މޯލްޑިވްސް ކަސްޓަމްސް ސަރވިސް
ދިވެހިރާއްޖެ
ރިޔާސީ އާ ދައުރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ހާސިލު ކުރުމަށް ކަނޑައަޅާފައިވާ ލަނޑުދަނޑިތަކާ ގުޅޭ

ރިޔާސީ އާ ދައުރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ހާސިލު ކުރުމަށް ކަނޑައަޅާފައިވާ ލަނޑުދަނޑިތަކާގުޅޭ:

ރިޔާސީ އާ ދައުރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ހާސިލު ކުރުމަށް ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ހާސިލުކުރެވުނު މިންވަރު އާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

1. އިމްޕޯޓު އެކްސްޕޯޓު މުދަލާ ގުޅޭގޮތުން ކަސްޓަމްސްއަށް ހުށަހެޅޭ ގުޑްސް ޑިކްލަރޭޝަން ނިންމާނެ ވަގުތު ނުވަތަ ޚިދުމަތުގެ މިންގަނޑު ކަނޑައެޅުން:

އިމްޕޯޓު އެކްސްޕޯޓު މުދަލާ ގުޅޭގޮތުން ކަސްޓަމްސްއިން ފޯރުކޮށްދޭ ޚިދުމަތްތައް އަވަސްކޮށް ލުއިފަސޭހަ ކޮށްދިނުމަށާއި ކަސްޓަމްސްގެ ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށް ހާމަކަން އިތުރުކުރުމަށްޓަކައި ޑިކްލަރޭޝަން ނިންމާނެ ވަގުތު ނުވަތަ ޚިދުމަތުގެ މިންގަނޑު ކަނޑައަޅައި 2014 ފެބުރުވަރީ 19 ވަނަ ދުވަހު ކަސްޓަމްސްގެ ވެބް ސައިޓުގައި ވާނީ ޝާއިޢު ކުރެވިފައެވެ. އެ މިންގަނޑާ އެއްގޮތަށް ޢަމަލުކުރަން ފަށާނީ 2014 ފެބުރުވަރީ 25 ވަނަ ދުވަހުން ފެށިގެންނެވެ.

2. ރާއްޖެއަށް އެތެރެކުރާ ބަނގުރަލާއި އޫރުމަސް ފަދަ ތަކެތި އިމްޕޯޓުކުރުމުގެ ހުއްދަ އޮންނަ ފަރާތްތައް ނޫން އެހެން ފަރާތްތަކަށް އެތަކެތި ރައްދުނުވާނެކަމުގެ ޔަގީންކަން އިތުރުކުރުމަށްޓަކައި "އީ-ގޭޓުޕާސް ޕޯޓަލް" ގެ ޚިދުމަތް ފެށުން:

ބޮންޑެޑް ވެއަރހައުސްތަކުން ދޫކުރާ ބަނގުރަލާއި އޫރުމަހުގެ ބާވަތްތައް އިމްޕޯޓުކުރުމުގެ ހުއްދަ އޮންނަ ފަރާތްތައް ނޫން އެހެން ފަރާތްތަކަށް އެތަކެތި ރައްދު ނުވާނެކަމުގެ ޔަގީންކަން އިތުރު ކުރުމުގެ ގޮތުން "އީ-ގޭޓުޕާސް ޕޯޓަލް" ގެ ޚިދުމަތް ތަޢާރުފުކޮށް، އެފަދަ ތަކެތި ލިބެންވީ ފަރާތަށް (އެތަކެތި ލިބެންޖެހޭ ހުއްދަ އޮންނަ ފަރާތްތައް) އެތަކެތި ލިބުނުކަން ނުވަތަ ނުލިބޭކަން ކަސްޓަމްސް ޕޯޓަލް މެދުވެރިކޮށް ކަސްޓަމްސްއަށް އެންގުމުގައި ޢަމަލުކުރާނެ ގޮތުގެ އުސޫލު  (ނަންބަރު: 003-ޔޫ/2014)  2014  ފެބުރުވަރީ 18 ވަނަ ދުވަހު ކަސްޓަމްސްގެ ވެބުސައިޓުގައި ވާނީ ޝާއިޢު ކުރެވިފައެވެ. 2014 މާރިޗު 1 ވަނަ ދުވަހުން ފެށިގެން ބޮންޑެޑް ވެއަރހައުސްތަކުން ބަނގުރަލާއި އޫރުމަހުގެ ބާވަތްތައް ދޫކުރާނީ ހަމައެކަނި ކަސްޓަމްސް ޕޯޓަލްގައި ރަޖިސްޓަރީ ވެފައިވާ ފަރާތްތަކަށެވެ.

3. އެކްސްޕޯޓަރުންނަށް ލުއިފަސޭހަ ކޮށްދިނުމަށްޓަކައި އެކްސްޕޯޓު ކުރުމާ ބެހޭގޮތުން ކަސްޓަމްސްއިން ކުރަންޖެހޭ އެންމެހައި ކަންތައްތައް އެއްތަނަކުން ކުރުމަށްޓަކައި އިބްރާހިމް ނާސިރު އިންޓަރނޭޝަނަލް އެއަރޕޯޓުގައި އެކްސްޕޯޓު ޕޯސްޓެއް ޤާއިމުކުރުން؛

ވައިގެމަގުން ރާއްޖެއިން މުދާ އެކްސްޕޯޓުކުރާ ފަރާތްތަކަށް ކަސްޓަމްސްއިން ފޯރުކޮށްދޭ ޚިދުމަތްތައް އަވަސްކޮށް ލުއިފަސޭހަ ކޮށްދިނުމަށްޓަކައި، އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއަރޕޯޓުގައި އެކްސްޕޯޓު ޕޯސްޓެއް ޤާއިމުކޮށް، އެކްސްޕޯޓު ކުރުމާ ގުޅޭގޮތުން ކަސްޓަމްސްއިން ކުރަންޖެހޭ އެންމެހައި ކަންތައްތައް އެތަނުން ކުރެވޭނެ އިންތިޒާމު 2014 ފެބުރުވަރީ 23 ވަނަ ދުވަހުން ފެށިގެން ވާނީ ހަމަޖައްސާފައެވެ.

4. ކުރިއަރ ސަރވިސް މެދުވެރިކޮށް ރާއްޖެއަށް އެތެރެކުރާ ތަކެތި ވީހާވެސް އަވަހަށް ލިބިދިނުމަށްޓަކައި، މުދާ އައުމުގެ ކުރިން "ޕްރީ ޑިކްލަރޭޝަން" ހުށަހެޅޭނެ ނިޒާމެއް ޤާއިމުކުރުން؛

ކުރިއަރ ސަރވިސް މެދުވެރިކޮށް ރާއްޖެއަށް އެތެރެކުރާ ތަކެތި ވީހާވެސް އަވަހަށް ލިބިދިނުމަށްޓަކައި، އެތަކެތި ކްލިއަރ ކުރުމަށް ހޭދަވާ ވަގުތު މަދުކުރުމުގެ ގޮތުން މުދާ އައުމުގެ ކުރިން "ޕްރީ ޑިކްލަރޭޝަން" ހުށަހެޅޭނެ ނިޒާމެއް 2014 ޖަނަވަރީ 26 ވަނަ ދުވަހު ވަނީ ޤާއިމުކުރެވިފައެވެ. އަދި އެކަމާގުޅޭ އުސޫލު (ނަންބަރު: 2014/U-001) އެކުލަވާލައި، އެ އުސޫލު 2014 ޖަނަވަރީ 20 ވަނަ ދުވަހު ކަސްޓަމްސްގެ ވެބުސައިޓުގައި ވަނީ ޝާއިޢު ކުރެވިފައެވެ.

5. ރާއްޖެއަށް މަސްތުވާތަކެތި އެތެރެވުން ކޮންޓްރޯލު ކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކާ ގުޅިގެން އިންޓެލިޖެންސް މައުލޫމާތު އެއްކޮށް، ޕްރޮފައިލް ހެދޭނެ ނިޒާމެއް ޤާއިމު ކުރުމާއެކު ބަނދަރުތަކުގައި ސަރވައިލަންސް އިތުރަށް ހަރުދަނާކުރުން؛

ރާއްޖެއަށް މަސްތުވާތަކެތި އެތެރެވުން ކޮންޓްރޯލް ކުރުމަށްޓަކައި ކަމާގުޅޭ ތަންފީޛީ އިދާރާތަކުގެ މެދުގައި މަޢުލޫމާތު ބަދަލުކުރުމަށްޓަކައި އެއްބަސްވުންތައް ހެދި މަޢުލޫމާތު ހިއްސާކުރެވޭނެ ނިޒާމެއް ވަނީ ޤާއިމު ކުރެވިފައެވެ. މިގޮތުން ހިއްސާކުރެވޭ މަޢުލޫމާތުގެ އަލީގައި ޕްރޮފައިލް ހެދޭނެ ނިޒާމެއް ޤާއިމުކޮށް ކަސްޓަމްސްގެ ޤާނޫނީ ވާޖިބު އަދާކުރުން ވަނީ އިތުރަށް ހަރުދަނާ ކުރެވިފައެވެ.

6. ރާއްޖެއަށް އެތެރެކުރުމާއި ރާއްޖެއިން ބޭރުކުރުން މަނާ ތަކެއްޗާއި ހުއްދަ ބޭނުންވާ ތަކެތީގެ މަޢުލޫމާތު އެއްކޮށް އެމަޢުލޫމާތު ލުއިފަސޭހަކޮށް ލިބޭނެ އިންތިޒާމު ހަމަޖެއްސުން؛

ރާއްޖެއަށް ގެނައުން މަނާ ތަކެއްޗާއި ރާއްޖެއިން ބޭރުކުރުން މަނާ ތަކެއްޗާއި، އެތެރެކުރުމުގައި ނުވަތަ ބޭރުކުރުމުގައި ސަރުކާރުގެ އެކި އިދާރާތަކުގެ ހުއްދަ ބޭނުންވާ ތަކެތީގެ މަޢުލޫމާތު އާންމުންނަށް ލުއި ފަސޭހަކޮށް ލިބޭނެ އިންތިޒާމު ހަމަޖެއްސުމުގެ ގޮތުން އެ މަޢުލޫމާތު އެއް ލިޔުމަކުން ފެންނާނެހެން އެއްކުރެވި، 2014 ފެބުރުވަރީ 20 ވަނަ ދުވަހު ކަސްޓަމްސްގެ ވެބު ސައިޓުގައި ވާނީ ޝާއިޢު ކުރެވިފައެވެ.

7. ކަސްޓަމްސަށް ދައްކަންޖެހޭ ފައިސާ ފަސޭހައިން ދެއްކޭނެ އިންތިޒާމު ހަމަޖެއްސުމަށްޓަކައި އޮންލައިންކޮށް ފައިސާ ދެއްކޭނެ ނިޒާމެއް ތަޢާރަފުކުރުން؛

އިމްޕޯޓް އެކްސްޕޯޓްކުރާ ފަރާތްތަކަށް ކަސްޓަމްސްއިން ފޯރުކޮށްދޭ ޚިދުމަތްތައް ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން އަވަސްކޮށް ލުއިފަސޭހަ ކޮށްދިނުމަށްޓަކައި، އޮންލައިންކޮށް ފައިސާ ދެއްކޭނެ އިންތިޒާމު ހަމަޖައްސައި، އެކަމާބެހޭ އުސޫލު (ނަންބަރު: 004-ޔޫ/2014)  2014 ފެބުރުވަރީ 20 ވަނަ ދުވަހު ކަސްޓަމްސްގެ ވެބުސައިޓުގައި ވާނީ ޝާއިޢު ކުރެވިފައެވެ. މި އުސޫލާ އެއްގޮތަށް ޢަމަލުކުރަން ފަށާނީ 2014 ފެބުރުވަރީ 25 ވަނަ ދުވަހުން ފެށިގެންނެވެ.

8. އެކްސްޕޯޓު / އިމްޕޯޓު ޑިކްލަރޭޝަނާއެކު ހުށަހަޅަންޖެހޭ ލިޔުންތައް އޮންލައިންކޮށް ހުށަހެޅޭނެ ނިޒާމެއް ޤާއިމުކުރުން؛

އިމްޕޯޓު އެކްސްޕޯޓުކުރާ ފަރާތްތަކަށް ކަސްޓަމްސްއިން ފޯރުކޮށްދޭ ޚިދުމަތްތައް ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން އަވަސްކޮށް ލުއިފަސޭހަ ކޮށްދިނުމަށްޓަކައި، ގުޑްސް ޑިކްލަރޭޝަނާއި އެއާއެކު ހުށަހަޅަންޖެހޭ ލިޔުންތައް އޮންލައިންކޮށް ހުށަހަޅަން ބޭނުންވާ ފަރާތްތަކަށް، އެތަކެތި އޮންލައިންކޮށް ހުށަހެޅުމުގެ އިންތިޒާމު ހަމަޖައްސައި، އެކަމާބެހޭ އުސޫލު (ނަންބަރު: 004-ޔޫ/2014) 2014 ފެބުރުވަރީ 20 ވަނަ ދުވަހު ކަސްޓަމްސްގެ ވެބުސައިޓުގައި ވާނީ ޝާއިޢު ކުރެވިފައެވެ. މި އުސޫލާ އެއްގޮތަށް ޢަމަލުކުރަން ފަށާނީ 2014 ފެބުރުވަރީ 25 ވަނަ ދުވަހުން ފެށިގެންނެވެ.

9. ޕޯސްޓުގެ މަގުން ރާއްޖެއަށް ގެންނަތަކެތި ބަލައި ފާސްކުރުން އަވަސްކުރުމަށްޓަކައި އެކްސްރޭކޮށް މުދާ ސްކްރީންކުރެވޭނެ ނިޒާމެއް ޤާއިމުކުރުން؛

ޕޯސްޓުގެ މަގުން ރާއްޖެއަށް ގެންނަ ތަކެތި، އެ ތަކެތީގެ ވެރިފަރާތަށް އަވަހަށް ލިބިދިނުމަށްޓަކައި އެތަކެތި އެކްސްރޭކޮށް ދޫކުރެވޭނެ އިންތިޒާމު މޯލްޑިވްސް ޕޯސްޓު ލިމިޓެޑުން ހަމަޖައްސަވައި ދެއްވައިފައިވާތީ، އެފަދަ ތަކެއްޗާ ގުޅޭގޮތުން ކަސްޓަމްސްއިން ފޯރުކޮށްދޭ ޚިދުމަތްތައް އަވަސްކޮށް ލުއި ފަސޭހަކޮށް ދިނުމުގެ ގޮތުން، އެފަދަ ތަކެތީގެ ތެރެއިން ޑިއުޓީ ދައްކަންޖެހޭ ތަކެއްޗަށް، ހުށަހަޅަންޖެހޭ ގުޑްސް ޑިކްލަރޭޝަން ހުށަހެޅުމާއި ޑިއުޓީ ދެއްކުމުގެ އިންތިޒާމު 2014 ފެބުރުވަރީ 25 ވަނަ ދުވަހުން ފެށިގެން ވާނީ ހަމަޖެހިފައެވެ.

10. ކަސްޓަމްސްއާއި ކަސްޓަމްސްގެ ބްރޯކަރުންނާއި އަދި މުދާ އިމްޕޯޓުކޮށް އެކްސްޕޯޓު ކުރާ ފަރާތްތަކާ އޮންނަ ގުޅުން ހަރުދަނާކޮށް އިތުބާރު އުފެއްދުން

އިމްޕޯޓު އެކްސްޕޯޓުކުރާ ފަރާތްތަކަށް ލިބިދޭންޖެހޭ ރައްކާތެރިކަމާއި ޔަގީންކަން އިތުރުކުރުމަށްޓަކައި، އެ ފަރާތްތަކުން އިމްޕޯޓުކުރާ ނުވަތަ އެކްސްޕޯޓުކުރާ މުދަލުގެ ގުޑްސް ޑިކްލަރޭޝަން ނިންމުމުގެ މަރުޙަލާއާއި މުދާ ބަލައި ފާސްކުރުމުގެ މަރުޙަލާގައި އެފަރާތްތައް ތަމްސީލުކުރުމަށް ކަސްޓަމްސް ބްރޯކަރެއް (ކަސްޓަމްސް މެދުވެރިން) ޢައްޔަންކުރުމުގެ އުސޫލު އެކުލަވައިލައި، އެ އުސޫލު (ނަންބަރު: (1) 002-ޔޫ/2014) 2014  ފެބުރުވަރީ 17 ވަނަ ދުވަހު ކަސްޓަމްސްގެ ވެބުސައިޓުގައި ވާނީ ޝާއިޢު ކުރެވިފައެވެ. މި އުސޫލާ އެއްގޮތަށް ޢަމަލުކުރަން ފަށާނީ 2014 ފެބުރުވަރީ 25 ވަނަ ދުވަހުން ފެށިގެންނެވެ.

23 ރަބީޢުލްއާޚިރު 1435

23 ފެބުރުވަރީ 2014
ހޯދާ