ހުވަދުއަތޮޅު ދެކުނުބުރީ ރަތަފަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިރިއުޅުމަށް ދޫކޮށްފައިވާ ގޯތީގައި ހައުސިންގ އުނިޓް އެޅުމަށް ބޭނުންވާ ފަރާތްތަކަށް އެކަމަށް އެދި ފޯމް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލުން

މި ސަރުކާރުގެ ބޯހިޔާވަހުކަމުގެ ވަޢުދުގެ ދަށުން ސަރުކާރުން އަތޮޅުތަކަށް އަމާޒުކުރައްވައިގެން ކުރިއަށްގެންދަވާ  20,000  ހައުސިންގ ޔުނިޓް އެޅުމުގެ މަސައްކަތުގެ ތެރެއިން ރަތަފަންދޫގައި ހައުސިންގ ޔުނިޓް އަޅާދިނުމަށް ސަރުކާރުންވަނީ ނިންމަވާފައެވެ.

މި މަޝްރޫޢަކީ، ރާއްޖޭގެ ރަށްތަކުގައި ދޫކޮށްފައިވާ ގޯތިތަކުގެތެރެއިން ގެދޮރު ޢިމާރާތް ނުކުރެވި ހުރުމުގެ ސަބަބުން ފަޅުވެފައިވާ ގިނަ ގޯތިތަކެއްގެ މައްސަލައަށް ޙައްލެއް ހޯދުމާއިއެކު، ގޯތި ލިބި މާލީ ތަނަވަސްކަން ނެތުމުގެ ސަބަބުން ގެދޮރު ނޭޅި ދަތި ޙާލުގައި އުޅޭ ޢާއިލާތަކަށް ގެދޮރުގެ ތަނަވަސްކަން ހޯދާދިނުމަށް މި ސަރުކާރުން ކުރިއަށް ގެންދަވާ މަޝްރޫޢެކެވެ.

މި މަޝްރޫޢުގެ ދަށުން، ގދ.ރަތަފަންދޫއަށް ކަނޑައަޅުއްވާފައިވާ ހައުސިންގ ޔުނިޓްތައް އެޅުމުގައި، ރަތަފަންދޫއިން މިހާރު ދޫކޮށްފައިވާ ގޯތިތަކުގެތެރެއިން މާލީ ތަނަވަސްކަން ނެތުމުގެ ސަބަބުން ޢިމާރާތް ނުކުރެވި ފަޅަށްހުރި ގޯތިތަކުގައި ގެ އެޅުމަށް އެދޭ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.

މި މަޝްރޫޢުގެދަށުން ޢިމާރާތް ކުރުމަށް ހަމަޖެހިފައިވަނީ 3 ކޮޓަރި،3 ފާޚާނާ، ސިޓީންގރޫމް،ބަދިގެ ހިމެނޭ ގެތަކެވެ. 900 އަކަފޫޓުގެ ބޮޑުމިނުގައި ޢިމާރާތްކުރެވޭ މިގެތައް އެއްބުރިއަށް ނުވަތަ 2 ބުރިއަށްވެސް ޢިމާރާތް ކޮށްދެވޭނެއެވެ.

 ގޯތީގައި ގެ ޢިމާރާތްކޮށްދިނުމުގައި ބަލާނެ ކަންކަން:

 1.  ޢިމާރާތް ކުރުމަށް ކަނޑައެޅޭ ގޯއްޗަކީ އެ ގޯތީގައި ގެ އެޅުމަށް އެދޭ ފަރާތުގެ ނަމުގައި ރަޖިސްޓްރީ ކޮށްފައިވާ ގޯއްޗެއް ކަމުގައިވުން
 2. އެމީހެއްގެ އަމިއްލަ ނަމުގައި ސަރުކާރުގެ ގެދޮރުވެރި ކުރުމުގެ އެއްވެސް ސްކީމަކުން ބޯހިޔާވަހިކަމެއް ލިބިފައިވާ ފަރާތަކަށް ނުވުން
 3. ލިބިފައިވާ ގޯތި ނުވަތަ ގޯތީގެ ބައިގައި ދާއިމީ ޢިމާރާތެއް ހެދިފައި ނުވުން (ދާއިމީ ޢިމާރާތެއްގެ ގޮތުގައި ބެލެވޭނީ ދިރިއުޅޭ ފެންވަރަށް ޢިމާރާތްކޮށް ނިންމާފައިވާ ޢިމާރާތެއް ކަމުގައިވާނަމަ )
 4. އެކަކަށްވުރެ ގިނަމީހުންގެ ނަމުގައި ރަޖިސްޓްރީ ކުރެވިފައިވާ ގޯއްޗެއްގައި ޢިމާރާތްކުރުމަށް އެދޭނަމަ، އެފަދަ ގޯއްޗެއްގެ ހުރިހާ މިލްކުވެރިން އެކަމަށް އެއްބަސްވާންވާނެ.
 5. މި އުޞޫލުގެ ދަށުން ގޯތީގައި ގެ ޢިމާރާތްކުރުމަށް ޝަރުޠު ފުރިހަމަވެ، ދެމަފިރިން ހޮވިއްޖެނަމަ، 2 ފަރާތުން އެއްބަސްވާ އެއް ގޯތީގައި ޢިމާރާތްކޮށްދިނުން.
 6. ޢިމާރާތް ކުރުމަށް އެދޭ ގޯއްޗަކީ ރަޙުނުކުރެވިފައިވާ ގޯއްޗެއްނަމަ، ރަޙުނު ބެހެއްޓި މާލީ އިދާރާގެ ހުއްދަ ދިންކަން އެގޭނެ ލިޔުން އޮތުން.
 7. ގޯތީގައި ގެ އިމާރާތްކުރާނެ ޑިޒައިން ލޭއައުޓްއަށް އެއްބަސްވެ ސޮއިކުރުމަށްފަހު، އެ ޑިޒައިން ލޭއައުޓް ބަދަލުނުކުރެވޭނެއެވެ.

 ފައިސާ ދެއްކުމަށް ހަމަޖެހިފައިވާ ގޮތް:

 1. ފައިސާ ދައްކަން ފަށާނީ ޢިމާރާތްކޮށްނިމި އެފަރާތާއި ޢިމާރާތް ޙަވާލުކުރާ ތާރީޚުން ފެށިގެންނެވެ.
 2. މި ޕްރޮގްރާމުގެދަށުން،ޢިމާރާތްކުރާ ގެ ތަކަށް ފައިސާ ދެއްކުމަށް ލިބޭނެ އެންމެ ދިގު މުއްދަތަކީ 20 އަހަރު ދުވަހެވެ.
 3. މި ޕްރޮގްރާމް ގެދަށުން ޢިމާރާތްކުރާ ގެތަކަށް ޑައުންޕޭމަންޓް ދައްކާކަށް ނުޖެހޭނެއެވެ.
 4. މި ޕްރޮގްރާމުގެ ދަށުން ޢިމާރާތްކުރާ ގެތަކުގެ އަގު ދައްކާ ނިމެންދެން ގެ ރަހުނު ކުރެވޭނެއެވެ.

 ޕޮއިންޓް ދެވޭނެ ގޮތް:

 1. ޢުމުރުން 18 އަހަރާއި 30 އަހަރާއި ދެމެދުގެ ފަރާތެއްނަމަ                                       07 ޕޮއިންޓް
 2. ޢުމުރުން 30 އަހަރުން މަތީގެ ފަރާތެއްނަމަ                                                 10 ޕޮއިންޓް
 3. ޢުމުރުން 18 އަހަރު ނުފުރޭ 1 ނުވަތަ 2 ދަރިން ތިބިނަމަ                                       05 ޕޮއިންޓް
 4. ޢުމުރުން 18 އަހަރު ނުފުރޭ 3 ނުވަތަ 4 ދަރިން ތިބިނަމަ                                       07 ޕޮއިންޓް
 5. ޢުމުރުން 18 އަހަރު ނުފުރޭ 4 ދަރިންނަށްވުރެ ގިނަ ދަރިން ތިބިނަމަ                                 10 ޕޮއިންޓް
 6. ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތެއް/ ޚާއްޞަ އެހީއަށް ބޭނުންވާ މީހަކު ނުވަތަ ކުއްޖަކު ބަލަމުންދާ ފަރާތެއްނަމަ       07 ޕޮއިންޓް

  ވީމާ، މި ޕްރޮގްރާމުގެ ދަށުން ގޯތީގައި ގެ އަޅަން ބޭނުންވާ ފަރާތްތަކުން  "ސަރުކާރުގެ ބޯހިޔާވަހިކަމުގެ ވަޢުދު ގައި ހިމެނޭ ހައުސިން ޔުނިޓް އަޅާދިނުމުގެ މަޝްރޫޢުގެ ދަށުން  ގޯތީގައި ގެ އެޅުމަށް އެދޭ ފޯމު" ފުރިހަމަކޮށް، ފޯމާއެކު ހުށަހަޅަންޖެހޭނެކަމަށް ބަޔާންކޮށްފައިވާ އެހެނިހެން ލިޔެކިއުންތައް  24 އޮކްޓޫބަރ 2019 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ރަތަފަންދޫ ކައުންސިލް އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.

 މިކަމަށް އެދޭ ފޯމް އަދި މި މަޝްރޫޢާއި ގުޅިގެން ހައުސިން މިނިސްޓްރީއިން އެކުލަވާލާފައިވާ ވަގުތީ އުޞޫލް މިއިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.

ވީމާ، މިކަން އާންމުކޮށް އަންގާ އިޢުލާނުކުރީމެވެ. މި އިޢުލާނާ ގުޅޭގޮތުން އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވާނަމަ، މި އިދާރާގެ ނަންބަރު 6840016، ފޯނަށް ރަސްމީ ގަޑީގައި ގުޅުއްވުން އެދެމެވެ.

23 ސެޕްޓެންބަރު 2019
ހޯދާ