ދިވެހިރާއްޖެ
އިންޑޮނޭޝިއާގެ ޓަންގަރަންގްގައި މި އަހަރުގެ ސެޕްޓެމްބަރު މަހުގެ 24 އިން 27 އަށް ބޭއްވުމަށް ހަމަޖެހިފައިވާ ހަލާލް އިންޑޯ އެކްސްޕޯ ގައި ބައިވެރިވުމުގެ ފުރުސަތު ދިވެހިރާއްޖެ އަށް ހުޅުވާލެވިފައިވާކަމުގެ މައުލޫމާތު އިންޑޮނޭޝިއާގެ ސަރުކާރުން ވަނީ މި މިނިސްޓްރީއާއި ހިއްސާކުރަށްވާފައެވެ. މި މައުޒަރުގައި ރާއްޖޭގެ ކުންފުނިތަކާއި، ސިނާއީ ފަރާތްތަކުން ބައިވެރިވުމަށް، މައުރަޒު އިންތިޒާމު ކުރާ ފަރާތުން ވަނީ ދައުވަތު އަރުވާފައެވެ.
މި މައުރަޒުގެ މަޤްސަދަކީ، ހަލާލް އިކޯސިސްޓަމްއެއް މެދުވެރިކޮށް، ދުނިޔޭގެ ހަލާލު ވިޔަފާރީގެ ސިނާއަތް ކުރިއެރުވުމާއި، ހަލާލު ސިނާއަތުގެ ހަރަކާތްތެރިވާ ފަރާތްތަކާއި، ގަންނަ ފަރާތްތަކާއި، އިންވެސްޓަރުންނާއި، ސަރުކާރުގެ ސްޓޭކްހޯލްޑަރުންގެ މެދުގައި ބައިނަލްއަޤްވާމީ ވިޔަފާރިއާއި އިންވެސްޓްމަންޓްގެ ފުރުޞަތުތައް ފަހިކޮށްދިނުމެވެ. މީގެ އިތުރުން ކާބޯތަކެއްޗާއި ބުއިންތަކާއި، ސިއްހީ ފަރުވާ، ބޭސް، ފެޝަން، ފަތުރުވެރިކަން، މެހެމާންދާރީ، ތަޢުލީމު، އަދި ދިރިއުޅުމުގެ ވައްޓަފާޅި ފަދަ ދާއިރާތަކުގެ ތެރެއިން އައު އުފެއްދުންތަކާއި އުފެދިފައިވާ ޓްރެންޑްތައް ދައްކާލުން ހިމެނެއެވެ. އަދި އެކި ކަންކޮޅުތަކުގައި ހުރި ހަލާލު ސިނާއަތްތައް ގުޅުވައިދިނުމުގެ ގޮތުން ބިޒްނަސް މެޗިންގ، ފޯރަމްސް، ކޮންސަލްޓޭޝަންސް، އަދި އިންޑަސްޓްރީ އެންގޭޖްމަންޓް ޕްރޮގްރާމްތައް ގެންދިޔުމަށްވެސް ހަމަޖެހިފައިވެއެވެ.
މި މައުރަޒުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން، މައުރަޒުގެ ރަސްމީ ވެބްސައިޓް (www.halalindo.com) މެދުވެރިކޮށް، އޮންލައިން އެޕްލިކޭޝަން ފުރިހަމަކުރެއްވުމަށްފަހު، މި މައުލޫމާތު [email protected] އަށް އީމެއިލް ކޮށްދެއްވުން އެދެމެވެ. މި މައުރަޒާ ގުޅޭ އިތުރު މައުލޫމާތުވެސް އިސްވެ ދެންނެވުނު ވެބުސައިޓު މެދުވެރިކޮށް ލިބޭނެ ވާހަކަ ދަންނަވަމެވެ.