މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީ
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ޝިޕިންގ އެޖެންސީ ހިދުމަތް ދިނުމާއި ބެހޭގޮތުން ކަނޑައަޅާފައިވާ ކަންކަމާއި ބެހޭގޮތުން

އިޢުލާން

                  ދިވެހިރާއްޖޭގައި ޝިޕިންގ އެޖެންސީގެ ޚިދުމަތް ދިނުމާބެހޭ ގަވާއިދުގެ 2020/R-52 (16 ޖުލައި 2020) ގައި ގެޒެޓް ކުރުމާއި ގުޅިގެން ދިވެހިރާއްޖޭގައި ޝިޕިންގ އެޖެންސީގެ ޚިދުމަތްދޭ ކުންފުނިތަކުން 16 އޮގަސްޓް 2020 ވަނަ ދުވަހުގެ ކުރިން މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީގައި ޝިޕިންގ އެޖެންސީއެއްގެ ގޮތުގައި ރަޖިސްޓަރީ ކުރުމަށް ދެންނެވީމެވެ. އެހެންކަމުން މިގަވާއިދުގެ ޖަދުވަލު1 ގައި ބަޔާންކޮށްފައިވާ އެޕްލިކޭޝަން ފޯމު ފުރިހަމަ ކުރެއްވުމަށްފަހު ޝިޕިން އެޖެންސީ ގޮތުގައި ރަޖިސްޓަރީ ކުރުމަށް ހުށަހެޅުއްވުމަށް ދެންނެވީމެވެ. އަދި 16 އޮގަސްޓު 2020 ވަނަދުވަހުގެ ފަހުން މި އޮތޯރިޓީގައި ރަޖިސްޓަރީ ނުކޮށް ޝިޕިންގ އެޖެންސީގެ ޚިދުމަތް ދިނުމަކީ މަނާކަމެކެވެ. އަދި ރާއްޖޭގެ ވިޔަފާރި ބަނދަރުތަކުގައި ޝިޕިންގ އޭޖެންޓުކަން ކުރަންވާނީވެސް މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީއިން ޝިޕިން އެޖެންޓުކަން ކުރުމަށް ޝިޕިން އޭޖެންޓުންނަށް ދޫކުރާ ލައިސަންސެއް އޮވެގެންނެވެ.

 

                  ޝިޕިންގ އެޖެންސީގެ ޚިދުމަތް ކަގަމުގައި ބަލާނެކަންކަން މި ގަވާއިދުގެ 06 ވަނަ މާއްދާގައި ބަޔާންކޮށްފައިވެއެވެ. އެހެންކަމުން މި މާއްދާގައި ބަޔާންކޮށްފައިވާ އެއްވެސް ޚިދުމަތެއް ދިވެހިރާއްޖޭގައި ދޭންވާނީ ޝިޕިންގ އެޖެންސީއެއްގެ ގޮތުގައި މި އޮތޯރިޓީގައި ރަޖިސްޓަރީ ކުރުމަށްފަހުގައެވެ.

 

                  އަދި ދަންނަވަމެވެ. ދިވެހިރާއްޖޭގައި ޝިޕިންގ އޭޖެންސީގެ ޚިދުމަތް ދިނުމާބެހޭ ގަވާއިދުގެ 9 ވަނަމާއްދާގެ ދަށުން ދިވެހިރާއްޖޭގައި ޝިޕިންގ އެޖެންޓު ނުވަތަ ފުރައިޓު ފޯވަޑަރެއް ޑެލިވަރީ އޯޑަރ ދޫކުރުމަށް ޝިޕިންގ އެޖެންޓު ނުވަތަ ފުރައިޓު ފޯވާޑަރ ސީދާގޮތުނަނާއި ނުސީދާގޮތުންވިއަސް ކޮންސައިނީގެ އަތުން ފުރައިޓުގެ އިތުރަށް ފީއެއްގެ ގޮތުގައި ނެގޭނީ ޑެލިވަރީ އޯޑަރަށް އެޑްމިނިސްޓްރޭޓިވް ފީއެއްގެ ގޮތުގައި ގިނަވެގެން -/500 (ފަސްސަތޭކަ) ރުފިޔާއެވެ. އަދި މި ގަވާއިދަށް އަމަލުކުރަން ފެށުމާއެކު ޝިޕިންގ އެޖެންޓު ނުވަތަ ފުރައިޓު ފޯވާޑަރ ރާއްޖެއަށް އިމްޕޯޓް ކުރާ މުދަލަށް ފުރައިޓާއި ޗާޓަރު ކުލި ނެގުމަށް ކަނޑައަޅާފައިވާ ރޭޓުތައް އާއްމުކޮށް އަންގަންވާނެއެވެ.

 

                  އެހެންކަމުން ދިވެހިރާއްޖޭގައި ޝިޕިންގ އެޖެންސީގެ ޚިދުމަތް ދިނުމާބެހޭ ގަވާއިދުގައި ކަނޑައަޅާފައިވާ ކަންކަން ޝިޕިން އެޖެންޓުންނާއި ފުރައިޓު ފޯވާޑިންގ އެޖެންސީތަކުގެ ސަމާލުކަމަށް ގެނައުމަށްޓަކައި މިކަން އާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.

16 ޖުލައި 2020
ހޯދާ