ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުޅުދުއްފުށި ސިޓީގައި ހިންގާފައިވާ ކާފިއުއަށް ނުކިޔަމަންތެރިވާ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމާއި ގުޅޭ

 ކޮވިޑް-19 ފެތުރުމުގެ ބިރު ބޮޑުވެފައި ވާތީ ކުޅުދުއްފުށި ކޮވިޑް-19 ޓާސްކު ފޯސްގެ ނިންމުމުގެ މަތިން ބަލި ފެތުރުން ކޮންޓްރޯލު ކޮށް ރައްކާތެރިވުމުގެ ގޮތުން 21 އެޕްރީލް 2020 ގެ މެންދުރު 12:00 އިން 24 އެޕްރީލް 2020 ގެ 12:00 އަށް ކުޅުދުއްފުށި ސިޓީ ލޮކްޑައުންކޮށް ކާފިއު ހިންގާފައި ވާކަން މި އިދާރާގެ (IUL)266/266/2020/42 (21 އެޕްރީލް 2020) އިޢުލާން އިން ވަނީ އެންގިފައެވެ.

ކުޅުދުއްފުށި ސިޓީ ލޮކްޑައުންކޮށް ކާފިއު އިޢުލާން ކުރެވިފައި ވަނީ ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ2020/39  ނަންބަރު އެންގުމުގެ ނުކުތާ ނަންބަރު 1 (އެކެއް) ގައި ލޯކަލް ކައުންސިލްގެ އިޙްތިޞާޞް ހިނގާ ސަރަހައްދުތަކުގައި ކޮވިޑް-19 ފެތުރުމުގެ ފުރުސަތު އޮތް މިންވަރަށާއި ހާލަތަށް ރިޢާޔަތްކޮށް އެއްވެ އުޅުން ހުއްޓުވުމަށާއި އިޖްތިމާއި ގައިދުރުކަން ޤާއިމު ކުރުމަށް ފިޔަވަޅު އެޅުމަށް ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މި ކައުންސިލަށް ދެއްވާފައިވާ ބާރުގެ ދަށުންނެވެ.

ކާފިއު އިޢުލާންކޮށްފައިވާ މުއްދަތުގައި ހުއްދަ ނެތި ބޭރަށް ނުކުމެ އުޅުމަކީ މަނާ ކަމެކެވެ. މި އެންގުމާއި ހިލާފްވާ ފަރާތްތަކާއި މެދު ޤާނޫނު ނަންބަރު 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު)ގެ 143 މާއްދާއާއި ހަވާލާދީ ކައުންސިލުން ކުރާ އަމުރަށް ނުކިޔަމަންތެރިވާ ފަރާތްތަކާއި މެދު އަދަބެއްގެ ގޮތުގައި މައްސަލައިގެ ކުޑަ ބޮޑުމިނަށް ބަލައި 500 (ފައްސަތޭކަ) ރުފިޔައާއި 5000 (ފަސްހާސް) ރުފިޔާއާ ދެމެދުގެ ޢަދަދުކަން ޖޫރިމަނާ ފިޔަވަޅު އަޅުމަށް ލިބިދޭ ބާރުގެ ދަށުން ޢަމަލު ކުރަމުގެ އިޚްތިޔާރު މި ކައުންސިލަށް ލިބިފައިވާކަން އާންމުކޮށް އަންގައި އިޢުލާން ކުރަމެވެ.

މިދަނޑިވަޅުގައި ބަލި ކޮންޓްރޯލް ކުރުމަށް ހުރިހާ ރައްޔިތުން ވެސް އެއްބާރުލުން ދިނުމަށާއި ސަލާމަތީ ބާރުތަކުގެ އެންގުންތަކަށް ފުރިހަމައަށް ބޯލެބުމަށް އިލްތިމާސް ކުރަމެވެ. ބަލި ފަތުރުން ކޮންޓްރޯލް ކުރުމަށް ހުރިހާ ރައްޔިތުން ފަރުދީ ޒިންމާ ފުރިހަމައަށް އަދާކުރުމަށް ނަސޭހަތްތެރިވަމެވެ.

21 އޭޕްރިލް 2020
ހޯދާ