ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)30-E3/30/2017/44
ޕަބްލިޝްކުރި ތާރީޚް: 02 މޭ 2017
ޕަބްލިޝްކުރި ގަޑި: 10:28
މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
ޕެސްޓިސައިޑް އެތެރެކުރާ ފަރާތްތަކުގެ ސަމާލުކަމަށް

އިޢުލާން

 

ޕެސްޓިސައިޑް އެތެރެކުރާ ފަރާތްތަކުގެ ސަމާލުކަމަށް

 

ދިވެހިރާއްޖެއަށް އެތެރެކުރެވޭ އިންސެކްޓިސައިޑެއް (ދިރޭސޫފާސޫފި މަރާބޭހެއް) ކަމުގައިވާ ކްލޯޕައިރިފޮސް (Chlorpyrifos) އަކީ އިންސާނުންނަށް ނުރައްކާތެރި ކެމިކަލްއެއްގެ ގޮތުގައި ވަނީ ބެލެވިފައެވެ.  އެގޮތުން ކޮލޯޕައިރިފޮސްއަކީ އިންސާނުންގެ ނާރުތަކުގެ ނިޒާމަށް ވިހަ ކެމިކަލެކެވެ. އަދި އެންމެ ފަހުގެ ދިރާސާތަކުން ދައްކާގޮތުގައި ކުޑަކުދިންގެ ސިކުނޑި އުފެދުމަށް އޭގެ ސަބަބުން ގެއްލުންހުރި އަސަރުތަކެއް ކުރުމުގެ އިތުރުން ބޭސް ޖަހާ ފަރާތްތަކަށާއި، އޭގެ އަސަރުކުރާ ފަރާތްތަކަށް މިބޭހުގެ ނުރައްކާތެރިކަން ބޮޑެވެ.

މީގެއިތުރުން ޓްރައިކްލޯފަން(Trichlorfon) ، ކާރބޯސަލްފަން(Carbosulfan)  އަދި ފެންތިއޮން (Fenthion) އަކީ ރޮޓަޑަމް މުޢާހަދާގެ ދަށުން ނުރައްކާތެރި ކެމިކަލްތަކެއްގެ ގޮތުގައި ކަނޑައެޅުމާބެހޭ މަޝްވަރާތައް ކުރެވެމުންދާ ޕެސްޓިސައިޑް ތަކެކެވެ.

އެގޮތުން ޓްރައިކްލޯފަން ބޭނުންކުރާ ފަރާތްތަކާއި އޭގެ އަސަރުކުރާ ފަރާތްތަކަށް ސިއްޙީގޮތުން ގިނަގުނަ ނުރައްކާތަކެއް ކުރުމުގެ ފުރުސަތު ބޮޑެވެ. އަދި ޓްރައިކްލޯފަންގެ އެއް މެޓަބޮލައިޓް ކަމަށްވާ ޑައިކްލޯވޮސްއަކީ މިހާރުވެސް އެތެރެކުރުން މަނާ ލިސްޓުގައި ހިމެނޭ ކެމިކަލްއެކެވެ. އަދި ހަމައެފަދައިން ކާބޯސަލްފަންއާއި ފެންތިއޮންއަކީވެސް އިންސާނުންގެ ސިއްޙަތަށާއި ތިމާވެއްޓަށް ވަރަށް ނުރައްކާތެރި ގެއްލުންތަކެއް ކުރާ ކެމިކަލްތަކެކެވެ.

 ވުމާއެކު މި މިނިސްޓްރީގެ ވެބްސައިޓްގައި ޝާޢިއު ކުރެވިފައިވާ ދިވެހިރާއްޖެއަށް އެތެރެކުރުން މަނާ ޕެސްޓިސައިޑްގެ ލިސްޓަށް ކްލޯޕައިރިފޮސް، ޓްރައިކްލޯފަން، ކާބޯސަލްފަން އަދި ފެންތިއޮން މިހާރު ވާނީ އިތުރު ކުރެވިފައެވެ. އަދި 30 ޖުލައި 2017 އިން ފެށިގެން ދިވެހިރާއްޖެއަށް މިހަތަރު ޕެސްޓިސައިޑް އެތެރެ ކުރުމަށް ހުއްދަ ނުދެވޭނެ ވާހަކަ ދެންނެވީމެވެ.

ވީމާ، ޕެސްޓިސައިޑް އެތެރެ ކުރުމުގައި ކުރިމަތިވެދާނެ ދަތިތަކުން ދުރުހެލިވުމަށްޓަކައި ދިވެހިރާއްޖެއަށް ޕެސްޓިސައިޑް އެތެރެކުރުމަށް އެދި ހުށަހެޅުމުގެ ކުރިންނާއި، އެތެރެކުރުމުގެ ކުރިން މިލިސްޓް ބެއްލެވުމަށް ސަމާލު ކަންދެއްވުން އެދެމެވެ. އަދި މިލިސްޓް ތިރީގައިމިވާ ލިންކުން ޑައުންލޯޑް ކުރެވޭނެ ވާހަކަވެސް ދަންނަވަމެވެ.

http://www.fishagri.gov.mv/index.php/en/ministry/download                 

02 މޭ 2017