ޤައުމީ ކުތުބުޚާނާ
ދިވެހިރާއްޖެ
ފޮތް ހަދިޔާ ކުރުމުގެ ޕްރޮގްރާމް

          12 ޖުލައި 2020 ވާ އާދީއްތަ ދުވަހަކީ މިކުތުބުޚާނާއަށް 75 އަހަރު ފުރޭ ދުވަސްކަމަށްވާތީ، މިދުވަސް ކުލަގަދަ ގޮތެއްގައި ފާހަގަކުރުމަށް ގިނަ ޙަރަކާތްތަކެއް ދަނީ ރޭވެމުންނެވެ. މިގޮތުން "ފޮތް ހަދިޔާ ކުރުން" މިނަމުގައި މިކުތުބުޚާނާއަށް ތަކެތި ހަދިޔާކުރުމުގެ ޕްރޮގްރާމެއް ފެށުމަށް ވަނީ ހަމަޖެހިފައެވެ. މިޕްރޮގްރާމަކީ:

- ޢާންމު ރައްޔިތުންގެ އަތުގައި ހުރި، އެފަރާތްތަކުން ނައްތާލަން ބޭނުންނުވާ، ނަމަވެސް އެހެން ފަރާތަކުން އެތަކެތި ހެޔޮގޮތުގައި ބޭނުން ހިފާނެކަމުގެ ޔަގީންކަން ލިބިއްޖެ ޙާލަތެއްގައި ކުތުބުޚާނާއަށް ހަދިޔާކުރަން ބޭނުންވާ ތަކެތި ހޯދުން.

- ކުތުބުޚާނާއަށް ތަކެތި ހަދިޔާކުރަން ބޭނުންވާ ފަރާތްތަކަށް އެތަކެތި ފަސޭހައިން ހަދިޔާކުރެވޭނެ އިންތިޒާމް ހަމަޖެއްސުން.

- ކިއުމަށްފަހު ގޭގައި އިތުރުވެފައި ހުންނަ ފޮތް، އުކާލުމުގެ ބަދަލުގައި އެހެން ބަޔަކަށް ބޭނުން ކުރަން ދިނުމުގެ ރިވެތި އާދަ ޢާންމުންގެ މެދުގައި އަށަގެންނެވުން.

- ލައިބްރަރީތަކަށް ބޭނުންވާ ފޮތް، ކުޅޭތަކެތި އަދި އިލެކްޓްރޯނިކް ވަސީލަތްތައް ހޯދުމަށް ޢާންމުންގެ އެހީތެރިކަން ހޯދުން.

- ކުދިންނަށް ކުރިން ހޯދާފައިވާ ކުޅޭތަކެއްޗާއި ފޮތް ފަދަ ތަކެތި ޖާގައިގެ ދަތިކަމުގެ ސަބަބުން އުކާލުމުގެ ބަދަލުގައި އެތަކެތި މުޖުތަމައުއަށް ފައިދާހުރިގޮތެއްގައި ބޭނުންހިފުމުގެ ފުރުސަތު އެފަރާތްތަކަށް ހުޅުވައިދިނުން.

- ހިލޭސާބަހަށް ކުތުބުޚާނާއަށް އެހީތެރިކަން ފޯރުކޮށްދެއްވަން ބޭނުންފުޅުވާ ފަރާތްތަކަށް އެފުރުސަތު ހޯދައިދިނުން.

           ވީމާ، މިޕްރޮގްރާމުގެ ދަށުން ތަކެތި ހަދިޔާކުރައްވަން ބޭނުންފުޅު ފަރާތެއްވާނަމަ ހޮނިހިރު ދުވަހާއި ބުރާސްފަތި ދުވަހާ ދެމެދު، ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 09:00 އާ އިރުއޮއްސި 06:00 އާ ދެމެދު މިކުތުބުޚާނާގެ ފޯން ނަންބަރު: 3007252 އާ ގުޅުއްވުމުން އެތަކެތި ކުތުބުޚާނާއަށް ގެނައުމުގެ ހުރިހާ އިންތިޒާމެއް ހަމަޖައްސައިދެވޭނެކަމުގައި ދަންނަވަމެވެ. މާލެ ސިޓީ ފިޔަވާ ރާއްޖޭގެ އެހެން ރަށަކުން ތަކެތި ހަދިޔާކުރައްވަން ބޭނުންފުޅުނަމަ އެތަކެތި މާލެ ގެނައުމުގެ އިންތިޒާމް ހަމަޖައްސައިދެވޭނެކަމުގައި ދަންނަވަމެވެ. މީގެ އިތުރުން ޤައުމީ ކުތުބުޚާނާ އާއި ކުޑަކުދިންގެ މަލްޓިމީޑިޔާ ލައިބްރަރީގައި 15 ފެބްރުއަރީ 2020 ވާ ހޮނިހިރު ދުވަހުން ފެށިގެން 29 ފެބްރުއަރީ 2020 ވާ ހޮނިހިރު ދުވަހުގެ ނިޔަލަށް، ތަކެތި ހަދިޔާކުރުމަށް ފޮށި ބެހެއެއްޓިފައި ހުންނާނެއެވެ.

           އަދި ދަންނަވަމެވެ. މިކުތުބުޚާނާއަށް ތަކެތި ހަދިޔާ ކުރައްވަން ބޭނުންވާ ފަރާތްތަކަށް އެފުރުސަތު ހޯދައިދިނުމަށްޓަކައި 15 ފެބުރުވަރީ 2020 ވާ ހޮނިހިރު ދުވަހުގެ ހަވީރު 04:00 އާ 06:00 އާ ދެމެދު ތިރީގައި ބަޔާންކުރެވިފައިވާ ތަންތަނުގައި 30 މިނެޓްގެ ވަގުތަށް ދެ ޕިކަޕު މަޑުކޮށްފައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ތަންތަނަކީ، އޮލިމްޕަސް ކުރިމަތި، ރަސްފަންނު، އައިކެޔަރ ކައިރި ބުރު، މިނިސްޓްރީ އޮފް އާޓްސް ކަލްޗަރ އެންޑް ހެރިޓޭޖްގެ ގޯތިތެރެ އަދި މަޖީދިއްޔާ ސްކޫލް ކަންމައްޗެވެ.

           ވީމާ، މިވަގުތު އެބޭފުޅަކު ހަދިޔާ ކުރައްވަން ބޭނުންވާ ތަކެތި ހަދިޔާ ކުރައްވަން ވަޑައިގަތުން އެދެމެވެ. މިކަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3007252 އާ ގުޅުއްވުން އެދެމެވެ. "ޖީލުތަކަށް ރައްކާތެރިކަމާއެކު ލިޔެކިޔުން ފޯރުކޮށްދިނުމަކީ އެންމެންގެ މަސްއޫލިއްޔަތެއް" ކަމުގައި ދެކިލައްވަމާތޯއެވެ.

05 ފެބުރުވަރީ 2020
ހޯދާ