ދިވެހިރާއްޖެ
"ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން ހިންގާ "ނެޝަނަލް ހޯމް އޯނަރޝިޕް ޕްރޮގްރާމު" ތަންފީޒުކުރުމުގެ ގޮތުން، 18 އަހަރުން މަތީގެ އަލަށް ގެދޮރު ގަންނަން ބޭނުންވާ ދިވެހި ރައްޔިތުންނަށް ސަރުކާރުގެ މާލީ އެހީތެރިކަމާއެކު ގެދޮރު ގަތުމުގެ ފުރުޞަތު ފަހިކޮށްދިނުމާ ގުޅޭގޮތުން 25 ނޮވެންބަރު 2026ގައި ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކޮށްފައިވާ އުސޫލު ނަންބަރު: 29-ޖީ/2026 "އަލަށް ގެދޮރު ގަތުމަށް އެހީ ދޭ (ހެލްޕް-ޓު-ބައި) ސްކީމުގެ އުސޫލު" އާ ހަވާލާދީ ދަންނަވަމެވެ.
ބުނެވިދިޔަ އުސޫލުގެ ދަށުން އެޕްލިކޭޝަން ހުށަހެޅުމަށް ހުޅުވާލުމަށް ހަމަޖެހިފައިވަނީ، 29 ނޮވެންބަރު 2026 ވާ އާދީއްތަ ދުވަހު (މިއަދު) ގެ ހެނދުނު 11:00 އިން ފެށިގެންނެވެ. މި އުސޫލުގެ ދަށުން މާލީ އެހީތެރިކަމަށް އެދި އެޕްލިކޭޝަން ހުށަހަޅުއްވާނީ hiyaavehi.housing.gov.mv ޕޯޓަލް މެދުވެރިކޮށެވެ.
މި އުސޫލުގެ ދަށުން އެހީތެރިކަން ދޫކުރާނީ ޝަރުތު ފުރިހަމަވާ ފަރާތްތަކަށް ފައިނޭންސިންގ ފެސިލިޓީ ހަމަޖެހޭ ތަރުތީބުންނެވެ. އަދި މި އުސޫލުގެ ދަށުން ޝަރުތު ހަމަވާ ފަރާތްތަކަށް 250,000 (ދެލައްކަ ފަންސާސް ހާސް) ރުފިޔާގެ އެހީ ދޫކުރުމަށް ހަމަޖެހިފައިވާއިރު، އެހީ ދޫކުރާނީ އަންނަވި ކެޓަގަރީތަކުގެ ދަށުންނެވެ.
- ކެޓަގަރީ 1: ހެޔޮ އަގުގައި ބޯހިޔާވަހިކަން ގަތުމަށް ދޭ އެހީ (ހެލްޕް-ޓު-ބައި އެފޯޑަބަލް) އަކީ، ސަރުކާރުން ދޭ ލުއިތަކަކާއެކު، ޕްރައިވެޓް ޑިވެލޮޕަރުން އިމާރާތްކުރާ ހެޔޮ އަގުގެ ހައުސިންގ ޔުނިޓުތައް ގަތުމަށް ފުރަތަމަ ފަހަރަށް ގެދޮރު ގަންނަ ފަރާތްތަކަށް އެހީތެރިވުމަށް ދޭ އެހީއެކެވެ. މި ކެޓަގަރީ ކުރިޔަށްދާނީ، ގްރޭޓަރ މާލެ ސަރަހައްދުގައި ހިމެނޭ ރަށްތައް ފިޔަވައި އެހެން ރަށްރަށަށް ޚާއްޞަކުރުމާއެކު، ޕަބްލިކް ޕްރައިވެޓް ޕާޓްނާޝިޕްގެ ދަށުން ރަށްރަށުގައި ޑިވެލޮޕަރުން ތަރައްޤީކުރާ ހައުސިންގ މަޝްރޫޢުތަކުން ފުލެޓު ގަންނަ ފަރާތްތަކަށެވެ. މިކެޓަގަރީގެ ދަށުން ހައުސިންގ މަޝްރޫޢު ކުރިޔަށްދާ ރަށްރަށާއި މަޝްރޫޢުގެ ތަފްޞީލު، އެ މަޝްރޫޢެއް ޑިވެލޮޕަރަކާ ޙަވާލުކުރެވުމާއެކު މިނިސްޓްރީން އިޢުލާނުކުރަމުން ގެންދާނެއެވެ. އެއާއެކު މަޝްރޫޢުން ޔުނިޓެއް ގަންނަން ބޭނުންވާ މާލީ އެހީއަށް އެދި ޕޯޓަލް މެދުވެރިކޮށް ހުށަހެޅޭނެއެވެ.
- ކެޓަގަރީ 2: ވިޔަފާރި އުސޫލުން ވިއްކާ ގެދޮރު ގަތުމަށް ދޭ އެހީއަށް އެދި ހުށަހަޅަން ބޭނުންވާ، އަލަށް ގެދޮރު ގަންނަ ފަރާތްތަކުން، އެ ފަރާތަށް ހައުސިންގ ޔުނިޓެއް އެލޮޓްކުރެވުނުކަމުގެ ލިޔުމެއް ލިބުމުން ނުވަތަ ހައުސިންގ ޔުނިޓެއް އެލޮޓްކުރެވުނުކަމުގެ ލިޔުމެއް ހޯދުމުގެ ކުރިން ވެސް، މިނިސްޓްރީގެ ޕޯޓަލަށް އެޕްލިކޭޝަން ހުށަހެޅޭނެއެވެ. މި ކެޓަގަރީ ކުރިޔަށްދާނީ މުޅި ދިވެހިރާއްޖެއަށެވެ.
މި ސްކީމާ ގުޅޭ އިތުރު މަޢުލޫމާތާއި މި އިޢުލާނާ ގުޅޭ އިތުރު މަޢުލޫމާތު އުސޫލު ނަންބަރު: 29-ޖީ/2026 "އަލަށް ގެދޮރު ގަތުމަށް އެހީ ދޭ (ހެލްޕް-ޓު-ބައި) ސްކީމުގެ އުސޫލު" އާއި ޕޯޓަލުން ލިބިވަޑައިގަންނަވާނެއެވެ. އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ މި މިނިސްޓްރީގެ ނަންބަރު 4004900 އާ ގުޅުއްވުން އެދެމެވެ. އަދި މި މިނިސްޓްރީގެ އީމެއިލް: [email protected] އަށް ހުށަހަޅުއްވައިގެންވެސް މި އިޢުލާނާ ގުޅޭގޮތުން މަޢުލޫމާތު ސާފުކުރެއްވޭނެއެވެ.