މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ
ދިވެހިރާއްޖެ
ބުޅަލުގެ ޛަރީޢާއިން އިންސާނުންނަށް ޖެހޭ ރިންގްވޯމް ރާއްޖޭގައި ހަލުވިކޮށް ފެތުރެމުންދާތީ ޢާއްމުންގެ ސަމާލުކަމަށް

ބުޅަލުގެ ޛަރީޢާއިން އިންސާނުންގެ ގަޔަށް އަރާ ބައްޔެއް ކަމުގައިވާ ރިންގްވޯމް ޖެހިގެން މިމިނިސްޓްރީއަށް އަންގާ ފަރާތްތަކުގެ އަދަދު ވަނީ މިހާރަކަށް އައިސް ވަރަށް ބޮޑަށް އިތުރުވެފައެވެ.

މި ބަލި ޖެހުމަށް މެދުވެރިވަނީ ހަންގަނޑުގައި އަޅާ، ޑާރމެޓޮފައިޓްސް ކިޔާ ހަމަލޮލަށް ނުފެންނަ ކަވި ފަންގަހެކެވެ. 12 މަހުން ދަށުގެ ބުޅަލަށާއި، 10 އަހަރުން މަތީގެ ބުޅަލަށާއި، ކެހެރި ދިގު ބުޅަލަށާއި، ބަލިން ދިފާޢުވުމުގެ ނިޒާމުގެ ބާރުދަށް ނުވަތަ ބަލިކަށި ބުޅަލަށް މިބަލިޖެހުން ގާތެވެ. ބަލިޖެހިފައިވާ ބުޅަލުގެ ކެހެރިގަނޑުގައި މިފަންގަހުގެ ޖަރާސީމް ހަރުލާފައި ހުރެއެވެ. މިގޮތުން އެސޮރު ދިރިއުޅޭ ތަންތަނަށް ފައިބާ ކެހެރިތަކާއެކު މީގެ ޖަރާސީމުތައް ދޫވެފައި ހުރެއެވެ. އަދި ތިން މަސްދުވަހުގެ މުއްދަތަކަށް މިޖަރާސީމުތައް ބުޅާ ދިރިއުޅޭ ތަންތަނުގައި ދެމިހުރެއެވެ. އެހެންކަމުން ބުޅާ އުޅޭ ތަންތަނުންނާއި ގެންގުޅޭ ތަކެތިން ( ކާރޕެޓް، ފަރުނީޗަރ، ފުނާ، މިނޫނަސް ބުޅާ ދިރިއުޅޭ ތަންތަނުގައި ހުންނަ ތަކެތިން)  އެހެން ބުޅާތަކަށް މިބަލި އަރައެވެ. މި ނޫން ގޮތަކަށް މިބަލި ބުޅަލަށް އަރާނީ ރިންގް ވޯމް ޖެހިފައިވާ އެހެން ބުޅަލަކާ ގައިގޯޅިވެ އުޅުމުންނެވެ.

ބުޅަލަށް މިބަލި ޖެހުމުން ފެންނަ އަލާމާތްތަކުގެ ތެރޭގައި ބުޅަލުގެ ހަންގަނޑުގައި ކެހެރި ފައިބައިފާ ހުންނަ ވަށްބުރުތަކެއް ފެންނަން ހުރެއެވެ. އަދި މިވަށްބުރުތަކުގެ މެދުގައި ކުދިކުދި ފެންފޮޅުތަކެއް ހުރެއެވެ. އެއަށްފަހު މިފޮޅުތައް ފަޅައިގެންގޮސް ކަސްގަނޑަކަށް ބަދަލުވެއެވެ. އާއްމުކޮށް މިބަލި ފެންނަން ހުންނާނީ ބޮލުންނާއި ނިގުލުންނެވެ. ނަމަވެސް ގައިގެ އެކި ތަންތަނުންވެސް މިބަލި ފެނުން އެކަށީގެންވެއެވެ. މިފަދަ އެއްވެސް ޢަލާމާތެއް ބުޅަލުގެ ގައިން ފެނިއްޖެނަމަ މިބަލި ފެތުރުނަނުދިނުމުގެ ގޮތުން ބުޅާ ތަޙުލީލުކުރުމަށްޓަކައި މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރުގެ ފޯން ނަމްބަރު 3322625 ނުވަތަ 3339212 އަށް ވީ އެންމެ އަވަހަކަށް ގުޅުއްވައި މިކަމާބެހޭ މަޢުލޫމާތު ދެއްވުން އެދެމެވެ.

މިބައްޔަކީ ބުޅަލުގެ ޛަރީޢާއިން އިންސާނުންގެ ގަޔަށް އަރާ ބައްޔެކެވެ. މިބަލިޖެހުން ބޮޑަށް އެކަށީގެންވަނީ ކުޑަކުދިންނަށާއި، އުމުރުން ދުވަސްވީ މީހުންނަށެވެ. މިބަލިޖެހިފާއިވާ މީހުންނާއި ބުޅަލާ ގައިގޯޅިވެއުޅުމުން މިބަލި އަރައެވެ. މިބަލި އިންސާނުންނަށް ޖެހުމުން ބުޅަލުގެ ގައިން ފެންނަ ކަހަލަ، ވަށްކޮށް ހުންނަ ކަސްތަކެއް އަތާއި ފައިގައި ހުރެއެވެ.

ވީމާ، މިފަދަ އެއްވެސް އަލާމާތެއް ބުޅާ ގެންގުޅޭ ފަރާތެއްގެ ގައިން ފެނިއްޖެނަމަ އަވަހަށް ޑޮކްޓަކަށް ދެއްކުން މުހިންމެވެ. އަދި ހަމަ މިއާއެކު، މަގުމަތީގައި އުޅޭ ބުޅަލާއި ގައިގޯޅިވެ އުޅުމުގައިވެސް ސަމާލުވުމަށް މިފުރުޞަތުގައި ދަންނަވަމެވެ.

09 ރަބީޢުލްއާޚިރު 1435

09 ފެބުރުވަރީ 2014
ހޯދާ