ދިވެހިރާއްޖެ
ގޭގޭގެ ފުރާޅުން މަގުމައްޗަށް އަންނަ ފެން ހިންދުމާއި ބެހޭ
ޤާނޫނު ނަންބަރު 7/2010 (އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ 151 ވަނަ މާއްދާއިން މި ކައުންސިލަށް ލިބިދޭ ބާރުގެ ދަށުން އެކުލަވާލައި ޝާއިޢުކޮށްފައިވާ "ގޭގޭ ފުރާޅުން މަގުމައްޗަށް އަންނަ ފެން ހިންދުމާއި ބެހޭ ގަވާއިދު" އާ ޚިލާފަށް، ރަށުގެ ވަރަށް ގިނަ ގޭގޭގެ ފުރާޅުން އަންނަ ފެން މަގުމައްޗަށް އެޅޭ ގޮތަށް ހުރިކަން މި އިދާރާއަށް ވަނީ ފާހަގަކުރެވިފައެވެ.
މިކަމަކީ ވިއްސާރަ މޫސުންތަކުގައި ރަށުގެ މަގުތަކުގައި ފެންބޮޑުވެ، މަގުތައް ހަލާކުވެ، ހިނގާބިނގާވެ އުޅޭ ފަރާތްތަކަށާއި ދުއްވާ ތަކެއްޗަށް ބޮޑެތި ދަތިތަކާ ކުރިމަތިވާ ކަމަކަށްވާތީ، "ގޭގޭ ފުރާޅުން މަގުމައްޗަށް އަންނަ ފެން ހިންދުމާއި ބެހޭ ގަވާއިދު" ގެ 4 ވަނަ މާއްދާގެ (ހ) އާއި (ށ) ގައިވާ ގޮތުގެ މަތިން ތިރީގައިވާ ކަންކަން އިޞްލާޙުކުރުމަށް މިއަދުން ފެށިގެން 1 (އެކެއް) މަސްދުވަހުގެ މުއްދަތެއް އެންމެހައި ގޭގޭގެ ވެރިފަރާތްތަކަށް ދެމެވެ.
އިޞްލާޙުކުރަންޖެހޭ މިންގަނޑުތައް:
- ދިޔަދޮވި ލާފައިނުވާ އިމާރާތްތައް: ގޭގޭގެ އިންފާރާއި މަގުމައްޗާވީ ފަޅިން އިމާރާތްކޮށް، މަގުމައްޗަށް ފެންފައިބާ ގޮތަށް ހުރި ފުރާޅުތަކުގައި ދިޔަދޮވިލައި، ހޮޅިގުޅައިގެން ފުރާޅުން އެޅޭ ފެން ސީދާ މަގުމައްޗަށް ނުފައިބާނެ ގޮތް ހެދުން.
- ދިޔަދޮވި ލާފައިވާ އިމާރާތްތައް: މަގުމައްޗަށް ފެންފަހިވާ ގޮތަށް ދިޔަދޮވި ލާފައިވާ ނަމަ، އެ ދިޔަދޮވިތަކުން އެޅޭ ފެން ސީދާ މަގުމައްޗަށް ނުފައިބާ ގޮތަށް، ގޭގެ އިންތެރެއަށް ނުވަތަ ގޭގެ އިންފާރުގެ ތެރޭގައި ފެން ހިންދޭނެ ނިޒާމެއް ގާއިމްކޮށް ގުޅައި ބަދަލުކުރުން.
ވީމާ، ގޭގޭގެ ފުރާޅުން މަގަށް ފެން އަންނަ ގޮތަށް ފުޅާރު ހަދާފައިވާ ގެތަކުން މިއަދުން ފެށިގެން 1 މަސްދުވަހުގެ ތެރޭގައި ކަނޑައެޅިފައިވާ މިނަގަނޑުތަކާއި އެއްގޮތަށް ފުރާޅުތައް ރަނގަޅު ކުރުމަށް އަންގަމެވެ. އަދި މި މުއްދަތުގެ ތެރޭގައި އިސްވެ ދެންނެވުނު ގޮތަށް ފުރާޅުން އަންނަ ފެން ހިންދާ ނިޒާމު އިޞްލާޙުކޮށްފައިނުވާ ގޭގޭގެ ވެރިފަރާތްތަކާމެދު، "ގޭގޭ ފުރާޅުން މަގުމައްޗަށް އަންނަ ފެން ހިންދުމާއި ބެހޭ ގަވާއިދު" ގެ 6 ވަނަ މާއްދާގެ ދަށުން ޖޫރިމަނާކުރުމުގެ އިތުރުން އެފަރާތްތަކުގެ މަޢުލޫމާތު އާންމު އިޢުލާން ކުރެވޭނެ ވާހަކަ ދަންނަވަމެވެ.
މިކަމަކީ ރަށުގެ އެންމެހައި ރައްޔިތުންގެ ލާބައާއި މަންފާއަށްޓަކައި އަދި ރަށުގެ މަގުތަކީ އެންމެންނަށްވެސް ބޭނުންކުރަން ފަސޭހަ، އަމާން މާހައުލަކަށް ހެދުމަށް ކުރެވޭ މުޙިއްމު މަސައްކަތަކަށްވާތީ، ރަށުގެ އެންމެހައި ފަރާތްތަކުގެ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން މިކަމުގައި ދެއްވުން އެދެމެވެ.