މުލަކަތޮޅު ކޮޅުފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރައްޔިތުންނާއެކު މަޝްވަރާކުރުމަށް ބާއްވާ ބައްދަލުވުންތަކުގެ އިންތިޒާމުތައް ހަމަޖެއްސުމުގެ އުޞޫލު

 

މުލަކަތޮޅު ކޮޅުފުށީ ކައުންސިލްގެ އިދާރާ

SECRETARIAT OF THE KOLHUFUSHI COUNCIL

 ކޮޅުފުށި

MULAK ATOLL

  ދިވެހިރާއްޖެ

Rep Of Maldives

(DIR)367/367/2020/1

ނަންބަރު:

 

ރައްޔިތުންނާއެކު މަޝްވަރާކުރުމަށް ބާއްވާ ބައްދަލުވުންތަކުގެ އިންތިޒާމުތައް ހަމަޖެއްސުމުގެ އުޞޫލު

މ.ކޮޅުފުށީ ކައުންސިލްގެ އިދާރާ

  1. 1.    ތަޢާރަފާއި ނަން

1.1.   މިއީ ޤާނޫން ނަންބަރު 2010/07 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫން) ގެ 107-1 ވަނަ މާއްދާގެ (ބ) ގެ ދަށުން، މ.ކޮޅުފުށީ ގައި ދިރިއުޅޭ ރައްޔިތުންނާއި މަޝްވަރާކޮށް ޚިޔާލާއި ލަފާ ކައުންސިލްގެ މުހިންމު ނިންމުންތަކުގައި ހޯދުމަށާއި، އެ ރައްޔިތުން އެދި ހުށައަޅާ ކަމަކަށް ނުވަތަ ކަންތައްތަކާއި ގުޅޭގޮތުން މަޝްވަރާކޮށް ލަފާ ހޯދުމަށް ކައުންސިލުން ބާއްވާ ބައްދަލުވުންތަކުގެ އިންތިޒާމުތައް ހަމަޖައްސައިދިނުމުގައި (މުލަކަތޮޅު ކޮޅުފުށި ކައުންސިލްގެ އިދާރާ) އަމަލުކުރާނެ އުޞޫލެވެ.

1.2.   މި އުޞޫލަށް ކިޔާނީ "ރައްޔިތުންނާއެކު މަޝްވަރާކުރުމަށް ބާއްވާ ބައްދަލުވުންތަކުގެ އިންތިޒާމުތައް ހަމަޖެއްސުމުގެ އުޞޫލު" އެވެ.

1.3.   މި އުޞޫލުގެ ބޭނުމަށް އާއްމުކޮށް ދިރިއުޅޭ އާބާދީ ކަމަށް ބަލާނީ ޤާނޫން ނަންބަރު 2010/07 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) އިން ކައުންސިލްތަކަށް ބެލެހެއްޓުމަށް ޒިންމާކޮށްފައިވާ މ.ކޮޅުފުށީ ރަށްވެހިވެފައިވާ އާބާދީގެ ތަފާސްހިސާބަށެވެ.

 

  1. 2.    މަޤްސަދު

މި އުޞޫލުގެ މަޤްޞަދަކީ މުލަކަތޮޅު ކޮޅުފުށި ކައުންސިލްގެ އިދާރާ އިޚްތިޞާސްގައި ހިމެނޭ ކަންކަމާއި ގުޅޭގޮތުން، ކައުންސިލުން ނިންމާ މުހިންމު ނިންމުންތަކަކާއި އަދި ރައްޔިތުންގެ އެދުމުގެ މަތިން، އެރައްޔިތުން އެދި ހުށައަޅާ ކަމަކަށް ނުވަތަ ކަންތައްތަކާއި ގުޅޭގޮތުން މަޝްވަރާކޮށް ހިޔާލާއި ލަފާ ހޯދުމަށް ބާއްވާ ބައްދަލުވުންތައް ހަމަޖެއްސުމުގެ އިންތިޒާމާއި، ކުރިޔައް ގެންދާނެ ގޮތާއި، އެ ބައްދަލުވުންތަކުގައި ވޯޓަށް އެހުމުގައި އަމަލު ކުރާނެ ގޮތް، އެއް އުޞޫލެއްގެ މަތިން ބޭއްވުމަށް މަގުފަހިކުރުމެވެ.

 

  1. 3.    ރައްޔިތުންނާއެކު މަޝްވަރާ ބައްދަލުވުންތައް އިންތިޒާމުކުރުން

3.1.   މ.ކޮޅުފުށީގެ ރައްޔިތުންނަށް އާއްމުކޮށް ހުޅުވާލައިގެން މަޝްވަރާ ބައްދަލުވުމެއް މަދުވެގެން ކޮންމެ 4 (ހަތަރެއް) މަހަކުން އެއްފަހަރު ބާއްވަންވާނެއެވެ.

3.2.   މި އުޞޫލުގެ ދަށުން ބާއްވާ ބައްދަލުވުން ތަކުގައި އެޖެންޑާކޮށް މަޝްވަރާކުރެވޭނީ އެ ކައުންސިލެއްގެ އިޚްތިޞާސްގައި ހިމެނޭ ކަންކަމާއި ގުޅުންހުރި ކަންކަމުގައެވެ.

3.3.   މި އުޞޫލުގެ ދަށުން ބާއްވާ ބައްދަލުވުންތަކުގައި ވަކި އަދަދެއްގެ ރައްޔިތުން ބައިވެރިވުން ލާޒިމެއް ނޫނެވެ.

3.4.   މި އުޞޫލުގެ ދަށުން ބާއްވާ ބައްދަލުވުންތައް އިންތިޒާމު ކުރުމުގައި، މ.ކޮޅުފުށީގައި އާއްމުކޮށް ދިރިއުޅޭ އާބާދީގެ އެންމެހާ ފަރާތްތަކަށް ފަސޭހަކަމާއެކު ބައިވެރިވެވޭނެ ތަނަކާއި ވަގުތެއްގައި ބައްދަލުވުން ބޭއްވުމަށް ކައުންސިލުން އަޙައްމިއްޔަތުކަން ދޭންވާނެއެވެ.

3.5.   މި އުޞޫލުގެ ދަށުން ބާއްވާ ބައްދަލުވުންތަކުގެ ރިޔާސަތަކީ ކައުންސިލްގެ ރައީސް، ނުވަތަ ކައުންސިލުގެ ރައީސް ކަނޑައަޅައިފައިވާ ކައުންސިލްގެ މެމްބަރެކެވެ.

 

  1. 4.    ރައްޔިތުންގެ އެދުމުގެ މަތިން ބައްދަލުވުމެއް އިންތިޒާމުކުރުން

4.1.   މ.ކޮޅުފުށީ ގައި ދިރިއުޅެމުންދާ މީހުންގެ ތެރެއިން 50 މީހުން ނުވަތަ ޢާންމުކޮށް ދިރިއުޅޭ އާބާދީ 20 އިންސައްތަ ރައްޔިތުން (މި ދެއަދަދަށް ބަލާ މީގެތެރެއިން މަދު އަދަދެއްގެ ރައްޔިތުން) ކައުންސިލްގެ އިޚްތިސާސް ހިމެނޭ ކަމަކާއި ނުވަތަ ކަންތައްތަކަކާއި ގުޅިގެން ކައުންސިލާއި މަޝްވަރާކޮށް ޙިޔާލު ފާޅުކުރުމަށް އާންމުކޮށް ހުޅުވާލައިގެން ބައްދަލުވުމެއް ބޭއްވުމަށް އެދެފިނަމަ އެކަމެއް ނުވަތަ އެކަންކަމާއި މަޝްވަރާކުރުމަށް ބައްދަލުވުމެއް ބާއްވަންވާނެއެވެ.

4.2.   ކައުންސިލްގެ މަޝްވަރާ ބައްދަލުވުމެއް އިންތިޒާމުކޮށްދިނުމަށް ރައްޔިތުން އެދެންވާނީ، އެބައްދަލުވުން ބޭއްވުމަށް ރައްޔިތުން ބޭނުންވާ، އާއްމު މަސްލަހަތާއި ގުޅުންހުރި ސަބަބު ބަޔާންކޮށް، މި މާއްދާގެ (4.1) އިން ކަނޑައަޅާފައިވާ އަދަދަށް ރައްޔިތުން ހަމަވާ މި އުޞޫލުގެ ޖަދުވަލް 1 (އެކެއް) ގައި ހިމަނާއިފައިވާ ނަމޫނާ ޕެޓިޝަނާއި އެއްގޮތަށެވެ. މިލިޔުމުގައި ބައްދަލުވުން ބޭއްވުމަށް އެދި ހުށަހަޅާ ރައްޔިތުންގެ ނަން، އުޅޭ އެޑްރެސް، ގުޅޭ ނަންބަރު އަދި ސޮއި ހިމަނަންވާނެ އެވެ.

4.3.   މި މާއްދާގެ (4.1) އަދި (4.2) އިން ބަޔާންކޮށްފައިވާ ޝަރުތުތައް ފުރިހަމަކޮށް ބައްދަލުވުމެއް ބޭއްވުމަށް ރައްޔިތުން އެދޭތާ ގިނަވެގެން 1 (އެކެއް) މަސްދުވަހުގެ ތެރޭގައި ރައްޔިތުންނަށް އާންމުކޮށް ހުޅުވާލައިގެން، ބައްދަލުވުމެއް ކައުންސިލުން އިންތިޒާމުކޮށްގެން ބާއްވަންވާނެއެވެ.

4.4.   ރައްޔިތުންގެ އެދުމުގެ މަތިން ބާއްވާ ބައްދަލުވުންތައް އިންތިޒާމު ކުރުމުގައި މ.ކޮޅުފުށީގައި އާއްމުކޮށް ދިރިއުޅޭ އާބާދީގެ އެންމެހާ ފަރާތްތަކަށް ފަސޭހަކަމާއެކު ބައިވެރިވެވޭނެ ތަނަކާއި ވަގުތެއްގައި ބައްދަލުވުން ބޭއްވުމަށް ކައުންސިލުން އަޙައްމިއްޔަތުކަން ދޭންވާނެއެވެ.

4.5.    ރައްޔިތުންގެ އެދުމުގެ މަތިން ބާއްވާ ބައްދަލުވުންތަކުގެ ރިޔާސަތަކީ ކައުންސިލްގެ ރައީސް، ނުވަތަ ކައުންސިލުގެ ރައީސް ކަނޑައަޅާފައިފައިވާ ކައުންސިލްގެ މެމްބަރެކެވެ.

4.6.   މި މާއްދާގެ (4.1) ގައި އެހެން ބަޔާންކޮށްފައިވީނަމަވެސް، ރައްޔިތުންގެ އެދުމުގެ މަތިން ބާއްވާ ބައްދަލުވުމުގައި ވަކި އަދަދެއްގެ ރައްޔިތުން ބައިވެރިވުން ލާޒިމެއް ނޫނެވެ.

 

  1. 5.    ބައްދަލުވުމުގެ އެޖެންޑާ އެކުލަވާލުމާއި މައުލޫމާތު ރައްޔިތުންނާއި ހިއްސާކުރުން

5.1.   މި އުޞޫލުގެ ދަށުން ބާއްވާ ބައްދަލުވުން ތަކުގައި ސަރުކާރުގެ އޮފީސްތަކުންނާއި، ކައުންސިލް މެމްބަރުންނާއި، ކައުންސިލް އިދާރާއިން އަދި އަމިއްލަ ފަރާތްތަކުން މަޝްވަރާ ކުރުމަށް އެދި ކައުންސިލް އިދާރާއަށް ހުށައަޅާ ކަންތައްތައް ހިމަނައިގެން ބައްދަލުވުމުގެ އެޖެންޑާ ތައްޔާރުކުރަންވާނެއެވެ.

5.2.   ބައްދަލުވުން ބޭއްވުމަށް ކަނޑއަޅާ ތާރީޚުގެ 3 ދުވަސް ކުރިން އެޖެންޑާއާއި ބައްދަލުވުން ބާއްވާތަނާއި ގަޑި އަދި ބައްދަލުވުމުގައި މަޝްވަރާ ކުރާނޭ ކަންތައްތަކާއި ބެހޭ އެންމެހާ މަޢުލޫމާތު ކައުންސިލުން އާއްމުކޮށް އިއުލާނުކުރަންވާނެއެވެ.

5.3.   ބައްދަލުވުމުގެ މަޝްވަރާތައް ކުރިޔަށް ގެންދަންވާނީ އެޖެންޑާ ކުރެވިފައިވާ ތަރުތީބުންނެވެ.

5.4.   ބައްދަލުވުމުގެ ޔައުމިއްޔާގައި އެޖެންޑާ ކުރެވިފައިވާ ކަމެއް ނުވަތަ ކަންތައްތަކެއް ބައްދަލުވުމުގައި ކުރިޔަށް ނުގެންދެވޭނަމަ، ދެން އެންމެ އަވަހަށް ކައުންސިލުން އިންތިޒާމު ކޮށްގެން ކުރިޔަށް ގެންދާ މަޝްވަރާ ބައްދަލުވުމުގެ އެޖެންޑާގައި އެކަމެއް ނުވަތަ ކަންތައްތަކެއް ހިމަނަންވާނެއެވެ. މިފަދަ ހާލަތުގައި އެކަމެއް ނުވަތަ ކަންތައްތަކެއް ބައްދަލުވުމުގައި ކުރިޔަށް ނުގެންދެވެނު ސަބަބު ބައްދަލުވުމުގައި ބަޔާންކުރަންވާނެއެވެ. އަދި އެކަމުގެ ތަފްޞީލާއި ސަބަބު ބައްދަލުވުމުގެ ޔައުމިއްޔާގައި ހިމަނަންވާނެއެވެ.

 

  1. 6.     ބައްދަލުވުން މޮޑަރޭޓްކުރުން

ބައްދަލުވުމުގައި މަޝްވަރާކުރުމަށް  އެޖެންޑާކުރެވިފައިވާ ކަންކަމާއި ގުޅޭގޮތުން މައުލޫމާތު ދިނުމަށާއި މަޝްވަރާ ކުރިއަށް ގެންދިއުމަށް ފަންނީ ބޭފުޅެއް ކަނޑައެޅިދާނެއެވެ.

 

  1. 7.     ބައްދަލުވުމުގައި ވޯޓަށް އެހުން

7.1.   މި އުޞޫލުގެ ދަށުން ބާއްވާ ބައްދަލުވުންތަކުގައި މަޝްވަރާކުރާ ކަމަކާއި ގުޅޭގޮތުން ރައްޔިތުންގެ ވޯޓަށް އަހާނަމަ، ވޯޓަށް އަހަންވާނީ މަޝްވަރާ ކުރެވޭކަންކަން ކޮންމެކަމެއް ވަކިވަކީންނެވެ. މިގޮތަށް ވޯޓަށްއެހުމުން  ވޯޓުދޭނީ އަތް އުފުލައިގެންނެވެ.

7.2.   މި މާއްދާގެ ދަށުން ނެގޭ ވޯޓުގެ ބައްދަލުވުމުގައި ކައުންސިލްގެ ރައީސް، ކައުންސިލް މެންބަރުން، ކައުންސިލްގެ މުވައްޒަފުން އަދި ބައްދަލުވުން މޮޑަރޭޓްކުރާ ފަރާތް ބައިވެރިވެގެން ނުވާނެއެވެ.

7.3.   މިމާއްދާގެ ދަށުން ނެގޭވޯޓުގައި މ. ކޮޅުފުށީގައި ބައިވެރިވެވޭނީ ލޯކަލް ކައުންސިލް އިންތިހާބުގައި އެކައުންސިލްގެ ދާއިރާއަށް ނިސްބަތްވާ ފަރާތްތަކަށް  ނުވަތަ މ. ކޮޅުފުށީގައި އާންމުކޮށް ދިރިއުޅޭ ފަރާތްތަކަށެވެ.

7.4.   މިމާއްދާގެ ދަށުން ނެގޭ ވޯޓުގައި، އެންމެ މަތިން ވޯޓު ލިބިފައިވަނީ 2 (ދޭއް) އިޙްތިޔާރު ނުވަތަ އެއަށްވުރެ ގިނަ އިޙްތިޔާރަށް އެއްވަރަކަށްނަމަ، އެންމެ ގިނަވޯޓް ލިބިފައިވާ އިޙްތިޔާރުތަކުގެ މެދުގައި އަލުން ވޯޓަށް އަހަންވާނެއެވެ.

7.5.   މިމާއްދާގެ (7.2) ގައި އެހެން ބަޔާން ކޮށްފައި ވީނަމަވެސް މި މާއްދާގެ (7.4) އާއި އެއްގޮތަށް ނެގޭވޯޓުގައިވެސް، އެންމެ މަތިން ވޯޓް ލިބިފައިވަނީ 2 (ދޭއް) އިޙްތިޔާރު ނުވަތަ އެއްވުރެ ގިނަ އިޙްތިޔާރަށް އެއްވަރަކަށްނަމަ، ކައުންސިލްގެ ރައީސް، ކައުންސިލްގެ މެންބަރުން، ކައުންސިލްގެ މުވައްޒަފުން އަދި ބައްދަލުވުމުގެ މޮޑަރޭޓްކުރާ ފަރާތް، މިމާއްދާގެ (7.4) އާއި އެއްގޮތަށް ނަގާވޯޓުގައި، ވޯޓަށް އެހޭ އިޙްތިޔާރުތަކުގެ ތެރެއިން އެއް އިޙްތިޔާރަށް ވޯޓްދޭންވާނެއެވެ.

7.6.   މިމާއްދާގެ (6.1) ގައި އެހެން ބަޔާންކޮށްފައިވީނަމަވެސް، ބައްދަލުވުމުގެ ބައިވެރިން ގިނަވުމުގެ ސަބަބުން، ނުވަތަ އެނޫންވެސް ސަބަބަކަށް، އަތް އުފުލައިގެން ވޯޓްނެގުމަށް ދަތިވެދާނެކަމަށް ބައްދަލުވުމުގެ ރިޔާސަތައް ޤަބޫލްކުރެވޭނަމަ، ވޯޓު ފޮށްޓާއި ވޯޓު ކަރުދާސް ބޭނުންކޮށްގެން ވޯޓު ނެގިދާނެއެވެ. މިފަދައިން ވޯޓުނަގާ ހާލަތުގައި، ވޯޓުލުމަށް ބޭނުންކުރެވޭ ކަރުދާހުގެ ސައްޙަކަން ކަށަވަރުކުރެވޭނެ ގޮތާއި ބައްދަލުވުމުގެ އެންމެހާ ބައިވެރިންނަށް ހަމަހަމަކޮށް ވޯޓުލުމުގެ ފުރުޞަތު ލިބިދޭކަން ބައްދަލުވުމުގެ ރިޔާސަތުން ކަށަވަރު ކުރަންވާނެއެވެ. މިފަދައިން ނެގޭ ވޯޓުކަރުދާސްތައް ގުނަންވާނީ ބައްދަލުވުމުގެ ބައިވެރިންގެ ހާޟިރުގައެވެ.

7.7.   ވޯޓް ނެގުމަށްފަހު، ނެގިފައިވާ ވޯޓުގެ ތަފްޞީލާއި ވޯޓު ލިބިފައިވާ ގޮތުގެ ތަފްޞީލް ބައްދަލުވުމުގެ ބައިވެރިންނަށް އިއުލާނުކުރަންވާނެއެވެ.

 

  1. 8.     ބައްދަލުވުމުގެ ހާޒިރިއާއި ޔައުމިއްޔާ

8.1.   މިއުސޫލުގެ ދަށުން ބާއްވާ ބައްދަލުވުމަށް ހާޒިރުވާ ފަރާތްތަކުގެ ހާޒިރި ބަލަހައްޓަން ވާނެއެވެ. އަދި ބައްދަލުވުމަށް ހުށަހެޅި މަޝަވަރާ ކުރެވުނު ކަންތައްތަކާއި، ވަކިވަކި ކަންކަމާއި ގުޅޭގޮތުން ނިންމުންތަކެއް ނިންމައިފިނަމަ އެނިންމުންތައް ހިމެނޭގޮތަށް ޔައުމިއްޔާ ލިޔެ ބަލަހައްޓަންވާނެއެވެ. އަދި ބައްދަލުވުމުގައި ބައިވެރިވި ކައުންސިލް މެންބަރުންނާއި، މަޢުލޫމާތުދިން ފަރާތްތަކާއި، ހުށަހަޅައިދިން ފަރާތާއި، ބައްދަލުވުން ބޭއްވި ތާރީޚާއި، ތަނާއި ވަގުތު ސާފުކޮށް ޔައުމިއްޔާގައި ބަޔާންކޮށްފައި އޮންނަންވާނެއެވެ.

8.2.   މިއުސޫލުގެ ދަށުން ބާއްވާ ބައްދަލުވުމުގައި ވޯޓުނެގޭނަމަ ، ވޯޓުގެ ތަފްޞީލާއި، ވޯޓްލިބިފައިވާ ގޮތުގެ ތަފްޞީލް ބައްދަލުވުމުގެ ޔައުމިއްޔާގައި ހިމަނަން ވާނެއެވެ.

8.3.   މިއުސޫލުގެ ދަށުން ބާއްވާ ބައްދަލުވުމުގެ ޔައުމިއްޔާއާއި، ވަކިކަމަކާއި ގުޅޭގޮތުން ނިންމުންތަކެއް ނިންމައިފިނަމަ އެ ނިންމުންތައް، ބައްދަލުވުންތައް ބާއްވާ ތާރީޚުން ފެށިގެން ގިނަވެގެން 7 (ހަތެއް) ދުވަހުގެ ތެރޭގައި އާއްމުކޮށް ޝާއިޢުކުރަންވާނެއެވެ.

 

  1. 9.     މެމްބަރުންގެ މަސްލަހަތު ފުށުއަރާ ހާލަތްތަކުގައި އަމަލުކުރަންވީގޮތް

މިއުސޫލުގެ ދަށުން ބާއްވާ ބައްދަލުވުމުގައި އެޖެންޑާކޮށް މަޝްވަރާކުރެވޭ އެއްވެސްކަމަކީ ވަކި މެމްބަރެއްގެ މަންމަ، ނުވަތަ ބައްޕަ، ނުވަތަ އަނބިމީހާ، ނުވަތަ ފިރިމީހާ، ނުވަތަ އަނބިމީހާ / ފިރިމީހާގެ މަންމަ ނުވަތަ ބައްޕަ، ނުވަތަ ދަރިއެއް، ނުވަތަ މިނޫނަސް މެންބަރަކާއި ގާތްތިމާގެ ކަމުގެ ގޮތުން މިފަދަ ގުޅުމެއް އޮތް ފަރާތެއްގެ މަސްލަހަތު ހިމެނޭ ނުވަތަ އެ މެންބަރެއްގެ އަމިއްލަ ފައިދާއެއް ނުވަތަ ދައުރެއް އޮތްކަމެއް ހިމެނޭނަމަ އެ މެންބަރަކު އެޖެންޑާގެ އެ ނަންބަރަށް މަޝްވަރާކުރާއިރު އަދި އެކަމާއި ގުޅިގެން ނެގޭ ވޯޓެއްގައި ބައިވެރިވެގެން ނުވާނެއެވެ. އަދި މިކަން އެނގޭގޮތަށް ބައްދަލުވުމުގެ ޔައުމިއްޔާގައި ބަޔާންކުރަންވާނެއެވެ.

 

12 މާރިޗު 2020
ހޯދާ