ދިވެހިރާއްޖޭގެ ބާ ކައުންސިލު
ދިވެހިރާއްޖެ
ވަކާލާތުކުރުމުގެ ހުއްދަލިބިފައިވާ ވަކީލުން

ސަރކިއުލަރ

 

6 ޛުލްޙިއްޖާ 1440

ނަންބަރ:

2019/1

8 އޮގަސްޓު 2019

 

 

 

27 ޖޫން 2019 ގައި ޤާނޫނު ނަންބަރު 2019/5 (ދިވެހިރާއްޖޭގެ ޤާނޫނީ ފަންނުގެ ޤާނޫނު) އަށް ޢަމަލުކުރަން ފެށުމާއެކު، ޝަރުޢީ ކޯޓުތަކާއި ޓްރައިބިއުނަލްތަކުގައި ވަކާލާތުކުރުމުގެ ޙައްޤު ލިބިގެންވާ ވަކީލުން ގިންތި ކުރުމުގެ ބާރު ހިމެނޭގޮތުން، ޤާނޫނީ ވަކީލުންނާގުޅޭ އެންމެހައި ކަންކަން ބެލެހެއްޓުމުގެ ޒިންމާ ދިވެހިރާއްޖޭގެ ބާ ކައުންސިލްއާ މަތިކޮށްފައިވީހިނދު، 23 ޖުލައި 2019 ގައި ބޭއްވުނު ދިވެހިރާއްޖޭގެ ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީގެ 3 ވަނަ ބައްދަލުވުމުގައި، ދިވެހިރާއްޖޭގެ ކޯޓުތަކާއި ޓްރައިބިއުނަލްތަކުގައި ވަކާލާތު ކުރުމާގުޅޭ ގޮތުން ނިންމާފައިވާ ތިރީގައިވާ ނިންމުންތައް ޢާންމުކޮށް އަންގާ އިޢުލާންކުރަމެވެ.

 

ދަށު ކޯޓުތަކާއި ޓްރައިބިއުނަލްތަކުގައި ވަކާލާތުކުރުން

ދިވެހިރާއްޖޭގެ ޤާނޫނީ ފަންނުގެ ޤާނޫނުގެ 66 ވަނަ މާއްދާގެ (ހ) ގައި، އެ ޤާނޫނަށް ޢަމަލުކުރަން ފެށިއިރު، ދިވެހިރާއްޖޭގައި ވަކާލާތު ކުރުމުގެ ހުއްދަ ލިބިފައިވާ މީހުންނަކީ، އެ ޤާނޫނުގެ ދަށުން ޤާނޫނީ ވަކީލުކަމުގެ ހުއްދަ ލިބިފައިވާ ޤާނޫނީ ވަކީލުން ކަމުގައި ބަލަންޖެހޭނޭކަމަށް ބަޔާންކޮށްފައި ވީހިނދު، އެ ޤާނޫނުގެ 35 ވަނަ މާއްދާގެ (ހ) ގައި އިސްތިސްނާކޮށްފައިވާ، ފަނޑިޔާރުންގެ މަޤާމަށް ޢައްޔަންކޮށްފައިވާ ޤާނޫނީ ވަކީލުން ފިޔަވައި، އެ ޤާނޫނަށް ޢަމަލުކުރަން ފެށިއިރު، ދިވެހިރާއްޖޭގައި ވަކާލާތު ކުރުމުގެ ހުއްދަ ލިބިފައިވާ އެންމެހައި ޤާނޫނީ ވަކީލުންނަކީ، އިތުރު ހުއްދައެއް ނެގުމަކާއި ނުލައި ދަށު ކޯޓުތަކާއި ޓްރައިބިއުނަލްތަކުގައި ޤާނޫނީ ވަކީލެއްގެ ގޮތުގައި ވަކާލާތު ކުރުމުގެ ހުއްދަ ލިބިފައިވާ ޤާނޫނީ ވަކީލުން ކަމުގައި ނިންމުނެވެ.

 

އެހެންކަމުން، އިސްވެ ދެންނެވުނު ގޮތުގެމަތިން، މި ސަރކިއުލަރއާއެކު ހިމަނާފައިވާ ލިސްޓުގައި ހިމެނޭ އެންމެހައި ވަކީލުންނަށް، އިތުރު އެހެން ހުއްދައެއް ހޯދުމަކާއި ނުލައި، ދަށު ކޯޓުތަކާއި ޓްރައިބިއުނަލްތަކުގައި ވަކާލާތު ކުރުމުގެ ހުއްދަ ލިބިގެންވާކަމުގައި ދަންނަވަމެވެ.

ހަމަ އެހެންމެ، މި ސަރކިއުލަރ އާއެކު ހިމަނާފައިވާ ލިސްޓުގައި ހިމެނޭ އެންމެހައި ވަކީލުންނަށް، ޤާނޫނީ ވަކީލުންގެ ގޮތުގައި ދިވެހިރާއްޖޭގެ އެންމެހައި ތަޙްޤީޤީ އިދާރާތަކަށާއި އެހެނިހެން މުއައްސަސާތަކަށް ޙާޟިރުވުމުގެ ހުއްދަ ލިބިގެންވާ ކަމުގައި ދަންނަވަމެވެ.

 

ދިވެހިރާއްޖޭގެ ހައިކޯޓާއި ސުޕްރީމް ކޯޓުގައި ވަކާލާތުކުރުން

ހަމަމިއާއެކު، މަތީ މަރްޙަލާގެ ކޯޓުތައް ކަމުގައިވާ، ދިވެހިރާއްޖޭގެ ހައިކޯޓާއި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި ވަކާލާތު ކުރުމުގެ ފުރުޞަޠު ލިބިގެންވާނީ، ދިވެހިރާއްޖޭގެ ޤާނޫނީ ފަންނުގެ ޤާނޫނަށް ޢަމަލުކުރަން ފެށިއިރު، އެހާތަނަށް އެ ކޯޓުތަކުގައި ވަކާލާތު ކުރުމުގެ ހުއްދަ ލިބިގެން، އެ ކޯޓުތަކުގައިވާ ވަކީލުންގެ ދަފްތަރުގައި ހިމެނޭ ފަރާތްތަކަށް ކަމުގައި ދަންނަވަމެވެ. އަދި ދިވެހިރާއްޖޭގެ ހައިކޯޓާއި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި ވަކާލާތު ކުރުމުގެ ހުއްދައަށް އަލަށް އެދޭ ފަރާތްތަކަށް، ދިވެހިރާއްޖޭގެ ޤާނޫނީ ފަންނުގެ ޤާނޫނުގެ 29 ވަނަ މާއްދާގެ (ރ) އިން ބާރުލިބިގެން ބާ ކައުންސިލްއިން އެކުލަވާލާ ޤަވާޢިދުގެ ދަށުން ހުއްދަ ދޫކުރެވޭނޭ ކަމުގައިވެސް ދަންނަވަމެވެ.

 

 

 

 

 

 

                                                                                                                    

 

08 އޮގަސްޓް 2019
ހޯދާ