ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކޮވިޑް-19 އާއި ގުޅިގެން ކުޅުދުއްފުށީގައި މަސައްކަތް ކުރާ އަދި ދިރުއުޅޭ ބިދޭސީންގެ ދަފްތަރު އަދާހަމަކުރުމާއި ގުޅޭ

ކުޅުދުއްފުށީގައި މަސައްކަތް ކުރާ އަދި ދިރިއުޅޭ ބިދޭސީންގެ ދަފްތަރު މި އިދާރާއިން އަންނަނީ ބަލަހައްޓަމުންނެވެ. ނަމަވެސް މި ދަފްތަރުގައި ބިދޭސީ މުވައްޒަފުން ރަޖިސްޓްރީނުކޮށް ބައެއް ފަރާތްތަކުން ގެންގުޅޭކަން މިކައުންސިލަށް ވަނީ ފާހަގަ ކުރެވިފައެވެ. ކޮވިޑް-19 ރޯގާއާއި ގުޅިގެން ރަށުގައި ދިރިއުޅޭ ބިދޭސީންނާއި އެމީހުން ދިރިއުޅޭ ތަންތަނާއި އަދި އެފަރާތްތަކާއި ހަވާލުވެ ހުރި ފަރާތްތަކުގެ ސައްޙަ މަޢުލޫމާތު ކަމާގުޅުންހުރި އިދާރާތަކަށް އެނގުން ވަރަށް މުހިންމު ކަމުގައި ކުޅުދުއްފުށީގައި ކޮވިޑް-19 ރޯގާއާއި ގުޅިގެން އުފަދާފައިވާ ޓާސްކް ފޯސްއިން ވަނީ އިރުޝާދު ދީފައެވެ. މިފަދަ މަޢުލޫމާތުތަކަކީ ބިދޭސީ މަސައްކަތްތެރިއެއްގެ ފަރާތުން ބަލީގެ އަލާމާތެއް ފެނިއްޖެނަމަ އެފަރާތް ކަރަންޓީނު ކުރުމަށާއި އެހީ ފޯރުކޮށްދިނުމަށް އަދި ކޮންޓެކްޓް ޓްރޭސިންގ ހެދުމަށް ނުހަނު މުހިންމު މަޢުލޫމާތު ތަކެއް ކަމަށް ވާތީ ދަފްތަރު އަދާހަމަކުރުމުގެ މަސައްކަތް ކައުންސިލްއިން ހާއްސަ ސަމާލުކަމެއްދީގެން މި އަންނަނީ ކުރަމުންނެވެ. އެހެންކަމުން މުޖުތަމަޢުގެ އެންމެންގެ ރަށްކަލަށްޓަކައި ބިދޭސީ މަސައްކަތްތެރިން ގެންގުޅޭ ފަރާތްތަކުން ބިދޭސީންގެ ދަފްތަރު އަދާހަމަކުރުމަށް މިކައުންސިލްއިން ފަށާފައިވާ މަސައްކަތަށް އެއްބާރުލުން ދިނުމަށް ދަންނަވަމެވެ.

އެނގިވަޑައިގަންނަވާނޭ ފަދައިން ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންގެ ރަޖިސްޓްރީއެއް ސަރުކާރުން ބެލެހެއްޓުމަށްޓަކައި، ރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި އެ ރަށެއްގެ ރަށު ކައިންސިލް ނުވަތަ ސިޓީ ކައުންސިލްގައި "ބިދޭސީން ރަޖިސްޓްރީ ކުރާ ދަފްތަރެއް" އޮންނަންވާނެ ކަމުގައި ވަޒީފާ އަދާކުރުމަށް ދިވެހިރާއްޖެއަށް ބިދޭސީން ގެނައުމުގެ ޤަވައިދުގެ 24ވަނަ މާއްދާގައި ބަޔާންކޮށްފައިވެއެވެ.

ވިމާ، ބިދޭސީން ކުޅުދުއްފުށީގައި ގެންގުޅުއްވާ ފަރާތްތަކުން ވީ އެންމެ އަވަހަކަށް އެފަރާތްތަކުގެ މަޢުލޫމާތު ކައުންސިލްއާއި ހިއްސާކޮށް ދަފްތަރު ކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުން އެދެމެވެ. ދަފްތަރު ކުރުމަށްޓަކައި މިކައުންސިލަށް ބޭނުންވާ ބިދޭސީންނާއި ގުޅޭ މަޢުލޫމާތު އަދި ހަވާލުވެހުރި ފަރާތުގެ މަޢުލޫމާތު ބަޔާންކުރާ ފޯމާއި ދަފްތަރު ކުރައްވަން ޢަމަލު ކުރައްވަންވީ ގޮތުގެ އިރުޝާދު މި ކައުންސިލްގެ ވެބްލިންކް: https://kulhudhuffushicity.gov.mv/2020/03/5734  އިން ލިބެން ހުންނާނެއެވެ. އެހެންކަމުން ކުޅުދުއްފުށީގައި ބިދޭސީން ގެންގުޅޭ ފަރާތްތަކުން މަތީގައި ބަޔާން ކުރެވިފައިވާ ގޮތަށް 23 މާރިޗު 2020ވާ ހޯމަ ދުވަހުގެ ނިޔަލަށް ދަފްތަރުކޮށް ނިންމެވުން އެދެމެވެ. މިކަމާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރުމަށްޓަކައި ބިދޭސީންގެ ދަފްތަރު އަދާހަމަކުރުމާއި ގުޅޭ ހޮޓްލައިންއަށް 9531312 އަށް ގުޅުއްވާ މަޢުލޫމާތު ސާފު ކުރެއްވުން އެދެމެވެ.

މިގޮތަށް ޢަމަލު ނުކުރާ ފަރާތްތަކާއިމެދު ޤާނޫނު ނަންބަރު 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު)ގެ 143 މާއްދާގެ ދަށުން ފިޔަވަޅު އަޅަމުން ގެންދާނެކަން އާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.

20 މާރިޗު 2020
ހޯދާ