މަސައްކަތް
ނަންބަރު: (IUL)30-C/30/2017/38
ޕަބްލިޝްކުރި ތާރީޚް: 19 އެޕްރީލް 2017
ޕަބްލިޝްކުރި ގަޑި: 07:59
ސުންގަޑި: 27 އެޕްރީލް 2017 14:00
މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
ރާއްޖޭގައި އުފެއްދޭ ކާނާގެ ބާވަތްތަށް އާލާކޮށް، ފުޑް ސެކިއުރިޓީ ނުވަތަ ކާނާގެ ޔަޤީންކަން ރައްޔިތުންނަށް ހޯދައި ދިނުމުގެ ޕްރޮގްރާމްގެ ދަށުން، ހދ. ނޮޅިވަރަންފަރުގެ ގޭބިސީ ތަކުގަޔާއި ހުސް ބިން އޮތް ތަންތަނުގައި އިންދުމަށް ބަނބުކެޔޮ، ދަނޑިއަލުވި، އަލަ އަދި ފަތްކެޔޮ އުފައްދައިދޭނެ ފަރާތެއް ހޯދުން

އިއުލާން ނަންބަރު: (IUL)30-C/30/2017/38

 

ރާއްޖޭގައި އުފެއްދޭ ކާނާގެ ބާވަތްތަށް އާލާކޮށް، ފުޑް ސެކިއުރިޓީ ނުވަތަ ކާނާގެ ޔަޤީންކަން ރައްޔިތުންނަށް ހޯދައި ދިނުމުގެ ޕްރޮގްރާމްގެ ދަށުން، ހދ. ނޮޅިވަރަންފަރުގެ ގޭބިސީ ތަކުގަޔާއި ހުސް ބިން އޮތް ތަންތަނުގައި އިންދުމަށް ބަނބުކެޔޮ، ދަނޑިއަލުވި، އަލަ އަދި ފަތްކެޔޮ އުފައްދައިދޭނެ ފަރާތެއް ހޯދުން

 

     ސަރުކާރުން ކަނޑައަޅާފައިވާ ދެމެހެއްޓެނިވި ގޮތެއްގައި ރާއްޖޭގައި ކާބޯތަކެތީގެ އުފެއްދުން އިތުރުކޮށްގެން ކާނާގެ ރައްކާތެރިކަން ލިބޭނެ މަގު ތަނަވަސްކޮށްދިނުމުގެ ސިޔާސަތުގެ ދަށުން، ރާއްޖޭގައި އުފެއްދޭ ކާނާގެ ބާވަތްތައް އާލާކޮށް، ފުޑް ސެކިއުރިޓީ ނުވަތަ ކާނާގެ ޔަޤީންކަން ރައްޔިތުންނަށް ހޯދައި ދިނުމުގެ ޕްރޮގްރާމްގެ ދަށުން، ހދ. ނޮޅިވަރަންފަރު ގޭބިސީތަކުގައި އިންދުމަށް ބަނބުކެޔޮ، ދަނޑިއަލުވި، އަލަ، އަދި ފަތްކެޔޮ އުފެއްދުމަށް ޝައުގުވެރިވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލަމެވެ.

 

މި ޕްރޮގްރާމަށް ގަސް އުފެއްދުމުގެ މަސައްކަތް މިއަހަރު ކުރުމަށް ހަމަޖެހިފައިވަނީ ޕްރޮގްރާމް ހިންގުމަށް ހަމަޖެހިފައިވާ ރަށަކުން ގަސް އުފައްދައިދޭނެ ފަރާތެއް ހޯދައި އެފަރާތެއް މެދުވެރިކޮށެވެ.

 

ވީމާ، ތިރީގައިވާ މައުލޫމާތާ އެއްގޮތަށް ގަސް އުފައްދަން ޝައުޤުވެރިވެލައްވާ ފަރާތްތަކުން  27 އެޕްރީލް 2017 ވާ ބުރާސްފަތި ދުވަހުގެ 14:00 އަށް ހދ. ނޮޅިވަރަންފަރު ކައުންސިލަށް ނުވަތަ މި މިނިސްޓްރީގެ (ވެލާނާގެ 7 ވަނަ ފަންގިފިލާއަށް) ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

 

     އިތުރު މަޢުލޫމާތު ހޯއްދެވުމަށް ފިޝަރީޒް މިނިސްޓްރީން ނަމަ 3339261 ނަންބަރު ފޯނާ އަދި ހދ. ނޮޅިވަރަންފަރު އިންނަމަ 9918238 ނަންބަރު ނުވަތަ ނޮޅިވަރަންފަރު ކައުންސިލް 6520045 ނަންބަރުފޯނާ ގުޅުއްވުން އެދެމެވެ.

 

ހދ. ނޮޅިވަރަންފަރުގައި އުފައްދަން  ބޭނުންވާ ގަހުގެ ބާވަތްތައް އަދި ޢަދަދު

ގަހުގެ ބާވަތް

އަދަދު

ބަނބުކެޔޮ

137

އަލަ ނިރު

248

ދަނޑިއަލުވި

310

ފަތްކެޔޮ (ބޮންތިރަތްކެޔޮ)

159

ޖުމްލަ

854


ނޯޓް: މި 4 ބާވަތުގެ ގަސް އުފައްދަންޖެހޭނީ ރާއްޖޭގެ މުޑުވައް ބޭނުން ކޮށްގެންނެވެ. ރާއްޖޭން ބޭރުން ގަސް ގެނެސްގެން ނުވަތަ މުޑުވައް ގެނެސްގެން އުފައްދާ ގަސް ބަލައެއް ނުގަނެވޭނެ އެވެ.

ގަސްތަކުގެ ސްޕެސިފިކޭޝަން

ދަނޑިއަލުވި ގަސް ހުންނަންޖެހޭނެ ގޮތް

  1. ބިމުން މައްޗަށް ގަހުގެ މައިގަނޑު 8-10 އިންޗި ހުރުން
  2. ގަހުގައި މަދުވެގެން ފުރިހަމަވެފައިވާ 8 ފަތް ލާފައި ހުރުން އަދި ފަތްވަޅުތަކުން ކުރި ފަޅަންފަށާފައިވުން (އަދި އެކަށީގެންވާ ވަރަށް މޫވެސް ލާފައި ހުންނަންވާނެ)   
  3. ގަސްތައް ހުންނަންވާނީ  (8’’x6’’) ސައިޒްގެ ކަޅު ކޮތަޅުގައި އިންދާފައި. އަދި ގަސްތަކުން އެއްވެސް ވަރަކަށް މޯޅިވުމުގެ ނިޝާނެއް ހުރެގެން ނުވާނެއެވެ.
  4. ގަސްތަކުގެ ޞިއްހަތު ރަނގަޅުވެފަ އަދި ގަހުގެ އެއްވެސް ހިސާބެއްގައި ފަނިފަކްސާއެއްގެ ނުވަތަ ބައްޔެއްގެ ނިޝާން ފެންނަން ނެތުން. ވަކިން ޚާއްޞަކޮށް ގުރުޑުބަލި (ވައިރަސް ބަލި) ޖެހިފައި ހުރި ގަސްތަކަކަށް ވެގެން ނުވާނެ.
  5. މިގޮތުން ދަނޑިއަލުވި މުޑުވައްކުރަން ފެށުމުގެ ކުރިން މުޑުވަކަށް ހިޔާރުކުރެވޭ ގަސްތަކަކީ ވައިރަސްފްރީ ގަސްތަކެއްތޯ މިނިސްޓްރީއާ ފޮޓޯ ހިއްސާކޮށްގެން ކަށަވަރު ކުރުން

ބަނބުކެޔޮ ގަސް ހުންނަން ޖެހޭނެ ގޮތް

1-  އެންމެ ކުރުވެގެން 10 އިންޗިއާ 18 އިންޗިއާ ދެމެދުގެ ދިގުމިން ހުންނަ ގަސް

2-  ގަހުގައި މަދުވެގެން އެއްކޮށް ފޮޅިފައިވާ 6-8 ފަތް ލާފައި ހުންނަން ވާނެ (އަދި އެކަށީގެންވާ ވަރަށް މޫވެސް ލާފައި ހުންނަންވާނެ)

3-  ގަސްތައް ހުންނަންވާނީ  (8’’x6’’) ސައިޒްގެ ކަޅުކޮތަޅުގައި އިންދާފަ އަދި ގަސްތަކުން އެއްވެސްވަރަކަށް މޯޅިވުމުގެ ނިޝާނެއް ހުރެގެންނުވާނެ

4-  ގަސްތަކުގެ ސިއްހަތު ރަގަޅުވެފަ އަދި ގަހުގެ އެއްވެސް ހިސާބެއްގައި ފަނިފަކްސާއެއްގެ ނުވަތަ ބައްޔެއްގެ ނިޝާން ފެންނަން ނެތުން

އަލަ ނިރު ހުންނަންޖެހޭނެ ގޮތް

1- އަލަ ގަހުގެ ބުޑުން ފަޅާފައި ހުންނަ 6 އިންޗި އާއި 18 އިންޗިއާ ދެމެދަށް ހެދިފައިވާ ނިރު

2- ނިރު ނަގާފައި ހުންނަންވާނީ މުލަށް ވީހާވެސް ބޮޑަށް ގެއްލުން ކުޑަވާނެހެން

3- އަލަ ނިރުތައް އެންމެ އަވަސްވެގެންވެސް މުޑުވަށް ކޮށްފައިހުރި ބިމުން ނަގަންވާނީ ގަސްބެހުމަށް ހަމަޖެހިފައިވާ ދުވަހުގެ އެއްދުވަސް ކުރިން އަދި ނިރުތައް ފޯރުކޮށްދޭއިރު ކޮންމެސް ވަރަކަށް ވަޅޯވެފައި ހުރިނަމަވެސް އެއްވެސް ވަރަކަށް އަނދާފައި ނުވަތަ ދޮންވާން ފަށާފައި ހުރެގެން ނުވާނެ

4- ނިރުގެ އެއްވެސް ހިސާބަކުން ފަނިފަކްސާގެ ނުވަތަ ބައްޔެއްގެ ނިޝާނެއް ފެންނަން ހުރެގެން ނުވާނެ

 

ފަތްކެޔޮނިރު ހުންނަންޖެހޭނެ ގޮތް

  1. ނިރު ގައި 5-3 ފޫޓު ހުރުން އަދި ނިރުގެ ބުޑުފަލަވެފަ، ކޮޅަށް ހުންނަ ހިމަފަތް ތަކެއް ހުރުން
  2. ގަހުގެ ނުވަތަ ނިރުގެ އެއްވެސް ހިސާބަކުން ބައްޔެއްގެ ނިޝާނެއް ފެންނަން ހުރެގެން ނުވާނެ
  3. ނިރުގެ ފަތްތައް ހުންނަންވާނީ ފެހި ކުލާގަ.
  4. ފަތްކެޔޮ ނިރުތައް އެންމެ އަވަސްވެގެންވެސް މުޑުވަށް ކޮށްފައި ހުރި ބިމުން ނަގަންވާނީ ގަސްބެހުމަށް ހަމަޖެހިފައިވާ ދުވަހުގެ އެއްދުވަސް ކުރިން.

      ގަސް އުފައްދަން އަންދާސީ ހިސާބު ހުށަހަޅާ ފަރާތުގައި ހުންނަންޖެހޭ ޝަރުތުތައް

  • މިކަމަށް ކުރިމަތިލާ ފަރާތަކީ ގަސްއުފެއްދުމުގެ ފަންނީ ޤާބިލުކަމާއި، ތަޖުރިބާ ހުރި ފަރާތެއްކަމުގައިވުން
  • ގަސް އުފެއްދުމުގެ މަސައްކަތްކުރެވޭވަރުގެ އެކަށީގެންވާ ވަރުގެ ބިމެއް (ގޯތިތެރެއިން ނުވަތަ ދަނޑުބިމުން) ލިބިފައިވާ ފަރާތެއް ކަމުގައިވުން

      ގަސް އުފައްދާ ފަރާތުން ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  • މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ އިން ނޮޅިވަރަންފަރުގައި ގަސް އުފެއްދުމަށް ކަނޑައަޅާފައިވާ އަދަދަށް އަދި ޓެކްނިކަލް ސްޓޭންޑެޑަށް ދެ ފަރާތުން އެއްބަސްވެވޭ މުއްދަތެއްގެ ތެރޭގައި އަމިއްލަ ތަކެތީގައި ގަސް އުފައްދާ ތައްޔާރުކޮށް މިނިސްޓްރީއަށް އެންގުން.
  • ގަސްތައް މުޑުވައް ކުރުމަށްފަހު ގަސްތައް ހެދެމުންދާ ގޮތް މިނިސްޓްރީއަށް މަހަކު 1 ފަހަރު ފޮޓޯއިން ހިއްސާކުރުން.
  • މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ އިން ކަނޑައަޅާ ތާރީޚެއްގައި ނޮޅިވަރަންފަރު ކައުންސިލާއި، މިނިސްޓްރީއާ ކޯޑިނޭޓް ކޮށްގެން ގަސް ބެހުމުގެ ކަންތައްތަކުގައި އެހީތެރިވެދިނުން.
  • ރަށުގެ ރައްޔިތުންނަށް ބަހާ ގަސްތައް އިންދިތޯ ގޭގެއަށް ގޮސް ކަށަވަރު ކުރުމާއި، ނުއިންދާ ފަރާތްތައް މިގަސްތައް އިންދުމަށް މީހުން ހޭލުންތެރި ކުރުވުމާއި، އަދި 1 އަހަރު ދުވަސް ވަންދެން ގަސްތައް ހަވާލުކުރާ ތާރީޚުން ފެށިގެން ކޮންމެ 06 މަހަކުން މިނިސްޓްރީއަށް ރަށު ކައުންސިލް މެދުވެރިކޮށް ލިޔުމުންނާއި، ފޮޓޯ މެދުވެރިކޮށް ރިޕޯޓްކުރުން

 އަންދާސީ ހިސާބު ހުށަހަޅަންވީ ގޮތް

  • ކޮންމެ ބާވަތެއްގެ ގަސް އުފައްދައި ދޭނެ އަގު ވަކިން ހުށަހެޅުން އަދި ޖުމްލަ އަގު ހުށަހެޅުން (ހުށަހަޅާ އަގުތަކަށް ބެލުމަށްފަހު ބައެއް ބާވަތްތައް އުނިކޮށް ނުވަތަ އަދަދު މަދު ކުރަން ޖެހިދާނެއެވެ.)
  • ހދ. ނޮޅިވަރަންފަރު ކައުންސިލްއިން ކަނޑައަޅާ ތަނަކަށް ގަސްތައް ގެނެސް ޖަމާކޮށްދޭނެ އަގު ވަކިން ހުށަހެޅުން
  • ގަސް އުފައްދާ ނާރސަރީ ހުންނާނެ ލޮކޭޝަން ބަޔާންކުރުން
  • މަސައްކަތާއި ޙަވާލުވާ ތާރީޚުން ފެށިގެން ގަސް އުފައްދާ ނިންމާ ރައްޔިތުންނަށް ބެހުމަށްޓަކައި ރަށުގެ ކައުންސިލާ ޙަވާލު ކުރާނެ މުއްދަތު. (އެކި ބާވަތްތަކުގެ ގަސްތައް އުފެއްދުމަށް ނަގާ މުއްދަތު ތަފާތު ވިޔަސް ހުރިހާ ގަސްތަކެއް ތައްޔާރުކޮށް ހަވާލުކުރަންވާނީ އެއް ތާރީޚެއް ގައެވެ.)

 އަންދާސީ ހިސާބާ އެކީ ހުށަހަޅަންޖެހޭ ލިޔެކިޔުންތައް

  • ކޯޕެރޭޓިވް ސޮސައިޓީ، ކްލަބް ޖަމްއިއްޔާ ޖަމާޢަތް ތަކުންނަމަ ރެޖިސްޓްރޭޝަން ކޮޕީ އަދި ހިންގާ ޤަވާއިދާއި އަސާސީ ޤަވާއިދުގެ ކޮޕީ
  • ކުންފުންޏެއް ނަމަ ރެޖިސްޓްރޭޝަން ކޮޕީއާ އެކީ، ހިންގާ ޤަވާއިދާއި އަސާސީ ޤަވާއިދުގެ ކޮޕީ އަދި ބޯޑް ރިސޮލިއުޝަން
  • އަމިއްލަ ފަރުދެއް ނަމަ އައި.ޑީ ކާޑް ކޮޕީ
  • އަންދާސީ ހިސާބު ހުށަހަޅާފަރާތުގެ ނަމުގައި ރަޖިސްޓްރީވެފައި އޮންނަ ހުސްބިން އޮތް ގޯއްޗެއް ނަމަ ގޯތީގެ ރަޖިސްޓްރީގެ ކޮޕީއެއް ނުވަތަ މިމަސައްކަތައް ބޭނުން ކުރާނީ އެހެން މީހެއްގެ ގޯއްޗެއްނަމަ، ގޯތީގެ ރަޖިސްޓްރީގެ ކޮޕީއާ އެއްކޮށް އެގޯތީގެ ވެރިފަރާތުން މިމަސައްކަތް ކުރުމަށް ހުއްދަ ދީފައިވާކަމުގެ ލިޔުމެއް (ވެރިފަރާތުގެ އައި.ޑީ ކާޑް ކޮޕީއާއެކީ)
  • ދަނޑުބިމެއްނަމަ، ރަށު ކައުންސިލުން ބިން ދޫކޮށްފައިވާ ކަމުގެ ލިޔުމެއް (ދަނޑުގެ ބޮޑުމިނާއި، ދޫކުރިފަރާތް އަދި ދޫކުރި މުއްދަތު އިނގޭނެ ފަދަ ލިޔުމެއް) ނުވަތަ މިމަސައްކަތް ކުރުމަށް ބޭނުންކުރާނީ އެހެން މީހެއްގެ ބިމެއްނަމަ، ބިން ދޫކޮށްފައިވާ ކަމުގެ ލިޔުމާއެކީ، ބިން ނަގާފައިވާ ފަރާތުން މިމަސައްކަތް ކުރުމަށް ހުއްދަ ދީފައިވާކަމުގެ ލިޔުމެއް ވެރިފަރާތުގެ އައި.ޑީ ކާޑް ކޮޕީއާއެކީ)
  • ގަސް އުފެއްދުމުގެ މަސައްކަތް ކުރުމަށް ކަނޑައަޅާ ގޯތީގައި ނުވަތަ ދަނޑުބިމުގައި މިފަދަ މަސައްކަތެއް ކުރުމަށް ހުސް ޖާގަ ލިބޭ މިންވަރު އަންގައިދޭ ލިޔުމެއް (ކައުންސިލުން ދީފައިވާ)
  • މަސައްކަތުގެ ތަޖުރިބާ ހުރިނަމަ އެކަމުގެ ލިޔެކިޔުންތައް (ދަނޑުވެރިކަމާ ގުޅުންހުރި ތަމްރީނެއް ފުރިހަމަ ކޮށްފައިވާނަމަ ސެޓްފިކެޓް، ދަނޑުވެރިކަމުގެ މަސައްކަތް ކުރަމުން ގެންދާނަމަ އެމަސައްކަތެއްގެ ތަފްޞީލާއި (ހައްދާ ބާވަތް، ދަނޑު ބިމުގެ ބޮޑުމިން) މަސައްކަތުގައި ހޭދަވީ މުއްދަތު އެނގޭނެހެން ރަށުގެ ކައުންސިލުން ދީފައިވާ ލިޔުން

 ގަސްއުފައްދައި ދޭނެ ފަރާތެއް ހޮވުމުގައި ބަލާނެ ކަންތައްތައް

އަގު

70%

މުއްދަތު

15%

ފަންނީ ތަޖުރިބާ

15%

 

...........................................................

19 އޭޕްރީލް 2017

19 އެޕްރީލް 2017