މޯލްޑިވްސް އިމިގްރޭޝަން
ދިވެހިރާއްޖެ
މޯލްޑިވްސް އިމިގްރޭޝަނުން 'ޓްރެވަލަރ ހެލްތް ޑިކްލަރޭޝަން' ތަޢާރަފް ކުރުން.

ކޮވިޑް-19 އާއި ގުޅިގެން ދިވެހިރާއްޖޭގެ ބޯޑަރު ބަންދުކުރުމަށްފަހު 15 ޖުލައި 2020 ގައި އަލުން ހުޅުވާލާއިރު، ރާއްޖެއަށް އަންނަ ދަތުރުވެރިންނާއި ރާއްޖެއިން ފުރާ ދަތުރުވެރިން 'ޓްރެވެލަރ ހެލްތް ޑިކްލަރޭޝަން' ފޯރމް އިމިގްރޭޝަނަށް ހުށަހަޅުއްވަން ވާނެއެވެ. އެގޮތުން ރާއްޖެ އަންނަ ދަތުރުވެރިން ރާއްޖެ އައުމުގެ 24 ގަޑިއިރު ކުރިން، އަދި ރާއްޖެއިން ފުރާ ދަތުރުވެރިން ރާއްޖެއިން ފުރުމުގެ 24 ގަޑިއިރު ކުރިން، މިފޯމް އޮންލައިންކޮށް ފުރުމަށްފަހު ހުށަހަޅުއްވަން ވާނެއެވެ.  

މި ފޯމު ހުށަހެޅޭނީ މޯލްޑިވްސް އިމިގްރޭޝަންގެ އޮންލައިން ޕޯޓަލް، "އިމުގާ" މެދުވެރިކޮށެވެ. އެގޮތުން "އިމުގާ" ޕޯޓަލްއަށް ޒިޔާރަތްކުރެއްވުމަށްފަހު "Traveller Health Declaration" ނެންގެވުމުން، މިކަމަށް ޙާއްސަކުރެވިފައިވާ ފޯމު ފެނިވަޑައިގަންނަވާނެއެވެ. "އިމުގާ" ޕޯޓަލްއަށް ޒިޔާރަތްކުރެވޭނީ imuga.immigration.gov.mv އިންނެވެ. އަދި އިމިގްރޭޝަންގެ ވެބްސައިޓް، www.immigration.gov.mv އަށް ވަޑައިގެން މެނޫ ބަރ އިން "އިމުގާ" ޕޯޓަލް ހިޔާރު ކުރުމުން ވެސް މިޕޯޓަލްއަށް ޒިޔާރަތް ކުރެވޭނެއެވެ.

އަދި ދަންނަވަމެވެ. ރާއްޖެއަށް ޒިޔާރަތްކުރާ ހުރިހާ ފަރާތްތަކުން ވެސް މިފޯމު ހުށަހަޅުއްވަން ވާނެއެވެ.  އެގޮތުން ޓުއަރިސްޓުންނާއި، ވާރކް ވިޒާ އަދި އެހެނިހެން ވީޒާ ތަކުގައި ރާއްޖެ އަންނަ ބިދޭސީންނާއި އަދި ދިވެހިން ވެސް މި ފޯމު ފުރިހަމަ ކުރައްވަން ވާނެއެވެ. އިމިގްރޭޝަންގެ މަޤްސަދަކީ، މި ނާޒުކު ދަނޑިވަޅުގައި ބޯޑަރުގެ ކަންތައްތައް ހަރުދަނާކޮށް ބަލަހައްޓާ، ދަތުރުވެރިން އެއަރޕޯޓުގައި ހޭދަކުރަންޖެހޭ ވަގުތު މަދުކުރުމާއިއެކު ލުއިފަސޭހަ ގޮތްތަކެއް ހަމަޖައްސައިދިނުމެވެ.

15 ޖުލައި 2020
ހޯދާ