ރައްޔިތުންގެ މަޖިލީހުގެ އިދާރާ
ދިވެހިރާއްޖެ
ސިވިލް ސަރވިސް ކޮމިޝަންގެ ހުސްވެފައިވާ 4 މެންބަރުންގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލުން

 `

 

ރައްޔިތުންގެ މަޖިލީހުގެ އިދާރާ

       މާލެ،

                                                                                                                                                                  

އިޢުލާން

ސިވިލް ސަރވިސް ކޮމިޝަންގެ ހުސްވެފައިވާ 4 މެންބަރުންގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލުން

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 187 ވަނަ މާއްދާއާއި، އަދި ޤާނޫނު ނަންބަރު 5/2007  (ދިވެހި ސިވިލް ސަރވިސްގެ ޤާނޫނު) ގައިވާ ގޮތުގެމަތިން ސިވިލް ސަރވިސް ކޮމިޝަންގެ 4 މެންބަރުންގެ މަޤާމް ހުސްވުމާގުޅިގެން، ޤާނޫނު ނަންބަރު 2010/9 (ދިވެހި ސިވިލް ސަރވިސްގެ ޤާނޫނަށް 2 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނު) ގެ 13 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެމަތިން އެ ކޮމިޝަނަށް 4 މެންބަރުން ޢައްޔަންކުރުމަށްޓަކައި، ސިވިލް ސަރވިސް ކޮމިޝަންގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު 14 ޖުލައި 2020 ވާ އަންގާރަ ދުވަހުން ފެށިގެން 21 ޖުލައި 2020 ވާ އަންގާރަ ދުވަހުގެ ނިޔަލަށް ހުޅުވާލައި، އެކަން ޢާންމުކޮށް އިޢުލާން ކުރަމެވެ.

ޤާނޫނު ނަންބަރު 9/2010 (ދިވެހި ސިވިލް ސަރވިސްގެ ޤާނޫނަށް 2 ވަނަ އިސްލާޙުގެ ގެނައުމުގެ ޤާނޫނު) ގެ 13 ވަނަ މާއްދާގެ (ށ) ބަޔާންވެގެންވަނީ، ސިވިލް ސަރވިސް ކޮމިޝަނަށް މެންބަރުން ނުވަތަ މެންބަރެއް ޢައްޔަންކުރަން ބޭނުންވާ ކޮންމެ ފަހަރަކު، އެކަމަށް އެދޭ ފަރާތްތައް ހޯދުމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ޢާންމުކޮށް އިޢުލާންކޮށް، އެކަމަށް އިޖާބަދޭ މީހުންގެ ނަންތައް މިނިވަން މުއައްސަސާތަކުގެ ކަންތައްތަކާބެހޭ ކޮމިޓީއިންދިރާސާކުރައްވައި ކޮމިޓީގެ ރިޕޯޓު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަންވާނެކަމަށެވެ. އަދި އެގޮތުން، އެ ކޮމިޓީން ރައްޔިތުންގެ މަޖިލީހަށް ނަން ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ އަޣްލަބިއްޔަތުން ފާސްކުރާ ފަރާތެއް ނުވަތަ ފަރާތްތައް ސިވިލް ސަރވިސް ކޮމިޝަންގެ މެންބަރުކަމަށް ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރަންވާނެކަމަށެވެ.

 

ކޮމިޝަންގެ މެންބަރުންގައި ހުރުން ލާޒިމުވާ ސިފަތައް:

ޤާނޫނު ނަންބަރު 9/2010 (ދިވެހި ސިވިލް ސަރވިސްގެ ޤާނޫނަށް 2 ވަނަ އިސްލާޙުގެ ގެނައުމުގެ ޤާނޫނު) ގެ 13 ވަނަ މާއްދާގެ (ރ) ގައިވާ ގޮތުގެމަތިން، ކޮމިޝަނުގެ މެންބަރުކަމަށް ޢައްޔަންކުރަންވާނީ، ކޮމިޝަނުގެ މަސްއޫލިއްޔަތާއި ވާޖިބުތައް އަދާކުރެވޭފަދަ ތަޢުލީމީ ޤާބިލުކަން ހުރި މީހުންގެ ތެރެއިން، ޤާނޫނު ނަންބަރ 2007/5 (ދިވެހި ސިވިލް ސަރވިސްގެ ޤާނޫނު) ގެ 12 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އަންނަނިވި ސިފަތައް ފުރިހަމަވާ ފަރާތްތަކެވެ.

  1. ދިވެހި ރައްޔިތަކު ކަމުގައިވުން.
  2. މުސްލިމަކު ކަމުގައިވުން.
  3. ބުއްދި ސަލާމަތުން ހުރުން.
  4. ޢުމުރުން 30 އަހަރު ވެފައިވުން
  5. އިސްލާމްދީނުގައި ޙައްދެއް ކަނޑައެޅިފައިވާ ކުށެއްކުރިކަން ޝަރީޢަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން، އަދި ޖިނާއީ ކުށެއް ކުރިކަން ވޭތުވެދިޔަ 5 އަހަރު ދުވަހުގެ ތެރޭގައި، ޝަރީޢަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން.
  6. ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ ނުވަތަ ޤާނޫނެއްގެ ދަށުން އިންތިޚާބު ކުރެވޭ މަޤާމެއް ފުރަމުންދާ މީހަކު ކަމުގައި ނުވުން.
  7. އެއްވެސް އެހެން ވަޒީފާއެއް އަދާކުރާ މީހަކު ކަމުގައި ނުވުން.
  8. ފުރަތަމަ ޑިގްރީ ފެންވަރަށް ތަޢުލީމު ހާސިލުކުރުމަށްފަހު، ސަރުކާރުގައި ނުވަތަ ސަރުކާރުނޫން ފަރާތެއްގައި ހިންގުމުގެ ދާއިރާގައި މަދުވެގެން 10 އަހަރު ޚިދުމަތްކޮށްފައިވުން.

 

ސިވިލް ސަރވިސް ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލުމަށްއެދޭ ފޯމާއި، އިޤްރާރު ދޫކުރުމާއި، ފޯމާއި އިޤްރާރު ބަލައިގަތުމަށް ހަމަޖެހިފައިވަނީ، މި އިޢުލާނުގައި ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައި، ސަރުކާރު ބަންދުނޫން ކޮންމެ ދުވަހެއްގެ 8:30 އިން 14:00 އަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިންނެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލުމަށްއެދޭ ފޯމާއި، އިޤްރާރު ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ. ވެބްސައިޓުގެ އެޑްރެހަކީ www.majlis.gov.mv  އެވެ.

14 ޖުލައި 2020
ހޯދާ