ވަނަ މާއްދާގެ ދަށުން، ދިވެހިރާއްޖޭގައި ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާންކޮށްފައިވެއެވެ.

އެ އިޢުލާނާ ގުޅިގެން، ޢާންމު ޞިއްޙަތުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތް، އަޅުއްވާފައިވާ ފިޔަވަޅުތަކާއި ގުޅިގެން، ޤާނޫނު ނަންބަރު: 2016/12 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގައި ބަޔާންކުރާ ޢާންމު އުޞޫލުތަކުގެ ދަށުން މައްސަލަތައް ތަޙްޤީޤުކޮށް ދަޢުވާކުރުމަށް ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި ދަޢުވާކުރުމަށް ފޮނުވުމަށް ދަތިވެފައިވާކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން އަހުރެންނަށް މަޢުލޫމާތު ދީފައިވެއެވެ. ދިވެހިރާއްޖޭގައި، ކޮވިޑް-19 ފެތުރެމުންދާ ދަނޑިވަޅެއްގައި، އެބަލީގެ ޢަލާމާތްތައް ހުރި ކުށެއްގެ ތުޙުމަތުގައިވާ މީހަކު ފުލުހުންގެ މަރުކަޒަކަށް ޙާޟިރުކުރުމުގެ ސަބަބުން ފުލުހުންގެ މަރުކަޒުތަކުގައި ކޮވިޑް-19 ފެތުރުމުގެ ބިރު އޮތްކަމަށާއި، ހެކިބަސް ދޭންތިބި މީހުންވެސް ކޮވިޑް-19 ގެ ސަބަބުން ފުލުހުންގެ މަރުކަޒުތަކަށް ޙާޟިރުވުމުގެ ދަތިތަކެއް ހުރިކަމަށާއި، ޤާނޫނީ ވަކީލުންނަށް ފުލުހުންގެ މަރުކަޒުތަކަށް ނުވަތަ މީހުން ބަންދުކޮށްފައިވާ މަރުކަޒުތަކަށް ޙާޟިރުވުމުގައި ފުލުހުންނަށާއި ޤާނޫނީ ވަކީލުންނަށް ނުރައްކަލެއް އޮތްކަމަށް ބަޔާންކޮށްފައިވެއެވެ.

މި ސަބަބުތަކަށްޓަކައި، ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު މުޅި ރާއްޖޭގައި އުވައިލަންދެން، ނުވަތަ އަހުރެން އެހެން ގޮތަކަށް ކަނޑައަޅަންދެން، ޤާނޫނު ނަންބަރު: 2016/12 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 1-203 ވަނަ މާއްދާގެ (ބ) ގެ އިން، ޕްރޮސިކިއުޓަރ ޖެނެރަލްއަށް ލިބިދީފައިވާ އިޚްތިޔާރުގެ ދަށުން، އެއިޚްތިޔާރު ބޭނުންކުރުމަށް އަހުރެން ކަނޑައަޅާ އުޞޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން، އެ ޤާނޫނުގެ ނަވާވީސް-1 ވަނަ ބާބުގައި ބަޔާންކުރާ ތަޙްޤީޤުކުރުމާއި ދަޢުވާކުރުމާ ގުޅޭ އުޞޫލުތަކަށް އަމަލު ކުރުމަށް ނިންމައި އެކަން ޢާންމުކޮށް އަންގައި އިޢުލާންކުރީމެވެ.

   20 ޛުލްޙިއްޖާ 1441

11 އޮގަސްޓް 2020
ހޯދާ