ދިވެހިރާއްޖެ
އިޢުލާން
|
ފ.ފީއަލީ ކައުންސިލްގެ އިޙްތިޞާޞް ތެރޭގައި ހިމެނޭ ފ.ވިލިގިލިވަރު ފަޅުން ވެލި ނެގުމާއި ގުޅޭ |
ގެދޮރު އިމާރާތްކުރުމާއި މިނޫނަސް މިފަދަ ޢާންމު ޟަރޫރީ ބޭނުންތަކަށް މި ކައުންސިލްގެ އިޙްތިޞާޞް ހިނގާ ސަރަޙައްދުތަކުގެ ތެރެއިން، ވެލިނެގުމަށް ޙުއްދަ ދީފައިވާ ސަރަޙައްދު ފިޔަވައި މި ކައުންސިލްގެ އިޙްތިޞާޞްގެ ތެރޭގައި ހިމެނޭ އެހެނިހެން ސަރަހައްދުތަކުން ވެލިނަގާކަމުގެ ޝަކުވާތަށް މިކައުންސިލަށް ހުށަހެޅެމުންދާތީ ދަންނަވަމެވެ.
ފީއަލީގެ ޢާންމު ރައްޔިތުންގެ ގެދޮރު ޢިމާރާތް ކުރުންފަދަ ޢާންމު ޟަރޫރީ ބޭނުންތަކަށް ނަގަންޖެހޭ ވެލި ނެގުމަށް ސަރުކާރުގެ ކަމާގުޅުންހުރި އިދާރާތައް ގުޅިގެން ކަނޑައަޅާފައިވާ ސަރަޙައްދުތަކުގެ ތަފްޞީލް އެންވަޔަރަމަންޓަލް ރެގިއުލޭޓްރީ އޮތޯރިޓީގެ ނަންބަރު:203-EIARES/370/2018/4 (01 ނޮވެމްބަރ 2018 ) ސިޓީއިން ވަނީ މި ކައުންސިލަށް އަންގަވައިފިއެވެ. އެފަދަ ސަރަޙައްދުތަކަކީ ޟަރޫރީ ކަންކަމަށް ބޭނުމަށްވާ ވަރަށް ވެލި ނެގުމަށް ކަނޑައަޅާފައިވާ ސަރަޙައްދުތަކެކެވެ. މިގޮތުން ފ.ފީއަލީގެ ރައްޔިތުން ޟަރޫރީ ބޭނުންތަކަށް ވެލި ނެގުމަށް ކަނޑައެޅިފައިވަނީ ފ.ފީއަލީ އިޙްތިޞާޞްގެ ތެރޭގައިވާ ފ.ވިލިގިލިވަރު ފަޅުން ވެލި ނެގުމަށް ޓަކައި އެންވަޔަރަމަންޓަލް ރެގިއުލޭޓްރީ އޮތޯރިޓީގެ ނަންބަރު:203-EIARES/370/2018/4 (01 ނޮވެމްބަރ 2018 ) ސިޓީއިން ކަނޑައަޅައި މިކައުންސިލުން ފާހަގަ ކޮށްފައިވާ ސަރަޙައްދުގެ ހުޅަނގުންނެވެ.
ވީމާ، ދެންނެވުނު ސަރަޙައްދު ފިޔަވައި މި ކައުންސިލްގެ އިޙްތިޞާޞް ގެ ތެރޭގައި ހިމެނޭ އެއްވެސް ސަރަޙައްދަކުން އެއްވެސް ބޭނުމަކު ވެލި ނެގުމަކީ މަނާކަމެއް ކަމުގައި ދަންނަވަމެވެ. އަދި މި އެންގުމާއި ޚިލާފުވާ ފަރާތްތަކާމެދު، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނާއި، ތިމާވެށި ހިމާޔަތްކުރުމާބެހޭ ޤާނޫނުތަކާއި ގަވާއިދުތަކުގެ ދަށުން ފިޔަވަޅު އެޅޭނެ ވާހަކަ ޢާންމުކޮށް އަންގައި އިޢުލާން ކުރީމެވެ. މިފަދަ ތިމާވެއްޓަށް ގެއްލުންދެނިވި ކަންކަން ހުއްޓުވުމުގައި ރަށުގެ އެންމެހައި ރައްޔިތުންގެ ފަރާތުން ފުރިހަމަ އެއްބާރުލުން މިކައުންސިލަށް ދެއްވުން އެދެމެވެ.
02 މުޚައްރަމް 1448
17 ޖޫން 2026
މުޙައްމަދު ނާޝިދު
ފީއަލީ ކައުންސިލްގެ މެމްބަރ