ދެންނެވުން
ނަންބަރު: (IUL)113-MNH-01-2026-04
ޕަބްލިޝްކުރި ތާރީޚް: 15 ޖުލައި 2026
ޕަބްލިޝްކުރި ގަޑި: 16:34
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް
ދިވެހިރާއްޖެ
ދެންނެވުން

މާލޭ ނޯތު ހާބަރުގެ ކިއު މެނޭޖްކުރުމުގެ އުސޫލަށް ތިރީގައިވާ އިސްލާހުތައް ގެނައުމަށް ނިންމާފައިވާ ވާހަކަ ދަންނަވަމެވެ. އަދި މި ގެނެވޭ އިސްލާހުތަކަށް އަމަލުކުރަން ފަށާނީ 20 ޖުލައި 2026 ވާ ދުވަހުގެ ރޭ 23:59 އިން ފެށިގެންނެވެ.

 

1. ފަސް (5) ދުވަހުގެ މުއްދަތުގެ "ހޯލްޑް" އުވާލުން:

ކުރިން އަމަލުކުރަމުން އައި އުސޫލުގެ ދަށުން، "އޭ" ޒޯން އަދި "ސީ" ޒޯންގެ ކިއުއަށް ނޯޓުކޮށްފައިވާ އުޅަނދުފަހަރު ފަސް ދުވަހުގެ މުއްދަތަށް ކިއު އިން ކެންސަލް ނުވާގޮތަށް " ހޯލްޑް" (Hold) ކުރުމަށް އޮންނަ ފުރުސަތު މުޅިން އުވާލެވޭނެއެވެ. ނަމަވެސް، "ޕޯސްޓްޕޯން" (Postpone) ކުރުމުގެ ފުރުސަތު، ކުރިންވެސް އަމަލުކުރަމުންދާ އުސޫލުތަކާއި އެއްގޮތަށް ކުރިއަށްދާނެއެވެ.

 

2. އެއްފަހަރާ ގިނަ ކިއުތަކުގައި ނޯޓު ކުރުން:

އެއްއުޅަނދަކުން އެއްފަހަރާ އެއް ކިއުއަށް ވުރެ ގިނަ ކިއުތަކުގައި ނޯޓު ކުރުމަށް އޮންނަ ފުރުސަތު މަތީގައި ބަޔާންކުރެވިފައިވާ ތާރީޚުން ފެށިގެން އުވައިލެވޭނެއެވެ. އަދި މި ތާރީޚުން ފެށިގެން އުޅަނދެއް "އޭ" ޒޯން، އެކްސްޕްރެސް ޒޯން އަދި "ސީ" ޒޯން ކިއުގައި ނޯޓުކުރަން އެދޭނަމަ  ނޯޓު ކުރެވޭނީ އެއުޅަނދަކުން އިޚްތިޔާރުކުރާ ކޮންމެވެސް އެއް ކިއުއެއްގައެވެ. އެއް ދަތުރެއްގެ ތެރޭގައި އެއްފަހަރާ ގިނަ ކިއުތަކެއްގައި ނޯޓުކުރުމުގެ ފުރުސަތެއް ނޯންނާނެއެވެ. އެއްދަތުރެއް ކަމަށް ބަލާނީ ނޯތު ހާބަރުގެ "އޭ" ޒޯން، "ސީ" ޒޯން އަދި އެކްސްޕްރެސް ޒޯނަށް ކިއުތަރުތީބުން ޖާގަ ދެވި ކީވޯލަށް އުޅަނދު ކައިރިކޮށް މުދާ އަރުވައިނިމި، ކީވޯލަށް ދައްކަންޖެހޭ ފައިސާ ދެއްކުމަށްފަހު ފުރުމުންނެވެ.

 

މި އިސްލާހުތަކަކީ މާލޭ ނޯތު ހާބަރުގެ ކިއު ނިޒާމު އިތުރަށް ހަރުދަނާކޮށް، ދެފުށް ފެންނަ، އިންސާފުވެރި ނިޒާމެއްގެ ގޮތުގައި ހިންގުމަށްޓަކައި ގެނެވޭ ބަދަލުތަކެކެވެ. އެހެންކަމުން، އުޅަނދުފަހަރުގެ ވެރިންނާއި، ނެވިން އަދި ކަމާގުޅުންހުރި އެންމެހާ ފަރާތްތަކުން، މި ގެނެވޭ އިސްލާހުތަކަށް ކަނޑައެޅިފައިވާ ތާރީޚުން ފެށިގެން އަމަލުކުރުން އެދެމެވެ.

15 ޖުލައި 2026