ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
ދިވެހިރާއްޖެ
ފްލެޓްތަކުގެ މައްސަލަބަލާ ކޮމިޓީން ދިރިއުޅުމުގެ ޙާލަތު ދެނެގަތުމާ ގުޅޭ

ފްލެޓްތަކުގެ މައްސަލަބަލާ ކޮމިޓީ

މާލެ / ދިވެހިރާއްޖެ

ފްލެޓްތަކުގެ މައްސަލަބަލާ ކޮމިޓީން ދިރިއުޅުމުގެ ޙާލަތު ދެނެގަތުމާ ގުޅޭ

 

"ހިޔާ މަޝްރޫޢު" ގެ ދަށުން ފްލެޓަށް އެދި ފޯމު ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން ޝަރުތު ފުރިހަމަވާ ފަރާތްތަކުގެ "ދިރިއުޅުމުގެ ޙާލަތު" ދެނެގަތުމަށްޓަކައި، 02 ޑިސެންބަރު 2019 ވަނަ ދުވަހުން ފެށިގެން، ގޭގެއަށް ޒިޔާރަތް ކުރުމަށް ވަނީ ހަމަޖެހިފައެވެ.

"ހިޔާ މަޝްރޫޢު" ގެ ދަށުން ފްލެޓު ދިނުމުގައި ބޭއިންސާފުން ޢަމަލުކޮށްފައިވާތީ، އެކަން ބެލުމަށް ރައީސުލްޖުމްހޫރިއްޔާ އެކުލަވާލި ކޮމިޓީގެ ފަރާތުން މިހާތަނަށް ޖުމްލަ 25,244 ފޯމާއި އެ ފޯމުތަކާއެކު ހުށަހެޅިފައިވާ ލިޔެކިޔުންތައް ތަރުތީބުކޮށް، ކެޓަގަރީތައް ވަކިކުރުމަށްފަހު އެ ލިޔެކިޔުންތަކާ ޙަވާލުވުމަށް ދިގު މުއްދަތެއް ކޮމިޓީން ހޭދަކުރަންޖެހުނުކަން ފާހަގަކުރަމެވެ. ކޮމިޓީއިން ލިޔެކިޔުންތަކާ ހަވާލުވިއިރު، އެ ލިޔެކިޔުންތައް ބެހެއްޓިފައި ހުރީ މިނިސްޓްރީ އޮފް ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓުގެ އެކި ގުދަންތަކުގައި އެކިއެކި ޙާލަތްތަކުގައިކަންވެސް ފާހަގަކުރަމެވެ. ފްލެޓްތަކުގެ މައްސަލަ ބަލާ ކޮމިޓީއިން މިހާރު ކުރިއަށްގެންދަނީ މި މަޝްރޫޢުއަށް ހުށަހަޅާފައިވާ ފޯމުތައް އިވެލުއޭޓްކުރުމުގެ މަސައްކަތްތަކެވެ.

މި މަޝްރޫޢަށް ފޯމު ހުށަހެޅި ފަރާތްތަކަށް ފްލެޓު ލިބޭނެ ކަމުގެ ލިޔުން ނިމިދިޔަ ސަރުކާރުން ހަވާލުކޮށްފައިވަނީ "ދިރިއުޅުމުގެ ޙާލަތު" މި ބަޔަށް ރިޢާޔަތްކުރުމެއް ނެތިއެވެ. "ހިޔާ މަޝްރޫޢު" ގެ ގިނަ ކެޓަގަރީތަކުގައި "ދިރިއުޅުމުގެ ޙާލަތު"،  ބަޔަށް ޕޮއިންޓް ދިނުމަށް ނިންމާފައިވީނަމަވެސް، މިބަޔަށް ޕޮއިންޓް ދިނުމުގައި ބަލާފައިވަނީ ކޮން ކަންތައްތަކަށްކަމެއް ނުވަތަ ޕޮއިންޓް ދިނުމުގައި ގެންގުޅެފައިވަނީ ކޮން މިންގަނޑެއްކަމެއް، ކޮމިޓީން މިހާތަނަށް ބެލި ބެލުމުން އެނގެން ނެތެވެ. އަދި ދިރިއުޅުމުގެ ހާލަތު ދެނެގަތުމަށް މީގެކުރިން ގޭގެއަށް ޒިޔާރަތްކޮށްފައިނުވާކަންވެސް ފާހަގަކުރަމެވެ.

އެންމެ އިންސާފުވެރި އަދި ހަމަހަމަކަމާއެކު "ދިރިއުޅުމުގެ ޙާލަތު" ބަޔަށް ޕޮއިންޓް ދިނުމުގެ ކަންކަން ކުރިއަށް ގެންދެވޭނީ، ފޯމު ހުށަހަޅުއްވާފައިވާ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ ފަރާތްތައް ދިރިއުޅޭ ގޭގެއަށް ޒިޔާރަތްކޮށް ދިރިއުޅުމުގެ ހާލަތު ވަޒަންކޮށްގެންކަމަށް ކޮމިޓީއިން މިހާރުވަނީ ނިންމާފައެވެ.

ފްލެޓްތަކުގެ މައްސަލަބަލާ ކޮމިޓީއިން ދިރިއުޅުމުގެ ހާލަތު ބެލުމަށް އެކުލަވާލައިފައިވާ ޓީމުތައް ގޭގެއަށް ޒިޔާރަތް ކުރުމުގައި ޢަމަލު ކުރާނީ ތިރީގައި ކަނޑައަޅާފައިވާ ގޮތުގެ މަތިންނެވެ.

  • ގޭގެއަށް ޒިޔާރަތްކުރުމުގެ ކުރިން، 3010718 މި ނަންބަރުން، ފޯމު ހުށަހަޅާފައިވާ ފަރާތަށް ގުޅުމަށްފަހު، ދާނެ ދުވަހަކާއި ގަޑިއެއް އަންގާނެއެވެ.
  • ދިރިއުޅުމުގެ ޙާލަތު ދެނެގަތުމަށް ގޭގެއަށް ޒިޔާރަތް ކުރާނީ 02 (ދޭއް) މީހުންގެ މައްޗަށް އެކުލެވޭ ޓީމަކުންނެވެ.
  • ޙާލަތު ދެނެގަންނަ ޓީމުގައި ހިމެނޭ ފަރާތްތަކުގެ އަތުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތައްގަނޑު ޖަހާފައިވާ އައިޑެންޓިފިކޭޝަން ކާޑެއް އޮންނާނެއެވެ.
  • ޙާލަތު ދެނެގަންނަ ޓީމުތަކުން ގޭގެއަށް ޒިޔާރަތް ކުރުމަށް ހަމަޖެހިފައިވަނީ ހެދުނު 10:00 އާއި ހަވީރު 18:00 ދެމެދުގެ ވަގުތެއްގައެވެ.

"ހިޔާ މަޝްރޫޢު"އަށް ހުށަހަޅާފައިވާ ފޯމްތައް ފްލެޓްތަކުގެ މައްސަލަ ބަލާ ކޮމިޓީއިން އެސެސްކުރަމުންދަނީ، އަދި ޕޮއިންޓް ދިނުމަށް ހަމަޖެހިފައިވަނީ އޭރުގެ މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން ކޮންމެ ކެޓަގަރީއަކަށްވެސް އެންމެ ފަހުން ގެޒެޓްކޮށްފައިވާ ޝަރުތުތަކާއި ޕޮއިންޓް ދިނުމަށް ހަމަޖެހިފައިވާ އުސޫލުތައް އަސްލަކަށް ބަލައިގެންނެވެ. މިގޮތުން ފްލެޓްތަކުގެ މައްސަލަ ބަލާ ކޮމިޓީއިން ކޮންމެ ކެޓަގަރީއެއް އެސެސްކުރުމަށް ބޭނުންކުރާ ފޯމު މި އިއުލާނާއެކު މިވަނީއެވެ.

"ހިޔާ މަޝްރޫޢު" ގެ ދަށުން ފްލެޓަށް އެދި ފޯމު ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން ޝަރުތު ފުރިހަމަވާ ފަރާތްތަކުގެ "ދިރިއުޅުމުގެ ޙާލަތު" ދެނެގަތުމުގައި ބެލެވިގެންދާނީ އާންމުކޮށް ތިރީގައިވާ ކަންކަމަށެވެ.

1. ފޯމު ހުށަހެޅި ފަރާތުގެ އާމްދަނީ

2. ގެއަށް ލިބޭ އާމްދަނީ

3. ދިރިއުޅޭ ތަނުގެ ހާލަތު

 އަދި ބައެއް ކެޓަގަރީތަކުގެ ދިރިއުޅުމުގެ ހާލަތު ދެނެގަތުމަށް އިތުރު ކަންކަމަށް ބެލެވިގެންދާނެއެވެ.

 ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

 

1 ޑިސެންބަރު 2019

01 ޑިސެންބަރު 2019
ހޯދާ