ޢާންމު މަޢުލޫމާތު
ނަންބަރު:
ޕަބްލިޝްކުރި ތާރީޚް: 18 ޖުލައި 2013
ޕަބްލިޝްކުރި ގަޑި: 15:15
މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
ފިޝަރީޒް ޑިވެލޮޕްމެންޓް ޕުރޮގުރާމުގެ ދަށުން ކުދި އައިސްޕްލާންޓާއި ދޯނިފަހަރުގައި މަސްފިނިކުރާ ނިޒާމު ގާއިމު ކުރުމަށް ލޯނު ދޫކުރުމުގެ އުސޫލު

1- ފިޝަރީޒް ޑިވެލޮޕްމެންޓް ޕުރޮގުރާމުގެ ދަށުން ލޯނު ދޫކުރުމުގެ މަޝްރޫޢުގެ މަޤުޞަދަކީ މަސްވެރި މުޖުތަމަޢުތަކުގައި މަސްވެރިކަމުގެ ޞިނާޢަތު ތަރައްޤީކުރުމަށް އެހީތެރިވެ މަގުފަހިކޮށްދިނުމެވެ.

2- މި ފިޔަވަހީގައި ދޫކުރެވޭނީ އެންމެ ގިނަވެގެން 1.8 މިލިޔަން ރުފިޔާގެ  3 ލޯނެވެ.

3- މި ފިޔަވަހީގެ ދަށުން ދޫކުރެވޭ ލޯނުތައް ޢަމާޒުކުރެވޭނީ، މަސްވެރިން ބާނާމަސް، މަސް ގަންނަ އުޅަނދުފަހަރަށް ނުވަތަ ފެކްޓްރީތަކަށް ގެންދެވެންދެން، ތާޒާކަންމަތީގައި މަސްދޯނިފަހަރުގައި މަސް ބެހެއްޓުމަށްޓަކައި އައިސް ފޯރުކޮށްދިނުމަށް، އައިސްޕްލާންޓް ގަތުމަށާއި ދޯނިފަހަރުގައި މަސް ފިނިކުރާ ނިޒާމު ޤާއިމު ކުރުމަށެވެ.

4- މި ޕުރޮގުރާމުގެ ދަށުން ލޯނު ދޫކުރުމުގެ ޝަރުޠުތަކަކީ:

     ހ. ލޯނުގެ އިންޓްރެސްޓް ރޭޓަކީ އަހަރަކު 8 އިންސައްތައެވެ.

     ށ. ލޯނު އަދާކުރުމުގެ އެންމެ ދިގުމުއްދަތަކީ ފަސް (5) އަހަރެވެ. މި މުއްދަތު ބެލޭނީ އެންމެ ގިނަވެގެން ހަމަސް (6) ދުވަހުގެ ގްރޭސް މުއްދަތެއް ހިމެނޭގޮތަށެވެ. ގްރޭސްގެ މުއްދަތުގައިވެސް އިންޓަރެސްޓް ދައްކަންޖެހޭނެއެވެ.

     ނ. މި ލޯނުތަކަކީ ފަންސާސް ހާސް ރުފިޔާ (-/50,000 ރ) އަށްވުރެ ބޮޑެތި ލޯނުތަކަކަށްވާތީ، ބޭންކް އޮފް މޯލްޑިވްސްއިން މި ލޯނަށް އެދޭ، ލޯނު އެޕްލިކޭޝަން ވަކިން ބަލައި، ބޭންކް އޮފް މޯލްޑިވްސްއިން ކަނޑައަޅާ މިންވަރަކަށް ރަހުނުގެ ގޮތުގައި ބަހައްޓަންޖެހޭނެއެވެ.

     ރ. މި ފިޔަވަހީގެ ދަށުން އައިސްޕްލާންޓް ގަތުމަށް ލޯނުގެ ގޮތުގައި ދޫކުރާ އެންމެގިނަ އަދަދަކީ އެއް މިލިޔަން އަށް ލައްކަ ރުފިޔާ (-/1,800,000 ރ) އެވެ.

5- މި ފިޔަވަހީގެ ދަށުން ލޯނު ދޫކުރާނެ ފަރާތްތައް ކަނޑައަޅާނީ، މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރުގެ ބެލުމުގެ ދަށުން މި މަޝްރޫޢަށް ކަނޑައަޅާފައިވާ ލޯނުކޮމިޓީއަކުންނެވެ. މި ލޯނުކޮމިޓީގައި ހިމެނޭނީ މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރާއި ބޭންކް އޮފް މޯލްޑިވްސް އެވެ.

6- އެފަރާތަކަށް ދޫކުރާ ލޯނުގެ މިންވަރު ކަނޑައަޅާނީ، ލޯނު ދޫކުރުމުގައި ބޭންކް އޮފް މޯލްޑިވްސްއިން ޢާންމުކޮށް ބަލާބެލުންތަކުގެ އިތުރުން، ލޯނަށް އެދޭފަރާތުން އެދޭ ފޯމާއެކު ހުށަހަޅާ 'ފައިސާ ޚަރަދުކުރާ ގޮތުގެ ތަފުސީލު' ރިޕޯޓަށް ބަލައިގެންނެވެ. އެންޓަރޕްރައިސަސް ބަޖެޓުގައި އައިސްޕްލާންޓް ޤާއިމްކުރުމަށްޓަކައި ގަންނަންޖެހޭ މެޝިނަރީޒް އާއި ތަކެއްޗާއި އައިސްޕްލާންޓް ޤާއިމުކުރުމަށްޓަކައި ހޯދަންޖެހޭ ޚިދުމަތްތަކުގެ އަގު ވަކިވަކިން ހިމަނުއްވަންވާނެއެވެ. އަދި، އެފަރާތަކުން އައިސްޕްލާންޓް ޤާއިމް ކުރުމަށް ކަނޑައަޅާތަނެއް ބޭންކް އޮފް މޯލްޑިވްސްއާއި މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރުން ނުވަތަ މި ދެފަރާތުން ޢައްޔަން ކުރާފަރާތަކުން ޒިޔާރަތްކޮށް، ކުރާ ދިރާސާ ރިޕޯޓުގެ މައްޗަށް ބެލޭނެއެވެ.

7- ލޯނު ދޫކުރާ ފަރާތްތައް ކަނޑައެޅުމުގައި، ލޯނަށް އެދި ހުށަހަޅާ ފަރާތްތައް މިހާރު ހިނގަމުންދާ ލޯނެއްވާނަމަ، ނުވަތަ ކުރީގެ ލޯނެއްވާނަމަ، އެ ލޯނެއް އަދާކުރަމުންގޮސްފައިވާގޮތަށް ނުވަތަ އަދާކޮށްފައިވާގޮތަށް، ބެލޭނެއެވެ. އަދި، މިހާރު ހިނގަމުންދާ ލޯނެއްވާނަމަ، ނަގާފައިވާ ލޯނުގެ 50 އިންސައްތަ އަދާނުކޮށްވާ ފަރާތްތަކަށް ލޯނު ދުލެއް ނުކުރެވޭނެއެވެ.  ލޯނު ދޫކުރާ ފަރާތް ހޮވުމުގައި މިހާރުގެ ލޯނެއްނެތް ފަރާތްތަކަށް އިސްކަން ދެވޭނެއެވެ. މި މަޝްރޫޢުގެ ދަށުން ކުރިން ލޯނެއް ލިބިފައިވާ ފަރާތަކަށް މި ފިޔަވަހީގެ ލޯނެއް ދުލެއް ނުކުރެވޭނެއެވެ.  ނަމަވެސް، އާންމުކޮށް ހުޅުވާލި ފުރުޞަތަށްބަލައި، އާންމު ފަރާތްތަކުން އެދެވޭ ތަރުޙީބެއް ލިބެމުން ނުދާނަމަ، މުއްދަތު ހަމަވުމުގެ ކުރިން ލޯނަށް ކަނޑައަޅާފައިވާ ފައިސާ ޚަލާސް ކުރުމަށް ސަރުކާރު ހިއްސާވާ މަސްވެރިކަމަށް އިންވެސްޓުކޮށް މަސްވެރިންނަށް އައިސްފޯރުވައިދޭ ކުންފުންޏަކުން ޝައުޤުވެރިކަން ފާޅުކޮށްފިނަމަ، މި މިނިސްޓްރީން ނިންމާގޮތެއްގެ މަތިން އެ ކުންފުންޏަކަށް ލޯނަށް ކަނޑައެޅި ފައިސާއިން އާންމު ފަރާތްތަކުން އެދިފައިހުރި ލޯނަށް ކެނޑުމަށްފަހު ބާކީ ފައިސާ މި ޕުރޮގުރާމުގެ މަގުސަދާއި ޚިލާފުނުވާނޭ ފަދައިން އެ ކުންފުންޏަކަށް ދޫކުރުމާމެދު މިނިސްޓްރީއަށް ގޮތެއް ނިންމުމުގެ ބާރު ލިބިގެންވެއެވެ.  

8- މި މަޝްރޫޢުގެ ގަވާއިދުތަކާ އެއްގޮތަށް މި މަޝްރޫޢުގެ ދަށުން ލޯނަށް އެދި ހުށަހަޅާ ފޯމާއި ލިޔުންތައް ބަލައިގަތުމާއި ލޯނުފައިސާ ދޫކުރުމާއި ލޯނުފައިސާ ބަލައިގަތުން ކުރިއަށް ގެންދާނީ ބޭންކް އޮފް މޯލްޑިވްސްގެ ބްރާންޗް އޮފީސްތަކުންނާއި ހެޑް އޮފީހުންނެވެ. ލޯނަށް އެދި ހުށަހަޅާ ފޯމު، މަސައްކަތްކުރުމަށް ހުށަހަޅާ ރަށެއްގެ އަތޮޅު ބްރާންޗް އޮފީހަށް ހުށަހެޅުއްވިދާނެއެވެ. 

9- ލޯނު ދޫކުރުމަށް ކަނޑައަޅާ ފަރާތްތަކަށް ލޯނު ދޫކުރާނީ ބޭންކް އޮފް މޯލްޑިވްސް އާއެކު ސޮއިކުރެވޭ ލޯނުއެއްބަސްވުމެއްގެ ދަށުންނެވެ.

10- މި މަޝްރޫޢުގެ ދަށުން ލޯނަށް އެދޭ ފަރާތްތަކުން، އެކަމަށް އެދި ބޭންކް އޮފް މޯލްޑިވްސްގެ ލޯނު އެޕްލިކޭޝަން ފޯމާއެކު އަންނަނިވި ލިޔުންތައް ހުށަހަޅަންޖެހޭނެއެވެ.

      ހ.  ލޯނުފައިސާ ބޭނުންކޮށްގެން ކުރުމަށް ހުށަހަޅާ މަސައްކަތުގެ ފައިސާ ޚަރަދުކުރާނެ ގޮތުގެ ތަފުސީލު (އެންޓަރޕްރައިޒް ބަޖެޓް)

      ށ. އައިސްޕްލާންޓް ލޯނަށް އެދި ހުށަހަޅުއްވާއިރު މިނިސްޓްރީއިން އައިސްޕްލާންޓް ޤާއިމު ކުރުމަށް ދޫކުރާ ހުއްދަ ހޯއްދެވުމަށްފަހު އެ ހުއްދައިގެ ކޮޕީއެއް ހުށަހެޅުއްވުން.

      ނ. އައިސްޕްލާންޓް ޤާއިމުކުރާ ބިން އައިސްޕްލާންޓް ޤާއިމު ކުރުމަށް ލިބިފައިވާކަމުގެ ލިޔުމެއް. (ތަނުގެ ކުރެހުމެއް ސައިޒާއެކު)

       ރ. ލޯނަށް އެދި ހުށަހަޅާ ފަރާތަކީ އަމިއްލަ ފަރުދެއްނަމަ، އެފަރާތެއްގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ފޮޓޯކޮޕީ. ލޯނަށް އެދި ހުށަހަޅާ ފަރާތަކީ ކުންފުންޏެއް، ޖަމްޢިއްޔާއެއް، ނުވަތަ ކޯޕޮރޭޓިވްއެއް ނަމަ، އެފަރާތެއްގެ ރަޖިސްޓަރީގެ ފޮޓޯކޮޕީ.

       ބ. ސެކިޔުރިޓީގެ ގޮތުގައި އެއްޗެއް ހުށަހަޅަން ޖެހޭވަރުގެ ލޯނަކަށް އެދޭނަމަ، ސެކިޔުރިޓީގެ ގޮތުގައި ހުށަހަޅާ އެއްޗެއްގެ ރަޖިސްޓަރީގެ ފޮޓޯކޮޕީ.

11- ގަވާއިދުން ލޯނު ނުދައްކާނަމަ، ލޯނު ނުދެއްކުމުން އަޅަންޖެހިފައިވާ ފިޔަވަޅުތައް އެޅޭނެއެވެ.

12- މި މަޝްރޫޢުގެ ދަށުން ލޯނުގެގޮތުގައި ދޫކުރާ ފައިސާ ދޫކުރުމަށް ހަމަޖެހިފައިވަނީ، ހަމައެކަނި އައިސްޕްލާންޓާއި ދޯނިފަހަރުގައި މަސްފިނިކުރާ ނިޒާމު ޤާއިމުކުރުމަށްޓަކައި ގަންނަންޖެހޭ މެޝިނަރީޒާއި ތަކެއްޗާއި އައިސްޕްލާންޓާއި ދޯނިފަހަރުގައި މަސްފިނިކުރާ ނިޒާމު ޤާއިމު ކުރުމަށްޓަކައި ހޯދަންޖެހޭ ޚިދުމަތްތަކަށް އަގު އަދާ ކުރުމަށް އެ އެއްޗެއް ވިއްކި ފަރާތަކަށް ނުވަތަ އެޚިދުމަތެއް ދިން ފަރާތަކަށެވެ.  

13- ފޯމު ހުށަހެޅުމަށް ހުޅުވާލާ ތާރީޚުން ފެށިގެން ފުރަތަމަ 30 ދުވަހުގެ މުއްދަތުގެ ތެރޭގައި ހުށަހަޅާފައިވާ ޝަރުޠު ހަމަވާ ފޯމުތައް، މި މުއްދަތު ނިމުމުން ވަޒަންކުރުމަށްފަހު މި ފޯމުތައް ހުށަހަޅާފައިވާ ފަރާތްތަކަށް ޖަވާބު ދެވޭނެއެވެ.  އަދި، މި މުއްދަތަށްފަހު ހުށަހަޅާ ޝަރުޠުހަމަވާ ފޯމުތައް ވަޒަންކުރެވޭނީ ލޯނަށްއެދި ހުށަހަޅާ ފޯމުތައް ބަލައިގަންނަ އެންމެފަހު ތާރީޚަށްފަހުއެވެ. މި ފޯމުތައް ވަޒަންކުރުމަށްފަހު ހުށަހަޅާފައިވާ ފަރާތްތަކަށް ޖަވާބު ދެވޭނެއެވެ.

 

18 ޖުލައި 2013