ދިވެހިރާއްޖެ
އިޢުލާން
ޤާނޫނު ނަންބަރު: 87/5، [ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ޤާނޫނު] އިން ބާރު ލިބިގެން ހަދާފައިވާ [އެކްސްޕޯޓްކުރާ ފަރާތްތަކަށް ވިއްކުމަށް މަސްވެރިކަން ކުރުމަށާއި، އެކްސްޕޯޓްކުރުމަށް މަހާއި މަހުގެ އެފެއްދުންތައް ތައްޔާރު ކުރުމަށާއި، އެކުއާކަލްޗަރ ކުރުމުގެ ލައިސަންސް ދިނުމާބެހޭ ގަވާއިދު] (ލައިސަންސް ދިނުމާބެހޭ ގަވާއިދު)ގެ ދަށުން މަސްވެރިކަން ކުރުމުގެ ލައިސަންސް ނަގައިގެން މަސްވެރިކަމުގައި ޙަރަކާތްތެރި ވަމުންދާ އުޅަނދުފަހަރާ ގުޅޭ ގޮތުން ދަންނަވަމެވެ.
އިސްވެ ދެންނެވުނު ލައިސަންސް ދިނުމާބެހޭ ގަވާޢިދުގެ ދަށުން ލައިސަންސް ލިބިގެން މަސްވެރިކަން ކުރަމުންދާ އުޅަނދުފަހަރު، ދިވެހިރާއްޖޭގައި މިހާރު ހިނގަމުންދާ ބައެއް ހަމަނުޖެހުން ތަކުގައި އަދި ޣައިރު ޤާނޫނީ ބައެއް އެއްވުންތަކުގައި ހަރަކާތްތެރިވުމަށް މީހުން އުފުލުން ފަދަ ކަންކަން ކޮށްފައިވާކަމާއި، ކުރަމުންދާކަމާއި އަދި ކުރުމަށް ތައްޔާރު ވަމުންދާކަމުގެ މަޢުލޫމާތު މި މިނިސްޓްރީއަށް ވަނީ ލިބިފައެވެ. އިސްވެ ދެންނެވުނު ލައިސަންސް ދިނުމާބެހޭ ގަވާއިދުގެ 16 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ؛
[މިގަވާއިދުގެ ދަށުން ލައިސަންސް ލިބިފައިވާ ފަރާތުން ނުވަތަ އެފަރާތުގެ އިރުޝާދުގެ މަތިން ޙަރަކާތްތެރިވާ މުވައްޒަފަކު، އޭޖެންޓަކު ނުވަތަ އެހެން މީހަކު، މިގަވާއިދުގެ ދަށުން ހިންގާ އެއްވެސް ކަމެއް ކުރުމުގައި، ދިވެހިރާއްޖޭގެ އާއްމު މަސްލަހަތަށް ނުވަތަ ދިވެހިރާއްޖޭގެ ގައުމީ ސަލާމަތަށް ނުރައްކާ ވެދާނެ އެއްވެސް ކަމެއް ކުރާނަމަ ނުވަތަ ކޮށްފިނަމަ ނުވަތަ ކުރުމަށް މަސައްކަތްކޮށްފިނަމަ، އެކަމެއްގެ ކުޑަބޮޑުމިނަށް ބަލާ، އެފަރާތަށް ދީފައިވާ ލައިސަންސް އަނބުރާ އަތުލުމުގެ އިޙްތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ].
އެހެންކަމުން މިފަދަ ޣައިރު ޤާނޫނީ ޙަރަކާތްތަކަށް މަދަދުވެރިވުމުގެ ގޮތުން، މަސްވެރިކަން ކުރުމުގެ ލައިސަންސް ހޯދާފައިވާ އުޅަނދުފަހަރު ބޭނުން ކުރުމަކީ މަނާ ކަމެއްކަމުގައި އެންމެހާ އޮޑިވެރިންނާއި މަސްވެރިންގެ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. އަދި މިފަދަ ޙަރަކާތްތަކުގައި މަސްވެރި އުޅަނދުފަހަރު ބޭނުންކޮށްފި ކަމުގައި ވާނަމަ، މަސްވެރިކަން ކުރުމަށް މި މިނިސްޓްރީގެ ފަރާތުން ދޫކޮށްފައިވާ ލައިސަންސް ބާތިލުކޮށް، އެފަދަ އުޅަނދުފަހަރާ މެދު ހަރުކަށި ފިޔަވަޅު އަޅާނެ ކަމުގައި އެންމެހާ ފަރާތްތަކުގެ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.