ނޫސްބަޔާން
ނަންބަރު: 203-ERC/CIR/2026/1
ޕަބްލިޝްކުރި ތާރީޚް: 01 އޮކްޓޫބަރު 2026
ޕަބްލިޝްކުރި ގަޑި: 08:14
ސުންގަޑި: 15 އޮކްޓޫބަރު 2026 12:30
އެންވަޔަރަންމަންޓަލް ރެގިއުލޭޓަރީ އޮތޯރިޓީ
ދިވެހިރާއްޖެ
އިރުވައި މޫސުމުގައި ދިވެހިރާއްޖޭގެ ސަރަޙައްދަށް ހިޖުރަކުރާ ހިމާޔަތްކޮށްފައިވާ ދޫނިތަކާއި ގުޅޭ

އެނގިވަޑައިގަންނަވާނޭ ފަދައިން އިރުވައި މޫސުމަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުން ގިނަ ބާވަތްތަކުގެ މޫސުމީ ދޫނި ރާއްޖެއަށް ހިޖުރަކުރަމުން އަންނަ ދުވަސްވަރެކެވެ. މިގޮތަށް ހިޖުރަކުރާ ދޫންޏަކީ ޤާނޫނު ނަންބަރު: 93/4 (ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނު) ގެ ދަށުން ހެދިފައިވާ ނަންބަރު: 2021/R-25 (ޤުދުރަތީ ގޮތުގައި ނުވަތަ ޠަބީޢީ ގޮތުގައި ޙިމާޔަތްކޮށް ރައްކައުތެރިކުރާ ދިރޭ ތަކެއްޗާބެހޭ ގަވާއިދު) ގެ ދަށުން ހިމާޔަތްކުރެވިފައިވާ ދިރުންތަކެކެވެ. މިފަދަ ދޫނި ހިފާ އެތަކެތި ގެންގުޅުމަކީ މި ގަވާއިދުގެ 17 ވަނަ މާއްދާގެ ދަށުން މަނާ ކުރެވިފައިވާ ކަމެކެވެ.

ދިވެހިރާއްޖެއިން ފެންނަ ގިނަ ބާވަތްތަކުގެ ދޫންޏަކީ މިގޮތަށް މޫސުމާ ގުޅިގެން ރާއްޖެއަށް ހިޖުރަކުރާ ބާވަތްތައް ކަމުގައިވާއިރު، މިފަދަ ދިރުންތައް ރައްކާތެރިކުރުމަކީ ރާއްޖޭގެ ދޫނިސޫފާސޫފީގެ ސިންދަފާތާއި ވެށީގެ މުއްސަނދިކަން ރައްކާތެރިރުމަށް އެޅިގެންދާ މުހިއްމު ފިޔަވަޅެކެވެ. އެހެންނަމަވެސް ކޮންމެ އަހަރަކު މިދުވަސްވަރާ ދިމާކޮށް ހިޖުރަކުރާ ގިނަ ބާވަތްތަކެއްގެ ދޫނި މަޅިފަތިޖަހާ ހިފާ، ފިޔަކޮށާ އަދި ކޮށިތަކުގައި ބަންދުކޮށް ގެންގުޅޭކަމަށާއި މިފަދަ ދޫނި ވިޔަފާރި ކުރުމަށާއި އޮޅުދޫނި ގޮތުގައި ހިފާ ގެންގުޅޭކަން މި އޮތޮރިޓީއަށް ވަނީ ފާހަގަކުރެވިފައެވެ. މި ފަދަ އަމަލު ތަކަކީ ދިވެހިރާއްޖެއިން ބައިވެރިވެފައިވާ ބައިނަލްއަޤްވާމީ މުއާހަދާއެއްކަމުގައިވާ  ކޮންވެންޝަން އޮން މައިގްރޭޓަރީ ސްޕީޝީޒް  "Convention on Migratory Species" އާއި ހިލާފު އަމަލު ތަކަކަށް ވުމާއި އެކު މި މުއާހަދާގެ ދަށުން މިފަދަ ހިޖުރަކުރާ ދޫނިތަކަށް ރައްކާތެރިކަން ފޯރުކޮށްދިނުމަކީ ދިވެހިރާއްޖޭގެ ޒިންމާއެކެވެ. މީގެ އިތުރުން މި ފަދަ އަމަލު ތަކަކީ ދިވެހި ރާއްޖެއަށް ހިޖުރަކުރާ ދޫނިގެ ސަބަބުން ރާއްޖޭގެ ވެއްޓަށް ކުރާ ފައިދާ ތަކާއި މުއްސަދި ކަމަށް އެޅޭ ހުރަހެކެވެ. ހަމަ އެއާއި އެކު މި އޮތޯރިޓީން 2025 ވަނަ އަހަރު ކުރި ދިރާސާ އަކުން ދިވެހި ރާއްޖެއަށް ހިޖުރަކުރާ ދޫނީގެ އަދަދު މަދުވަމުން ދާކަން ވަނީ ފާހަގަ ކުރެވިފައެވެ.

ވީމާ މިފަދަ އަމަލުތައް ކުރާ ފަރާތްތަކަށް މިކަންކަމުން ދުރުހުހެލިވުމަށާއި، ހިފާފައިވާ ދޫނިތަށް ދޫކޮށްލުމަށް މިއޮތޯރިޓީއިން އަންގަމެވެ. ދިވެހިރާއްޖޭގައި ދިރޭތަކެތީގެ ސިންދަފާތު ރައްކައުތެރި ކުރުމަށް ހެދިފައިވާ ޤާނޫނާއި ގަވާއިދުތަކަށް ހުރިހާ ފަރާތްތަކުން އަމަލުކުރުމަށް މި އޮތޯރިޓީއިން ބާރުއަޅަމެވެ. އަދި ގަވާއިދާ ޚިލާފަށް މި ފަދަ ދޫނިތައް ހިފާ ގެންގުޅޭ އަދި މި ދޫނިތައް ގަނެވިއްކާ، އެތަކެތީގެ ވިޔަފާރިކުރަމުންދާ ފަރާތްތަކާމެދު އިސްވެ ދެންނެވުނު ނަންބަރު: 2021/R-25 (ޤުދުރަތީ ގޮތުގައި ނުވަތަ ޠަބީޢީ ގޮތުގައި ޙިމާޔަތްކޮށް ރައްކައުތެރިކުރާ ދިރޭ ތަކެއްޗާބެހޭ ގަވާއިދު) ގެ  ދަށުން ޖޫރިމަނާ ކުރެވޭނެކަން ދެންނެވީމެވެ. އަދި މިފަދަ ފަރާތްތަކުގެ މަޢުލޫމާތު އެނގިލައްވާނަމަ ލަސްނުކޮށް މި އޮތޯރިޓީއަށް (ނަންބަރު: 3335949 ނުވަތަ އީމެލް:[email protected]) އެ މައުލޫމާތު ޙިއްސާކުރުމަށް ދަންނަވަމެވެ. މިގޮތުން އެފަދަ ފަރާތްތަކުގެ މަޢުލޫމާތާއި ޝަކުވާތައް ހުށައަޅާއިރުގައި މައްސަލައާ ގުޅުންހުރި ވީހާވެސް ގިނަ މައުލޫމާތު ހިމެނުމަށާއި ވަކިން ޚާއްސަކޮށް ތިރީގައި ބަޔާންކޮށްފައިވާ މައުލޫމާތު ހިމެނުމަށް ސަމާލުކަން ދިނުމަށް ދަންނަވަމެވެ.

  1. ދޫނި ގެންގުޅޭ ނުވަތަ ހިފާ ފަރާތް/ފަރާތްތައް
  2. ދުނިތައް ހިފާ ގެންގުޅޭތަން (ގޭގެނަން، ރަށް، އަތޮޅު)
  3. ހިފާފައިވާ ދޫނީގެ ބާވަތް / ބާވަތްތައް
  4. މައްސަލާއި ގުޅުންހުރި ފޮޓޯ އަދި ވިޑިއޯ

ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނާއި މި ޤާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދުތަކާއި ހިމާޔަތްކޮށްފައިވާ ދިރުންތަކާއި ގުޅޭގޮތުން މި އޮތޯރިޓީއިން އަންގާ އެންގުންތަކާއި، ޤާނޫނާއި ގަވާއިދުތައް ތަންފީޒުކުރުމަށް ހުރިހާ ފަރާތްތަކުގެ އެއްބާރުލުންދިނުމަށް އެދެމެވެ. އަދި، މި މަސައްކަތުގައި މިހާރުވެސް އެކި ފަރާތްތަކުން ދެއްވާ އެހީތެރިކަމާއި އެއްބާރުލުން ފާހަގަކޮށް އެ ފަރާތްތަކަށް ޝުކުރުދަންނަވަމެވެ.

"ދިވެހިރާއްޖޭގައި ހިމާޔަތްކުރެވިފައިވާ ދޫނީގެ ބާވަތްތައް ބަލަހައްޓައި އޭގެ މާހައުލަށް ރައްކާތެރިކަން ދިނުމަށް ބޭނުން ކުރާ އަސާސީ އުޞޫލުތަކާއި މިންގަނޑުތައް" އަދި "ދިވެހިރާއްޖޭގައި އާލާވާ ދޫނި އަދި ހިޖުރަކުރާ ދޫނީގެ ހާލަތު 2025" ރިޕޯޓް މި އޮތޯރިޓީގެ ވެބްސައިޓްގައި (https://www.era.gov.mv) ޝާއިޢުކުރެވިފައިވާނެ ވާހަކަ ދަންނަވަމެވެ.

01 އޮކްޓޫބަރު 2026