ސިވިލް ސަރވިސް ކޮމިޝަން
ދިވެހިރާއްޖެ
މިނިސްޓްރީ އޮފް ހޯމްއެފެއާޒްގެ ޕަރމަނަންޓް ސެކްރެޓަރީގެ މަޤާމަށް މީހަކު ހޯދުމަށް

މަޤާމް :ޕަރމަނަންޓް ސެކްރެޓަރީ
ބޭނުންވާ އަދަދު :1

  އިޢުލާން

މިނިސްޓްރީ އޮފް ހޯމްއެފެއާޒްގެ ޕަރމަނަންޓް ސެކްރެޓަރީގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު އަލުން ޢާއްމުކޮށް

ހުޅުވާލުން

މިނިސްޓްރީ އޮފް ހޯމްއެފެއާޒް އަށް ޕަރމަނަންޓް ސެކްރެޓަރީއަކު ހަމަޖެއްސުމަށްޓަކައި، މަޤާމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން ކުރިމަތިލެއްވުމުގެ ފުރުޞަތު އާންމުކޮށް ހުޅުވާލާ ކުރި މި ކޮމިޝަނުގެ ނަންބަރު 188-އާރް.އީ/އައި.ޔޫ.އެލް/12/2020 (16 ޖަނަވަރީ 2020) އިޢުލާނަށް، ކުރިމަތިލައްވާފައިވާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވި ފަރާތްތައް މަދުކަމަކަށްވާތީ، ޤާނޫނު ނަންބަރު 2007/5 (ދިވެހި ސިވިލް ސަރވިސްގެ ޤާނޫނު) އާއި ދިވެހި ސިވިލް ސަރވިސްގެ ގަވާއިދުގެ 29 ވަނަ މާއްދާގައިވާ ގޮތުގެ މަތިން، މިނިސްޓްރީ އޮފް ހޯމްއެފެއާޒް އަށް ޕަރމަނަންޓް ސެކްރެޓަރީއަކު ހަމަޖެއްސުމަށްޓަކައި، މަޤާމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން ކުރިމަތިލެއްވުމުގެ ފުރުޞަތު އާންމުކޮށް ހުޅުވާލަމެވެ. ކޮމިޝަނުން އެކުލަވާލާ އުސޫލެއްގެ ދަށުން، މި މަޤާމަށް ހޮވޭ ފަރާތް، ވަޒީފާގެ މުއްދަތުގައި އެއް އޮފީހުން އަނެއް އޮފީހަށް ދައުރުކުރުމުގެ އިޚްތިޔާރު ކޮމިޝަނަށް ލިބިގެންވެއެވެ.     

ޕަރމަނަންޓް ސެކްރެޓަރީގެ މަޤާމާއި މަސްއޫލިއްޔަތާއި ޒިންމާ އަދި މަސައްކަތާއި، ޕަރމަނަންޓް ސެކްރެޓަރީގެ މަޤާމަށް ކުރިމަތިލާ ފަރާތުގެ ޝަރުޠާއި، ޕަރމަނަންޓް ސެކްރެޓަރީގެ މަޤާމަށް މީހުން ހޮވުމާއި ޢައްޔަނުކުރުމުގެ އުޞޫލު މި ކޮމިޝަނުގެ ވެބްސައިޓު  www.csc.gov.mv އިން ފެނިވަޑައިގަންނަވާނެއެވެ.

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅު ނަމަ، ކޮމިޝަނުގެ ނަންބަރު 3307315 ފޯނަށް ގުޅުއްވުން އެދެމެވެ.

މަޤާމުގެ ޝަރުޠު:

  • މެނޭޖްމަންޓް، އެޑްމިނިސްޓްރޭޝަން ނުވަތަ މިނިސްޓްރީގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުން ދަށްވެގެން ލެވެލް 7 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު؛

ސަރުކާރުގައި، ނުވަތަ ޕަބްލިކް، ޕްރައިވެޓް ނުވަތަ ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގެ ހިންގުމުގެ ދާއިރާގައި މަދުވެގެން 4 އަހަރު ދުވަހުގެ މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުން.

ނުވަތަ،

  • މެނޭޖްމަންޓް، އެޑްމިނިސްޓްރޭޝަން ނުވަތަ މިނިސްޓްރީގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުން ދަށްވެގެން ލެވެލް 9 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު؛

ސަރުކާރުގައި، ނުވަތަ ޕަބްލިކް، ޕްރައިވެޓް ނުވަތަ ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގެ ހިންގުމުގެ ދާއިރާގައި މަދުވެގެން 2 އަހަރު ދުވަހު މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުން.

 

މުސާރައާއި ޢިނާޔަތްތައް:

  1. މުސާރަ:           މަހަކު -/20,500 ރުފިޔާ
  2. ލިވިންގ އެލަވަންސް:   މަހަކު -/15,000 ރުފިޔާ

ކުރިމަތިލުމުގެ މުއްދަތާއި ކުރިމަތިލާނެ ގޮތް:

ޕަރމަނަންޓް ސެކްރެޓަރީގެ މަޤާމަށް ކުރިމަތިލައްވަން އެދިވަޑައިގަންނަވާ ބޭފުޅުން، ތިރީގައި މިވާ ލިޔުންތައް 2020 ފެބްރުވަރީ 23 ވާ އާދީއްތަ ދުވަހުގެ މެންދުރުފަހު 2:00 ގެ ކުރިން މި ކޮމިޝަނުގެ އިދާރާ (ސިވިލް ސަރވިސް ކޮމިޝަން، ހެންވޭރު، މަޖީދީމަގު، 20040) އަށް ހުށަހެޅުއްވުން އެދެމެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected] މެދުވެރިކޮށް ބަލައި ގަނެވޭނެއެވެ. ހުށަހަޅަންޖެހޭ ތަކެތީގެ ތެރެއިން ނަންބަރު (1)، (3)، (4) އަދި (5) ގައި ބަޔާންކޮށްފައިވާ ލިޔުންތައް ސުންގަޑި ހަމަވުމުގެ ފަހުން ބަލައި ނުގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް މަޤާމަށް އެދޭ ފަރާތްތަކުން ހުށަހަޅަންޖެހޭ އެޕްލިކޭޝަން ފޯމު ބަލައިގަނެވޭނެއެވެ.

ހުށަހަޅަންޖެހޭ ތަކެތި:

1. ޕަރމަނަންޓް ސެކްރެޓަރީގެ މަގާމަށް އެދޭ ފަރާތްތަކުން ހުށަހަޅަންޖެހޭ އެޕްލިކޭޝަން ފޯމު (މި ފޯމު ކޮމިޝަނުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ކޮމިޝަނުގެ ވެބްސައިޓުން www.csc.gov.mv ޑައުންލޯޑު ކުރެވޭނެއެވެ).

2. ވަޒީފާއަށް އެދޭ ފަރާތުގެ، ދިވެހި ރައްޔިތެއްކަން އަންގައިދޭ މުއްދަތުހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.

3. ލިބިފައިވާ ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ:

(ހ)  މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛  ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

(ށ)  މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

(ނ)  ސިވިލް ސަރވިސްގެ ޓްރެއިނިންގ އިންސްޓިޓިއުޓުން ހިންގާ ކޯސްތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ.

4. ފުރިހަމަކޮށްފައިވާ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ.

5. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތުތައް (އެއް އިދާރާއެއްގައި ތަފާތު މަގާމުތަކުގައި މަސައްކަތްކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)  އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާތަކާއި، ވަޒީފާ އަދާކުރި މުއްދަތުތަކާއި، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގައި ތަފާތު މަޤާމުތަކުގައި މަސައްކަތްކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ) ޤައުމީ ނުވަތަ ބައިނަލް އަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާތަކާއި، ވަޒީފާ އަދާކުރި މުއްދަތުތަކާއި، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގައި ތަފާތު މަގާމުތަކުގައި މަސައްކަތްކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ޖަމްޢިއްޔާ/ޖަމާޢަތަކުން ދޫކޮށްފައިވާ ލިޔުން.

6. ޕަރމަނަންޓް ސެކްރެޓަރީގެ މަގާމަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް).

7. ސިވިލް ސަރވިސްއަށް/ ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފެއްނަމަ، ޕަރމަނަންޓް ސެކްރެޓަރީގެ މަގާމަށް ހޮވިއްޖެނަމަ، ވަޒީފާއިން ދޫކުރުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.

8. ޕަރމަނަންޓް ސެކްރެޓަރީގެ މަގާމަށް ކުރިމަތިލާ ފަރާތުގެ އިޤްރާރު. (ކޮމިޝަނުގެ ވެބްސައިޓުން www.csc.gov.mv ޑައުންލޯޑު ކުރެވޭނެއެވެ).

9. ޕަރމަނަންޓް ސެކްރެޓަރީ ކަމުގެ މަގާމަށް ކުރިމަތިލާ މިނިސްޓްރީގައި، އެ މަގާމަށް ކުރިމަތިލާ ފަރާތުގެ މަންމަ، ބައްޕަ، ދަރިއެއް، އަންބެއް، ފިރިއަކު، އެއްބަނޑު އެއްބަފާ މީހެއް، އެއްބަނޑު މީހެއް، ނުވަތަ އެއްބަފާ މީހެއް ނެތްކަން އަންގައިދޭ ލިޔުން. ނުވަތަ ބުނެވިދިޔަ މީހުންކުރެ މީހަކު އެ ކުރިމަތިލާ އޮފީހުގައި ހުރެ، ކުރިމަތިލާ މީހާ ހޮވިއްޖެނަމަ، އެ ހުރި މީހަކު ވަޒީފާ ބަދަލުކުރުމަށް ނުވަތަ އިސްތިއުފާ ދިނުމަށް އެއްބަސްވާ ކަމުގެ ލިޔުން.

 

އިމްތިޙާނުކުރުމާއި، އިންޓަރވިއުއާއެކު ޕްރެޒެންޓޭޝަން ހުށަހެޅުން

ޕަރމަނަންޓް ސެކްރެޓަރީގެ މަޤާމަށް މީހަކު ހޮވުމަށް މަޤާމުގެ ޝަރުޠު ހަމަވާ ފަރާތްތަކަށް އިމްތިޙާން ދިނުމާއި، އިންޓަރވިއުއަކާއެކު ޕްރެޒެންޓޭޝަން ހުށަހެޅުން 2020 މާރިޗު 1 އާއި 2020 މާރިޗު 26 އާ ދެމެދު މާލޭގައި އޮންނާނެއެވެ. މި ތާރީޚަށް ބަދަލު އަތުވެއްޖެ ނަމަ އެ ކަން އަންގާނެ ވާހަކަ ދަންނަވަމެވެ.

ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި ޕްރެޒެންޓޭޝަން ހުށަހެޅުމަށާއި އިންޓަރވިއުއަށް އަދި އިމްތިހާނަށް ހާޟިރުވުމަށް ތައްޔާރުވެގެން ތިބުމަށްވެސް ދަންނަވަމެވެ.

 

ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނުގޮތުގެ ޝީޓް އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި "ވަޒީފާއަށް އެންމެ ގާބިލް ފަރާތް ހޮވުމަށް ޕޮއިންޓް ދެވުނު ގޮތުގެ ޝީޓް" އާންމުކޮށް ފެންނާނެހެން މި ކޮމިޝަނުގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ އެ ޝީޓް އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި ކޮމިޝަނަށް ހުށަހަޅަންވާނެއެވެ.

  

ނޯޓް: ޕަރމަނަންޓް ސެކްރެޓަރީގެ މަޤާމަށް މީހަކު ހޮވުމަށްޓަކައި ކުރިއަށް ގެންދެވޭ މަރުހަލާތަކާއި މަޤާމަށް އައްޔަނުކުރެވޭ ފަރާތަށް މަދުވެގެން ލިބެންޖެހޭނެ މާކުސް ޕަރމަނަންޓް ސެކްރެޓަރީގެ މަޤާމަށް މީހުން ހޮވުމާއި ޢައްޔަނުކުރުމުގެ އުޞޫލުގައި ވާނެއެވެ.

 

12 ފެބުރުވަރީ 2020
ހޯދާ