ދިވެހިރާއްޖެ
ދިވެހިރާއްޖޭގައި ކުރާ ހުއިފިލަނޑާ މަސްވެރިކަމުގައި ނަގާ ބާވަތެއް ކަމަށްވާ ކައްޗަލަ ( (Amberfish, Thelenota anaxއަކީ 2022 ވަނަ އަހަރުގެ [ކޮންވެންޝަން އޮން އިންޓަރނޭޝަނަލް ޓްރޭޑް އިން އެންޑޭންޖަރޑް ސްޕީޝީޒް އޮފް ވައިލްޑް ފޯނާ އެންޑް ފްލޮރާ] (ސައިޓީސް) ބައްދަލުވުމުގައި، އޭގެ އާބާދީ ދައްވަމުންދާކަމުގެ ހެކިތަކުގެ މައްޗަށް ބުރަވެ، އެ މުޢާހަދާގެ ޖަދުވަލު 2 ގައި ހިމަނާފައިވާ ބާވަތެކެވެ. ސައިޓީސް މުއާހަދާގެ ޖަދުވަލު 2 ގައި ހިމަނާ ބާވަތްތައް އެކްސްޕޯޓްކުރެވޭނީ އެގައުމުގެ ސައިޓީސް މެނޭޖްމަންޓް އޮތޯރިޓީއިން ދޭ ހުއްދައަކާއެކުއެވެ. އަދި ލިސްޓް ކުރެވިފައިވާ ބާވަތް އެކްސްޕޯޓްކުރުމަށް ހުއްދަދެވޭނީ އެގައުމުގެ ސައިޓީސް ސައިންޓިފިކް އޮތޯރިޓީ އިން ތައްޔާރުކުރާ 'ނޮން-ޑެޓްރިމަންޓަލް ފައިންޑިންގ' (އެން.ޑީ.އެފް.) އަކުން އެބާވަތުގެ ދިރޭތަކެތި، އޭގެ މާހައުލުން ނަގާ އެކްސްޕޯޓުކުރާ މިންވަރަކީ އެބާވަތުގެ އާބާދީއަށް ގެއްލުން ނުވާނެ އަދި ދެމެހެއްޓެނިވި ގޮތަކަށް ނެގޭ މިންވަރެއްކަން ކަނޑައެޅުމުންނެވެ.
ހުއިފިލަނޑާގެ މިބާވަތް ސައިޓީސްގެ ޖަދުވަލު 2 ގައި ހިމެނުމާ ގުޅިގެން، ދިވެހިރާއްޖޭގެ ސައިޓީސް ސައިންޓިފިކް އޮތޯރިޓީއެއް ކަމަށްވާ މޯލްޑިވްސް މެރިން ރިސާޗް އިންސްޓިޓިއުޓް (އެމް.އެމް.އާރް.އައި) އިން ވަނީ އެބާވަތުގެ މަސްވެރިކަމުގެ އެން.ޑީ.އެފް. ތައްޔާރުކޮށް، މި ބާވަތުގެ ހުއިފިލަނޑާ އެކްސްޕޯޓް ކުރެވޭނެ އެންމެ މަތީ މިންވަރެއް ކަނޑައަޅާފައެވެ. މިގޮތުން، މި ބާވަތުގެ ހުއިފިލަނޑާ ކުރިއަށް އޮތް 12 މަސްދުވަސް ތެރޭ އެކްސްޕޯޓްކުރެވޭނެ މިންވަރެއްކަމަށް ކަނޑައަޅައިފައިވަނީ 10.95 ޓަނުގެ ހިއްކާފައިވާ ކައްޗަލައެވެ. އަދި މި ކޯޓާ ބޭނުންކުރެވޭނެ ހަމަތަކެއް މިނިސްޓްރީގެ ވެބްސައިޓްގައި ޝާއިޢު ކުރެވިފައިވާ [ދިވެހިރާއްޖެއިން ކައްޗަލަ އެކްސްޕޯޓުކުރުމަށް ކަނޑައަޅައިފައިވާ ކޯޓާ ތަންފީޛުކުރުމާބެހޭ އުޞޫލު] ގައި ބަޔާންކުރެވިފައިވާނެއެވެ.
ވީމާ، 20 ސެޕްޓެންބަރު 2026 އިން ފެށިގެން 12 މަސްދުވަހަށް (19 ސެޕްޓެންބަރު 2027 ގެ ނިޔަލަށް)، ނުވަތަ ކަނޑައެޅިފައިވާ ކޯޓާ ބޭނުންކުރެވުމާ ހަމައަށް މި މިނިސްޓްރީއިން ދޫކުރާ ކެޗް ސެޓްފިކެޓަކާއި މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީއިން ދޫކުރާ ސައިޓީސް ޕާމިޓަކާ އެކު، އިސްވެ ދެންނެވުނު އުޞޫލާ އެއްގޮތްވާގޮތުގެ މަތިން ކައްޗަލަ އެކްސްޕޯޓްކުރުމަށް ހުޅުވާލެވިފައިވާކަން އާއްމުކޮށް އަންގާ އިއުލާނުކުރަމެވެ. އަދި މިއަށްފަހު، ޖެހިގެން ހިނގާ 12 މަސްދުވަހަށް ކަނޑައެޅޭ ކޯޓާއާއި އެ ކޯޓާ ތަންފީޛުކުރެވޭނެ ގޮތް މިފަދައިން އާއްމުކޮށް އިއުލާނުކުރެވޭނެކަމުގައި ދަންނަވަމެވެ.