މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
މުދާ ވިއްކުމާއި ޚިދުމަތް ދިނުމުގައި ވަކި ފަރާތެއް ތަފާތުކުރާ ވިޔަފާރިތަކާއި، ޒަރޫރީ ބޭނުންތައް ފުއްދުމަށް ވިއްކާ ތަކެތި ކޮވިޑް-19 އާ ގުޅިގެން، މުދަލާ ނުބައްދަލު އަގެއްގައި ވިއްކާ ފަރާތްތަކާއި، އިލެކްޓްރޯނިކް ޒަރީޢާއަކުން މުދާ ގަންނަން އެދޭ ފަރާތްތަކަށް ޚިދުމަތް ދިނުމުގައި ޙަޤީޤަތް އޮޅޭފަދަ ގޮތަކަށް އިސްތިޙާރުކުރާ ފަރާތްތަކާމެދު ފިޔަވަޅު އެޅޭނެކަން އެންގުން

އިޢުލާން

 

މުދާ ވިއްކުމާއި ޚިދުމަތް ދިނުމުގައި ވަކި ފަރާތެއް ތަފާތުކުރާ ވިޔަފާރިތަކާއި، ޒަރޫރީ ބޭނުންތައް ފުއްދުމަށް ވިއްކާ ތަކެތި ކޮވިޑް-19 އާ ގުޅިގެން، މުދަލާ ނުބައްދަލު އަގެއްގައި ވިއްކާ ފަރާތްތަކާއި، އިލެކްޓްރޯނިކް ޒަރީޢާއަކުން މުދާ ގަންނަން އެދޭ ފަރާތްތަކަށް ޚިދުމަތް ދިނުމުގައި ޙަޤީޤަތް އޮޅޭފަދަ ގޮތަކަށް އިސްތިޙާރުކުރާ ފަރާތްތަކާމެދު ފިޔަވަޅު އެޅޭނެކަން އެންގުން

 

ޤާނޫނު ނަންބަރު 96/01 (މުދާ ގަންނަ ފަރާތްތަކާ ޚިދުމަތް ލިބިގަންނަ ފަރާތްތައް ޙިމާޔަތްކުރުމުގެ ޤާނޫނު)ގެ 2 ވަނަ މާއްދާގެ ދަށުން، ވިޔަފާރިކުރާ ތަނަކުން އެތަނަކުން ވިއްކާ މުދަލެއް ވިއްކުމުގައި، ނުވަތަ ޚިދުމަތް ދޭ ފަރާތަކުން އެފަރާތަކުންދޭ ޚިދުމަތެއް ދިނުމުގައި، ނަހަމަގޮތެއްގައި ވަކި ފަރާތެއް ތަފާތު ކުރުމާއި، އެފަދަ ގޮތެއްގައި، މުދަލެއް ވަކި ފަރާތަކަށް ނުވިއްކުމާއި ޚިދުމަތް ވަކި ފަރާތަކަށް ނުދިނުމަކީ ކުށެކެވެ.

 

މިހާރުގެ ޙާލަތަށް ރިޢާޔަތްކޮށް، އޮންލައިން ޒަރީޢާއިން މުދާ ވިއްކުމާއި މުދާ ފޯރުކޮށްދިނުމުގެ ޚިދުމަތް ދެމުންދާއިރު، މިޤާނޫނުގެ 8 ވަނަ މާއްދާގެ (ނ) ގެ ދަށުން، ވިޔަފާރިއަކުން ފޯރުކޮށްދޭ ޚިދުމަތަކީ، ވަކި ފެންވަރެއްގެ ޚިދުމަތެއްކަމަށް ޙަޤީޤަތާ ޚިލާފަށް ބަޔާންކުރުމަކީވެސް މަނާކަމެކެވެ.

 

އަދި، ހަމަ މިޤާނޫނުގެ ދަށުން، މުދަލާ ނުބައްދަލު އަގެއްގައި މުދާ ވިއްކަމުންދާނަމަ، ރާއްޖޭގައި ވަކި ބާވަތެއްގެ ވިޔަފާރި މުދަލެއް އެއިރަކު ލިބެންހުރި ގޮތަކުން، ނުވަތަ ރާއްޖޭގެ އެއިރެއްގެ އިޤްތިޞާދީ ޙާލަތަށް ރިޢާޔަތްކޮށް، މުދަލުގެ އަގު ކޮންޓްރޯލްކުރުމުގެ އިޚްތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.

 

ވީމާ، އިސްވެ ދެންނެވުނު ޤާނޫނުގެ 2 ވަނަ މާއްދާއާއި 8 ވަނަ މާއްދާގެ (ނ) އާ ޚިލާފުވާ ފަރާތްތަކާބެހޭ ޝަކުވާ މިމިނިސްޓްރީގެ އީމެއިލް އެޑްރެސް [email protected]  އަށް ހުށަހެޅުއްވުމަށް ދަންނަވަމެވެ.

މިޤާނޫނާ ޚިލާފުވާ ކޮންމެ ފަރާތަކަށްވެސް، ކޮވިޑް19 އާ ގުޅިގެން މާލެސިޓީ ލޮކްޑައުން ކުރެވިފައިވާ މުއްދަތުގައި ވިޔަފާރިކުރުމަށް ނުވަތަ މުދާ ޑެލިވަރކުރުމަށް ދޫކޮށްފައިވާ ހުއްދަ ބާތިލުކުރެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ. އަދި، މުދާ ގަންނަ ފަރާތްތަކާ ޚިދުމަތް ލިބިގަންނަ ފަރާތްތައް ޙިމާޔަތްކުރުމުގެ ޤާނޫނުގެ ދަށުން، މި ޤާނޫނާ ޚިލާފުވާ ފުރަތަމަ ފަހަރު، އެ ފަރާތެއް 100,000 (އެއްލައްކަ) ރުފިޔާއިން ޖޫރިމަނާ ކުރެވޭނެއެވެ. އަދި، ކުށް ތަކުރާރުކުރާ ކޮންމެ ފަހަރަކު އެ ފަރާތް 100,000 (އެއްލައްކަ) ރުފިޔާއިން ޖޫރިމަނާކޮށް، އެންމެ ގިނަވެގެން 6 (ހައެއް) މަސް ދުވަހުގެ މުއްދަތަށް ވިޔަފާރިކުރާ ތަން ބަންދުކުރުމަށް އެންގޭނެއެވެ.

23 އޭޕްރިލް 2020
ހޯދާ