ދިވެހިރާއްޖެ
އިޢުލާނު
ޗީފް ސްޓެޓިސްޓީޝަންގެ މަގާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލުން
ޗީފް ސްޓެޓިސްޓީޝަންގެ މަގާމުގެ މުއްދަތު ހަމަވާތީ، އެ މަގާމަށް ކުރިމަތިލުމުގެ ފުރުޞަތު، މިއަދުން ފެށިގެން 28 ޖުލައި 2026 ވާ އަންގާރަ ދުވަހުގެ 12:00 ގެ ނިޔަލަށް ހުޅުވާލައި، އެކަން އިޢުލާނުކުރަމެވެ.
ޤާނޫނު ނަންބަރު 16/2021 (ދިވެހިރާއްޖޭގެ ތަފާސްހިސާބުގެ ޤާނޫނު) ގެ 8 ވަނަ މާއްދާގައި، ޗީފް ސްޓެޓިސްޓީޝަންގެ މަގާމަށް ޢައްޔަންކުރާ މީހެއްގެ ކިބައިގައި، ތިރީގައިވާ ސިފަތައް ހުންނަންވާނެކަމަށް ބަޔާންކޮށްފައިވެއެވެ.
(ހ) މުސްލިމަކު ކަމުގައިވުން؛
(ށ) ދިވެހި ރައްޔިތަކު ކަމުގައިވުން؛
(ނ) ބުއްދި ސަލާމަތުން ހުރުން؛
(ރ) އުމުރުން 35 (ތިރީސްފަހެއް) އަހަރު ވެފައިވާ މީހަކު ކަމުގައިވުން؛
(ބ) އިސްލާމްދީނުގައި ޙައްދެއް ކަނޑައެޅިފައިވާ ކުށެއް، ނުވަތަ ޚިޔާނާތުގެ ކުށެއް، ނުވަތަ ރިޝްވަތުގެ ކުށެއް ކުރިކަން ޝަރީޢަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން؛
(ޅ) ދައުލަތުގެ އިދާރާއަކަށް ދައްކަންޖެހިފައިވާ ފައިސާއެއް އޮވެ، ކަނޑައަޅާފައިވާ ގޮތުގެމަތިން ދައްކަމުންނުދާ މީހަކު ކަމުގައި ނުވުން؛
(ކ) ޖިނާއީ ކުށެއް ސާބިތުވެ ޙުކުމް ތަންފީޛުކުރަމުންދާ މީހަކު ކަމުގައި ނުވުން؛
(އ) ޤާނޫނުއަސާސީގެ ދަށުން ނުވަތަ ޤާނޫނެއްގެ ދަށުން އިންތިޚާބުކުރެވޭ ނުވަތަ ޢައްޔަންކުރެވޭ މަގާމެއް، ނުވަތަ ސިޔާސީ މަގާމެއް ފުރަމުންދާ މީހަކު ކަމުގައި ނުވުން؛
(ވ) ސަރުކާރު ނުވަތަ އަމިއްލަ އެއްވެސް ކުންފުންޏެއް ހިންގުމުގައި އިސްކޮށް ޙަރަކާތްތެރިވާ ނުވަތަ އެފަދަ ކުންފުންޏެއްގެ ޑިރެކްޓަރުންގެ ބޯޑުގައި ހިމެނޭ މީހަކު ކަމުގައި ނުވުން؛
(މ) ސިޔާސީ ޕާޓީއެއްގެ މެންބަރަކު ކަމުގައި ނުވުން؛
(ފ) ޗީފް ސްޓެޓިސްޓީޝަންގެ މަގާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރެވޭފަދަ ޢިލްމީ ފެންވަރާއި ލަޔާޤަތު އަދި މަސައްކަތުގެ އަޚްލާޤު ހުރި މީހަކު ކަމުގައިވުން؛
(ދ) ތަފާސްހިސާބު ނުވަތަ އިކޮނޮމިކްސް ނުވަތަ ޑެމޮގްރަފީ ނުވަތަ ހިސާބު ޢިލްމުގެ ދާއިރާއިން ފުރަތަމަ ޑިގްރީ ނުވަތަ އެއާ އެއް ފެންވަރުގެ ސަނަދެއް ސަރުކާރު ޤަބޫލުކުރާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ޙާޞިލުކޮށްފައިވާ، ތަފާސްހިސާބުގެ ރޮނގުން ތަމްރީނާއި ތަޖުރިބާ ލިބިފައިވާ އަދި ހިންގުމުގެ ދާއިރާއިން ތަޖުރިބާއާއި ޤާބިލުކަން ލިބިފައިވާ މީހަކު ކަމުގައިވުން؛
ވީމާ، ޗީފް ސްޓެޓިސްޓީޝަންގެ މަގާމަށް ކުރިމަތިލުމަށްއެދޭ ފަރާތްތަކުން، އަންނަނިވި ލިޔުންތަކާއެކު ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ހުށަހެޅުއްވުން އެދެމެވެ.
1. ޗީފް ސްޓެޓިސްޓީޝަންގެ މަގާމަށް ކުރިމަތިލުމަށް އެދި ހުށަހަޅާ ފޯމު
2. ޗީފް ސްޓެޓިސްޓީޝަންގެ މަގާމަށް ކުރިމަތިލާ ފަރާތުގެ އިޤްރާރު
3. ފުރިހަމަކޮށްފައިވާ ކުށާއި ދަރަނީގެ ރިކޯޑު ފޯމު (އިޢުލާން ކުރި ތާރީޚަށްވުރެ ފަހުން ދޫކޮށްފައިވާ ރިކޯޑުތަކަށްވުން)
4. ސިޔާސީ ޕާޓީއެއްގައި ރަޖިސްޓަރީ ވެފައިވޭތޯ ބެލުމަށް އިލެކްޝަންސް ކޮމިޝަނުން ސާފުކުރަންޖެހޭ ފޯމު
5. ކުރިމަތިލާ ފަރާތުގެ ވަނަވަރު (ސީ.ވީ.)
6. ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެ ވަޒީފާ އަދާކޮށްފައިވާ ތަންތަނާއި، އަދާކުރި ވަޒީފާތައް އެނގޭނެ ގޮތަށް، އަދި އެ ވަޒީފާތައް އަދާކުރި މުއްދަތާއި، އެ ވަޒީފާތަކުގެ މައިގަނޑު މަސްއޫލިއްޔަތުތައް ބަޔާންކޮށްފައިވާ ލިޔުންތަކުގެ ފޮޓޯކޮޕީ
ނޯޓް: އިޢުލާން ކުރި ތާރީޚަށްވުރެ ފަހުން ދޫކޮށްފައިވާ ރިކޯޑު އަދި ފޯމުތަކަކަށް ވާންވާނެއެވެ.
ޗީފް ސްޓެޓިސްޓީޝަންގެ މަގާމަށް ކުރިމަތިލުމަށް އެދޭ ފޯމާއި، އިޤްރާރާއި، ކުށާއި ދަރަނީގެ ރިކޯޑު ފޯމާއި، ސިޔާސީ ޕާޓީއެއްގައި ރަޖިސްޓަރީ ވެފައިވޭތޯ ބެލުމަށް އިލެކްޝަންސް ކޮމިޝަނުން ސާފުކުރަންޖެހޭ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ، މިކަމަށް ކުރިމަތިލުމަށް ދީފައިވާ މުއްދަތުގައި، ރަސްމީ ބަންދުދުވަސްތައް ފިޔަވައި، އެހެން ދުވަސްދުވަހުގެ ހެނދުނު 8:30 އިން މެންދުރުފަހު 12:00 އަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންނެވެ. އަދި މި ފޯމުތަކާއި އިޤްރާރު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ. ވެބްސައިޓުގެ އެޑްރެހަކީ presidency.gov.mv އެވެ.