ދެންނެވުން
ނަންބަރު: 2026/10
ޕަބްލިޝްކުރި ތާރީޚް: 25 ނޮވެންބަރު 2026
ޕަބްލިޝްކުރި ގަޑި: 12:38
ސިވިލް ސަރވިސް ކޮމިޝަން
ދިވެހިރާއްޖެ
ސިވިލް ސަރވިސް ކޮމިޝަނުގެ އޮޑިޓް އެންޑް ކޮމްޕްލަޔަންސް ސެކްޝަނުން ކުރިއަށްގެންދާ އޮޑިޓުތައް ކުރުމުގައި ގެންގުޅޭނެ މިންގަނޑުތައް ބަޔާންކުރާ އުޞޫލު 2026 އާންމުކުރުން

"ސިވިލް ސަރވިސް ކޮމިޝަނުގެ އޮޑިޓް އެންޑް ކޮމްޕްލަޔަންސް ސެކްޝަނުން ކުރިއަށްގެންދާ އޮޑިޓުތައް ކުރުމުގައި ގެންގުޅޭނެ މިންގަނޑުތައް ބަޔާންކުރާ އުޞޫލު 2026" ކޮމިޝަނުގެ ވެބްސައިޓުގެ ތިރީގައިވާ ލިންކުގައި އާންމުކޮށްފައިވާނެކަމުގައި ދެންނެވީމެވެ.

https://www.csc.gov.mv/Policy/Index/35

ސިވިލް ސަރވިސް ކޮމިޝަނުން ކުރިއަށްގެންދާ އޮޑިޓުތައް ކުރުމުގައި ގެންގުޅޭނެ މިންގަނޑުތައް ބަޔާންކުރާ އުޞޫލު (7 ޑިސެންބަރު 2020) އަށް ގެނެވިފައިވާ ބަދަލުތައް؛

  • އުޞޫލުގެ ނަން އިޞްލާހުކުރެވިފައިވަނީ  "ސިވިލް ސަރވިސް ކޮމިޝަނުގެ އޮޑިޓް އެންޑް ކޮމްޕްލަޔަންސް ސެކްޝަނުން ކުރިއަށްގެންދާ އޮޑިޓުތައް ކުރުމުގައި ގެންގުޅޭނެ މިންގަނޑުތައް ބަޔާންކުރާ އުޞޫލު 2026" މިގޮތަށެވެ.
  • އުޞޫލުގެ ތަޢާރަފް  އިޞްލާހުކުރެވިފައިވަނީ "މިއީ، ދިވެހި ސިވިލް ސަރވިސްގެ ޤާނޫނުގެ 9 ވަނަ މާއްދާއިން ބާރުލިބިގެން އެ ޤާނޫނުގެ 18 ވަނަ މާއްދާގެ (ކ) އަދި (ސ) ގައި ބަޔާންކޮށްފައިވާ މަސްއޫލިއްޔަތު އަދާކުރުމުގެ ގޮތުން، ސިވިލް ސަރވިސްގެ އިދާރާތަކުގައި އޮޑިޓް ކުރިއަށްގެންދިއުމުގައި ޝާމިލުވާ އެކިއެކި ފަރާތްތަކުގެ ދައުރާއި ޒިންމާތަކާއި، އިދާރާތަކުގައި ކުރިއަށްގެންދާނެ އޮޑިޓްތަކާއި، އެ އޮޑިޓްތައް ކުރިއަށްގެންދާނެ ގޮތްތަކާއި، އޮޑިޓަށް ފާހަގަކުރެވޭ ކަންތައްތަކުގެ ތެރެއިން އިޞްލާހުކުރުމަށް ކަނޑައަޅާ މުއްދަތުތަކަށް، އެ ކަންތައްތައް އިޞްލާހުކޮށްފައިނުވާ ނަމަ އިހުމާލުވާ ފަރާތްތަކާ މެދު އަމަލުކުރާނެގޮތް ބަޔާންކުރާ އުޞޫލެވެ." މިގޮތަށެވެ.
  • އުޞޫލުގެ 3.4 ގައި ކުރިން ހިމެނިފައިވާ އޮޑިޓު ރިވިއު ބައި އުޞޫލުގެ 3.6 އަށް ބަދަލުކޮށް 3.4 އަށް "ހިއުމަން ރިސޯސް އޮޑިޓް" އަދި 3.5 އަށް "ސިވިލް ސަރވިސްގެ އިދާރާތަކުގެ އިންޓަރނަލް ކޮމްޕްލަޔަންސް އޮޑިޓް" ބައި ވަނީ އިތުރުކުރެވިފައެވެ.
  • އުޞޫލުގެ 3.4 އަށް އިތުރުކޮށްފައިވަނީ "ހިއުމަން ރިސޯސް އޮޑިޓް: ހިއުމަން ރިސޯސް އޮޑިޓަކީ، ސިވިލް ސަރވިސްގެ އިދާރާތަކުގައި މުވައްޒަފުން އަތުރާލާފައިވަނީ ސަރުކާރުން އެ އިދާރާތަކާ މަތިކޮށްފައިވާ އެންމެހާ މަސައްކަތްތައް ކުރުމަށް އެކަށީގެންވާ ގޮތަށްތޯ ދެނެގަތުމާއި، މުވައްޒަފުން އަތުރާލާފައިވަނީ މަސައްކަތްތަކާ އެކަށީގެންވާ މިންވަރަށްތޯއާއި، މުވައްޒަފުން ކުރަމުންގެންދަނީ އެ މުވައްޒަފުންނާ ހަވާލުކުރެވިފައިވާ މަސައްކަތްތަކާއި ޒިންމާތައްތޯ ދެނެގަތުމާއި މީގެ އިތުރުން ހަވާލުކުރެވިފައިވާ މަސައްކަތްތައް އަދާކުރުމުގައި މުވައްޒަފުންގެ ގާބިލްކަން ދެނެގަތުމުގެ ގޮތުން ކުރިޔަށްގެންދެވޭ އޮޑިޓެކެވެ" މިގޮތަށެވެ.
  • އުޞޫލުގެ 3.5 އަށް އިތުރުކޮށްފައިވަނީ "ސިވިލް ސަރވިސްގެ އިދާރާތަކުގެ އިންޓަރނަލް ކޮމްޕްލަޔަންސް އޮޑިޓް: މި އޮޑިޓަކީ ސިވިލް ސަރވިސްގެ އިދާރާތަކުން ދިވެހި ސިވިލް ސަރވިސްގެ ކޯޑް އޮފް ކޮންޑަކްޓާއި، ދިވެހި ސިވިލް ސަރވިސްގެ އަސާސީ ސިފަތަކާއި، ދިވެހި ސިވިލް ސަރވިސްގެ ގަވާއިދާއި އުޞޫލުތަކާ އެއްގޮތަށް އަމަލުކުރަމުންދާ މިންވަރު ދެނެގަތުމަށް އަހަރަކު 1 (އެކެއް) ފަހަރު، އެ އިދާރާތަކުން ކުރިޔަށްގެންދާ އިންޓަރނަލް ކޮމްޕްލަޔަންސް އޮޑިޓާ ގުޅިގެން ސީއެސްވިއުގައަށް އަދާހަމަކޮށްފައިވާ ރިޕޯޓްތައް އެނަލައިޒްކުރުމުގެ ގޮތުން ކުރިޔަށްގެންދެވޭ އޮޑިޓެކެވެ." މިގޮތަށެވެ.
  • އުޞޫލުގެ 3.4 ގައި ކުރިން ހިމެނިފައިވާ އަދި މިހާރު 3.6 އަށް ބަދަލުކުރެވިފައިވާ އޮޑިޓް ރިވިއު ބައި  އިޞްލާހުކުރެވިފައިވަނީ  "އޮޑިޓް ރިވިއުއަކީ އޮޑިޓުތަކުން ފާހަގަކުރެވޭ ކަންތައްތަކުގެ ތެރެއިން އިޞްލާހުކުރުމަށް ކަނޑައަޅާ ކަންތައްތައް އެ އިޞްލާހުކުރުމަށް ކަނޑައަޅާފައިވާ މުއްދަތުތަކުގައި އިޞްލާހުކޮށްފައިވާ މިންވަރުބެލުމަށް، ކުރިޔަށްގެންދެވޭ މަސައްކަތެކެވެ. އޮޑިޓް ރިވިއު ނިމިގެންދާނީ އޮޑިޓްކުރުމަށް ކަނޑައެޅޭ އިދާރާ އޮޑިޓްކޮށް ރިޕޯޓުން ފާހަގަކުރެވުނު ކަންތައްތައް އިސްލާހުކުރުމަށް އެއްބަސްވެވުނުގޮތަށް އިސްލާހުކޮށް ނިންމުމުންނެވެ." މިގޮތަށެވެ.
  • މި އުޞޫލުގެ 4.1 ގެ (ހ) ގެ 2  އިޞްލާހުކުރެވިފައިވަނީ  "އެންޓްރީ މީޓިންގ ގައި އޮޑިޓް ޓީމު، ސެކްރެޓަރީ ޖެނެރަލް ނުވަތަ ޑިވިޜަންގެ އިސްވެރިޔާ އަދި އޮޑިޓް ސެކްޝަންގެ އިސްވެރިޔާ ބައިވެރިވުން." މިގޮތަށެވެ.
  • އުޞޫލުގެ 4.1 ގެ (ނ) ގެ 1 އިޞްލާހުކުރެވިފައިވަނީ "އެގްޒިޓް މީޓިންގ ގައި އޮޑިޓް ޓީމު، ސެކްރެޓަރީ ޖެނެރަލް ނުވަތަ ޑިވިޜަންގެ އިސްވެރިޔާ އަދި އޮޑިޓް ސެކްޝަންގެ އިސްވެރިޔާ ބައިވެރިވުން." މިގޮތަށެވެ.
  • އުޞޫލުގެ 4.3 ގައި ކުރިން ހިމެނިފައިވާ "އޮޑިޓް ރިވިއު" ބައިގައި ހިމެނޭ ހުރިހާ ބައިތަކެއް އުނިކުރުމަށް ފަހު، އޮޑިޓް ރިވިއު 4.4 އަށް ބަދަލުކޮށް، 4.4 އަށް (ހ) ގެ 1، 2 އަދި 3 ވަނީ އިތުރުކުރެވިފައެވެ.
  • އުޞޫލުގެ 4.3 އަށް "ސިވިލް ސަރވިސްގެ އިދާރާތަކުގެ އިންޓަރނަލް ކޮމްޕްލަޔަންސް އޮޑިޓް" ބައި ވަނީ އިތުރުކުރެވިފައެވެ.
  • މި އުޞޫލުގެ 5 ގައި ކުރިން ހިމެނިފައިވާ ބައި "އޮޑިޓަށް ފާހަގަކުރެވޭ ކަންތައްތަކުގެ ތެރެއިން އިޞްލާހުކުރުމަށް ކަނޑައަޅާ މުއްދަތުތަކަށް، އެ ކަންތައްތައް އިޞްލާހުކޮށްފައިނުވާ ނަމަ އިހުމާލުވާ ފަރާތްތަކާ މެދު އަމަލުކުރާނެގޮތް" ވަނީ 6 އަށް ބަދަލުކުރެވިފައެވެ. އަދި އުޞޫލުގެ 5 އަށް ވަނީ "އޮޑިޓް އެންޑް ކޮމްޕްލްޔަންސް ސެކްޝަނުން ކުރިއަށްގެންދާ އޮޑިޓްތަކުގެ ރިޕޯޓް އާންމުކުރުމުގައި އަމަލުކުރާނެ ގޮތް" މިބައި އިތުރުކުރެވިފައެވެ. 
  • އުޞޫލުގެ 5 ގެ (ހ) އަށް "ސިވިލް ސަރވިސް އޮޑިޓް އެންޑް ކޮމްޕްލަޔަންސް ސެކްޝަނުން ކުރިއަށްގެންދާ އޮޑިޓްތަކުގެ ރިޕޯޓް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުގައި އާންމުކުރަންވާނެއެވެ". މި ބައި ވަނީ އިތުރުކުރެވިފައެވެ.
  • އުޞޫލުގެ 5 (ށ)  އަށް " މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައިވީ ނަމަވެސް، އޮޑިޓް ރިޕޯޓުގައި ހިމެނިފައިވާ މަޢުލޫމާތެއް ހާމަކުރުމުގެ ސަބަބުން ޢާންމު މަސްލަޙަތު ގެއްލޭފަދަކަމެއް ނުވަތަ މުވައްޒަފުންގެ ޒާތީ މަޢުލޫމާތު ހާމަވެދާނެފަދަ އިޙްތިމާލެއް އޮތްކަމަށް ކޮމިޝަނަށް ފެނިއްޖެނަމަ، އެފަދަ މަޢުލޫމާތު އުނިކުރުމަށް ފަހު، ރިޕޯޓް އާންމުކުރުމަށް ނުވަތަ ރިޕޯޓް އާންމުނުކުރުމަށް ކަނޑައެޅުމުގެ އިޚްތިޔާރު ކޮމިޝަނަށް ލިބިގެންވެއެވެ." މި ބައި ވަނީ އިތުރުކުރެވިފައެވެ.
25 ނޮވެންބަރު 2026