ދިވެހިރާއްޖެ
"ދިވެހިރާއްޖޭގެ ޤައުމީ ބަހަކީ ދިވެހިބަސް"ކަމަށް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 11ވަނަ މާއްދާގައި ބަޔާންކޮށްފައި ވާތީއާއި، "ދިވެހިރާއްޖޭގެ ޤައުމީ ބަހަކީ އަދި ރަސްމީ ބަހަކީ ދިވެހިބަސްކަމަށް ވުމާ އެކު، ދިވެހި ދައުލަތުގެ ރަސްމީ އެންމެހައި މުޢާމަލާތުތައް ކުރަންޖެހޭނީ ދިވެހިބަހުން" ކަމަށް ޤާނޫނު ނަންބަރު 2011/9 (ދިވެހިރާއްޖޭގެ ޤައުމީ ބަހަށް އިސްކަންދިނުމުގެ ޤާނޫނު)ގެ 3ވަނަ މާއްދާގެ (ހ)ގައި ބަޔާންކޮށްފައި ވާތީއާއި، ”ދައުލަތުގެ އެންމެހައި މުއައްސަސާތަކާއި، އޮފީސްތަކާއި، އިދާރާތަކާއި، ތަންތަނަށް ނަންކިޔުމުގައާއި، ނަންބޯޑު ތައްޔާރުކުރުމުގައި ދިވެހިބަހަށް އިސްކަން ދޭންވާނެ"ކަމަށާއި، "ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުގައި ޢާންމުންނަށް ފެންނަގޮތަށް ހަރުކުރެވިފައި ހުންނަ ކޮންމެ ނަން ބޯޑެއްގައި ވެސް އެ ތަނެއްގެ ނަން، ކިޔަން އެނގޭނޭހެން ތާނަ އަކުރުން ލިޔެފައި އޮންނަންވާނެ"ކަމަށް މި ޤާނޫނުގައި ބަޔާންކޮށްފައިވާތީ މިއާ އެއްގޮތަށް އަމަލުކުރުމަކީ ލާޒިމުކަމެކެވެ.
ޤާނޫނު ނަންބަރު 2011/04 (މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނު)ގެ 37ވަނަ މާއްދާގެ (ހ)ގައި ވާ ގޮތަށް، "ޤާނޫނެއްގައި، ވަކިގޮތަކަށް އަމަލުކުރަންވާނެކަމަށް ކަނޑައެޅިގެން ބަޔާންކޮށްފައިވާނަމަ، އެއީ، އެ ޤާނޫނުން އުފައްދާ ބަރީއަވުމެއްނެތް ވާޖިބެއް ނުވަތަ އިލްތިޒާމެއްކަމުގައި ބަލަންވާނެއެވެ". ނަމަވެސް މިއާ ޚިލާފަށް ބައެއް ފަރާތްތަކުން އަމަލުކުރައްވަމުން ގެންދަވާކަން ފާހަގަކުރެވިފައިވާތީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ ރޫޙާ އެއްގޮތަށް، ދިވެހިރާއްޖޭގެ ޤައުމީ ބަހަށް އިސްކަންދިނުމުގެ ޤާނޫނާ އެއްގޮތަށް އެންމެހައި ފަރާތްތަކުން ޢަމަލުކުރައްވަމުން ގެންދެވުމަށް ދަންނަވަމެވެ.