ދިވެހިރާއްޖެ
ބ. ދަރަވަންދޫއަކީ ގިނަ ޢަދަދެއްގެ ބަޔަކު ޒިޔާރަތްކުރާ ރަށަކަށް ވުމާއެކު، ރަށުގެ ޢާންމު ޞިއްޙަތާއި ސާފުތާހިރުކަން ދެމެހެއްޓުމަކީ ނުހަނު ބޮޑު އަހައްމިއްޔަތުކަމެއް ދޭންޖެހޭ ކަމެކެވެ.
ނަމަވެސް، މިހާރަކަށް އައިސް ބައެއް ގޯތިތަކާއި އެ ގޯތިތަކާ އިންވެގެންވާ މަގު ކުނި ނުކަހައި، ވިނަ ނުނޮޅައި ސާފުނުކޮށް ގިނަ ދުވަސްތަކެއް ވަންދެން ބަހައްޓާފައި ހުންނަކަން ވަނީ ފާހަގަކުރެވިފައެވެ. މީގެ ތެރޭގައި ފަޅުގޯތިތަކުގެ އިތުރުން މީހުން ދިރިއުޅޭ ބައެއް ގޯތިތައްވެސް ސާފުނުކޮށް ހުންނަކަން ހިތާމައާއެކު ފާހަގަ ކުރަމެވެ. އެހެންކަމުން މާޅޮސްމަޑުލު ދެކުނުބުރީ ދަރަވަންދޫ މަގުމަތީގައި ގަސްއިންދުމާއި، ތަކެތި ބެހެއްޓުމާއި މަގުމަތި ބޭނުންކުރުމުގެ އުޞޫލު ގައި ބަޔާން ކޮށްފައިވާ ފަދައިން ގޯތިތަކާއި ގޯއްޗާ އިންވެގެންވާ މަގުމަތީގެ ސަރަޙައްދުތައް 01 ޑިސެންބަރު 2026 ގެ ކުރިން ސާފުކޮށް ނިންމެވުމަށް އަންގާ އިއުލާން ކުރަމެވެ. އަދި އެސަރަހައްދުތައް ދާއިމީގޮތެއްގައި ސާފުކޮށް ބެލެހެއްޓޭނެ އިންތިޒާމް ހަމަޖެއްސެވުމަށް ދަންނަވަމެވެ.
މި މުއްދަތުގެ ތެރޭގައި ސާފުނުކޮށް ދޫކޮށްލާފައިވާ ގޯތިތަކާމެދު، "މާޅޮސްމަޑުލު ދެކުނުބުރީ ދަރަވަންދޫ މަގުމަތީގައި ގަސްއިންދުމާއި، ތަކެތި ބެހެއްޓުމާއި މަގުމަތި ބޭނުންކުރުމުގެ އުޞޫލު" ގެ ދަށުން ފިޔަވަޅު އެޅޭނެއެވެ. މި އުޞޫލާ ޚިލާފުވާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމަށް ހަމަޖެހިފައިވަނީ ތިރީގައިވާ ތަރުތީބުންނެވެ.
- ފުރަތަމަ ފަހަރު: އެ ކުރި ކަމެއް އިޞްލާޙުކުރުމަށް އެންގުން.
- ދެވަނަ ފަހަރު: އެކަމެއްގެ ކުޑަބޮޑުމިނަށް ބަލައި -/500 (ފަސްސަތޭކަ) ރުފިޔާއާއި -/1,000 (އެއްހާސް) ރުފިޔާއާ ދެމެދުގެ ޢަދަދަކުން ޖޫރިމަނާކުރުން.
- ތިންވަނަ ފަހަރު: -/3,000 (ތިންހާސް) ރުފިޔާއިން ޖޫރިމަނާކުރުން.
- ހަތަރުވަނަ ފަހަރު: -/4,000 (ހަތަރުހާސް) ރުފިޔާއިން ޖޫރިމަނާކުރުން.
- ހަތަރު ފަހަރަށްވުރެ އިތުރުވާނަމަ: -/5,000 (ފަސްހާސް) ރުފިޔާއިން ޖޫރިމަނާކުރުން.
މި އުސޫލުގައި ހިމެނިފައިވާ ކަމަކާއި ޚިލާފުވެގެން ޖޫރިމަނާއެއް ވެއްޖެނަމަ އެ ޖޫރިމަނާއެއް ދައްކާ ޚަލާސްކުރުމުން މެނުވީ ކައުންސިލްގެ ފަރާތުން ދެވޭ އެއްވެސް ޚިދުމަތެއް އެފަރާތަކަށް ނުދެވޭނެ ވާހަކަވެސް ދަންނަވަމެވެ.
ވީމާ، މިކަމަށް އެންމެހައި ރައްޔިތުން ސަމާލުކަންދެއްވައި، ރަށުގެ މަގުތައް ސާފުތާހިރުކޮށް ބޭއްވުމަށް އެއްބާރުލުން ދެއްވުމަށް ދަންނަވަމެވެ.