ދިވެހިރާއްޖެ
އިޢުލާން
ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީން ފޯރުކޮށްދެމުންދިޔަ މެޑިކަލް ވެލްފެއަރ ސްކީމް ހިންގުން 2026 ޖޫން 1 ވަނަ ދުވަހުން ފެށިގެން އާސަންދަ ކުންފުނީގެ ދަށަށް ބަދަލުކުރުމާއިގުޅޭ
ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީން ފޯރުކޮށްދެމުން ގެންދިޔަ މެޑިކަލް ވެލްފެއަރ ސްކީމްގެ މަސައްކަތްތައް 2026 ޖޫން 1 ވަނަ ދުވަހުން ފެށިގެން އާސަންދަ ކުންފުނީގެ ދަށަށް ބަދަލުކޮށްފައިވާކަމުގައި ދެންނެވީމެވެ.
މި ގެނެވުނު ބަދަލާއި ގުޅިގެން، މީގެ ކުރިން މެޑިކަލް ވެލްފެއަރގެ އެހީއަށް އެދި ހުށަހަޅާ "ވިރަ ފޯމް" ގެ ބަދަލުގައި "މައި އާސަންދަ" ތެރެއިން އާސަންދަ ސްކީމް އަދި ވެލްފެއަރ ސްކީމްގެ ޚިދުމަތްތަކަށް އެދެވޭގޮތަށް ސިސްޓަމަށް ވަނީ ބަދަލުގެނެސްފައެވެ.
މި ބަދަލުތަކުގެ ތެރޭގައި، ކުރިން މެޑިކަލް ވެލްފެއަރ ސްކީމްގެ ތެރެއިން ފޯރުކޮށްދެމުންދިޔަ ގިނަ ޚިދުމަތްތަކެއް އާސަންދަ ސްކީމްގެ ތެރެއިން ފޯރުކޮށްދޭގޮތަށް ހަމަޖައްސާ، ސްކީމްގެ ޚިދުމަތްތައް ވަނީ އިތުރަށް ފުޅާކޮށްފައެވެ. އޭގެ ތެރޭގައި:
1- މެޑިކަލް އިވެކުއޭޝަންގައި ގެންނަ ފަރާތްތައް އެނބުރި ދިއުމަށް އާސަންދަ ސްކީމުގެ ތެރެއިން ޓިކެޓް ހަމަޖެއްސުން.
2- އާސަންދަ ސްކީމް މެދުވެރިކޮށް ރާއްޖޭން ބޭރުން ބޭސްފަރުވާ ނިންމާ އެނބުރި ރާއްޖެގެނައުމަށް ހަމަޖައްސައިދޭ އުސޫލުން، އާސަންދަ ސްކީމުން ރާއްޖޭގެ ހޮސްޕިޓަލަކުން ފަރުވާ ފުރިހަމަކުރުމަށް ގެންނަ ފަރާތް، ފަރުވާ ފުރިހަމަކޮށް ނިމުމުން އެނބުރި ރަށަށް ފޮނުވާ ހާލަތުގައި ބޭނުންވާ ފަރާތްތަކަށް އާސަންދަ ސްކީމުގެ ދަށުން އެއަރ ފެއަރ ޓިކެޓް ފޯރުކޮށްދިނުން.
3- އާސަންދަ ސްކީމުގެ ދަށުން ރާއްޖެއިން ބޭރުން ފަރުވާ ހޯދުމަށް އެހީ ހަމަޖެހޭ ފަރާތްތަކަށް 3 ވަނަ ޓިކެޓެއް (3 ވަނަ ޓިކެޓް ބަލިމީހާގެ އެހީތެރިއާއަށް) ފޯރުކޮށްދޭންޖެހޭ ހާލަތްތަކުގައި ބޭނުންވާ ޓިކެޓާއި އަދި ދެވަނަ މެޑިކަލް އެސްކޯޓެއް ބޭނުންވެގެން ޑޮކްޓަރަކު ރިކުއެސްޓެއް ހުށަހަޅައިފިނަމަ، ބަލިމީހާގެ ހާލަތަށް ރިޢާޔަތްކުރުމަށްފަހު، ދެވަނަ އެސްކޯޓުގެ ޓިކެޓް އާސަންދަ ސްކީމުގެ ތެރެއިން ހަމަޖައްސައިދިނުން.
4- ގޯޝަރ އަދި ކެންސަރ ފަދަ ބޮޑެތި ބަލިތައް ތަޙަމަލްކުރަމުންދާ ފަރާތްތަކަށް ބޭނުންވާ ބޭސްތަކުގެ ތެރެއިން އާސަންދަ މެދުވެރިކޮށް ނުލިބޭ ބޭސްތަކާއި، މިވަގުތު ފައިސާގެ އެހީ ފޯރުކޮށްދޭ ބޭސްތަކަކީ އާސަންދަ ސްކީމުގެ އުސޫލުގެ ތެރެއިން ލިބިނުދެވޭ ބޭސްތަކަކަށްވާތީ، މިފަދަ ބޭސްތައްވެސް އެޕްރޫވްޑް ޑްރަގް ލިސްޓް (އޭ.ޑީ.އެލް) އަށް އިތުރުކޮށް އާސަންދަ ސްކީމުގެ ތެރެއިން ލިބޭނެ ގޮތަށް ބަދަލު ގެނައުން.
5- އާސަންދަ ސްކީމް ނުވަތަ މެރަނަ ސްކީމް ފުޅާކޮށް ރާއްޖެއިން ބޭރުގައި ކިޔަވާ ކުދިންނަށް މިވަގުތު އެމަޖެންސީ ހާލަތްތަކުގައި އާސަންދަ އެމްޕެނަލްކުރެވިފައިވާ ހޮސްޕިޓަލްތައް ހުރި ގައުމުތަކުން ސްކީމްގެ ދަށުން ޚިދުމަތް ފޯރުކޮށްދިނުން.
6- މީގެކުރިން ޕަބްލިކް ހޮސްޕިޓަލުންނާއި އާސަންދައިން ކަވަރ ނުކުރާ ޓެސްޓް ތަކާއި ތަޙްލީލުތައް އާސަންދަ ސްކީމުގެ ތެރެއިން ފޯރުކޮށްދިނުން.
7- ފަރުވާ ކުރިއަށް ގެންދިއުމަށް ބޭނުންވާ އެކިއެކި އާލަތްތަކާއި، އެސިސްޓިވް އަދި މެޑިކަލް ޑިވައިސްތައް އާސަންދަ ސްކީމުގެ ދަށުން ފޯރުކޮށްދިނުން.
8- ތެލަސީމީޔާ ކުދިން ބޯންމެރޯ ހެދުމަށްފަހު އާސަންދަ ސްކީމުގެ ތެރެއިން މިހާރުވެސް ފުރަތަމަ ފޮލޯއަޕް ކަވަރ ކޮށްދޭގޮތަށް، އޭގެ ފަހުގެ ފޮލޯއަޕްތައްވެސް އާސަންދަ ސްކީމުން ކަވަރކޮށްދިނުން.
9- އަމިއްލަ ޚަރަދުގައި ރާއްޖެއިން ބޭރަށް ފަރުވާ ކުރުމަށް ދިއުމަށްފަހު ދިމާވާ ޞިއްޙީ ޙާލަތަކާއި ގުޅިގެން ދެވޭ އެހީ އާސަންދަ ސްކީމުގެ ތެރެއިން ފޯރުކޮށްދިނުން.
10- ރާއްޖެއިން ބޭރުން ފަރުވާ ހޯދުމަށް ރިފަރކުރެވޭ ފަރުވާ ނުވަތަ ޚިދުމަތަކީ ސްކީމުން ހުއްދަކުރާ ޚިދުމަތެއްތޯ ބަލާ، ސްޕެޝަލިސްޓް ޑޮކްޓަރުން ރިފަރަލް ދެއްވައިފިނަމަ ރާއްޖެއިން ލިބެން ހުރި ފަރުވާއެއް ނުވަތަ ޚިދުމަތެއް ކަމުގައި ވީނަމަވެސް ބަލީގެ ބާވަތާއި، ބަލިމީހާގެ ހާލަތާއި، ރާއްޖޭގައި ލިބެންހުރި ފަރުވާ ލިބުމުގައި ހުރި ދަތިތަކާއި، ވަށައިގެންވާ އެހެނިހެން ކަންތައްތަކަށް ރިޢާޔަތްކޮށް، ބަލިމީހާ ރާއްޖެއިން ބޭރަށް އާސަންދައިން ފޮނުވޭގޮތަށް ބަދަލުގެނައުމާއި އަދި ރާއްޖެއިން ބޭރުން އެނދުމަތިކުރެވިގެން ހުށައެޅޭ ކޭސްތަކަށް ވެސް މިފަދައިން ޢަމަލުކުރުމަށް ބަދަލުގެނެސް، ރާއްޖޭގައި އެޚިދުމަތަކަށް ދެވޭނެ ޚަރަދު ބަލައި، ދެވޭ އަގަކަށް އާސަންދަ ސްކީމްގެ ތެރެއިން ފޮނުވުން.
11- ރާއްޖެއިން ބޭރުން ބޭސްފަރުވާ ކުރުމަށް ހަމަޖެހިފައިވާ ހޮސްޕިޓަލް ބަދަލުކުރުމާއި ކޮންސެންޓް ނެގުމުގައި އިތުރު ލުއިތަކެއް ދިނުން.
12- އިމަރޖެންސީ ނުވަތަ ދިމާވާ ހާލަތެއްގައި އާސަންދަ ސްކީމުގެ ތެރެއިން އެމްޕެނަލް ވެފައިވާ މަރުކަޒަކުން ކަވަރޭޖް ފޯރުކޮށްދެވޭ އުސޫލުން މެރަނަ ސްކީމުގެ ތެރެއިން ވެސް ކޭޝްލެސްކޮށް ފުލް ކަވަރޭޖެއް ދިނުން. (މެރަނަ ސްކީމް ލިބެންހުންނަ ގައުމުތައް: އިންޑިއާ، ސްރީލަންކާ، ފިލިޕީންސް އަދި މެލޭޝިއާ). އަދި އިމަރޖެންސީ ހާލަތް ނޫން އެހެން ހާލަތްތަކުގައި މެރަނަ ސްކީމްގެ އުސޫލާއި އެއްގޮތަށް ހަމަޖެއްސުން.
13- ބަލިމީހާގެ ރިކޮމެންޑޭޝަން ފޯމް ފުރާފައިވަނީ ކަމާއި ގުޅުންހުރި ޑޮކްޓަރަކު ނޫންކަމަށް ވެފައި ރީޖަނަލް ހޮސްޕިޓަލް އަދި އަތޮޅު ހޮސްޕިޓަލުން ފުރާފައިވާ ފޯމެއްނަމަ، ބަލިމީހާ ނުވަތަ ހޮސްޕިޓަލުން އެތަކުލީފު އުފުލުމުގެ ބަދަލުގައި އާސަންދަ ކުންފުނިން އެކަމާއި ގުޅުންހުރި ޑޮކްޓަރެއްގެ އޮޕީނިއަން ނަގާގޮތަށް ހަމަޖެއްސުން.
14- ވެލްފެއަރ ސްކީމުގެ ދަށުން ރާއްޖެއިން ބޭރަށް ވަކި ލިމިޓެއް ކަނޑައަޅާފައި ފޮނުވާ ބަލިމީހުން އިތުރު އޮޕަރޭޝަނެއް ކުރަންޖެހޭ ހާލަތެއްގައި އާސަންދަ ސްކީމުގެ ތެރެއިން ރާއްޖޭގައި އެކަމަށް ދެވޭ އަގާއި އެއް މިންވަރަކަށް ކަވަރ ކުރުން.
މިގެނެވޭ ބަދަލުތަކުގެ ސަބަބުން އެއް އިދާރާއަކުން މި މަސައްކަތްތައް ކުރާ ގޮތަށް ބައްޓަންވުމުން، ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ހޯދުމުގައި ރައްޔިތުންނަށް ލުއިފަސޭހަތަކެއް ލިބިގެންދާނެއެވެ.
އާސަންދަ ސްކީމް އަދި ވެލްފެއަރ ސްކީމުން ބޭނުންވާ ޚިދުމަތެއް ހޯދުމުގައި އެއްވެސް މަޢުލޫމާތެއް ސާފުކުރެއްވުމަށް އެދިލައްވާނަމަ ނުވަތަ ފޯމު ފުރުމުގައި އިތުރު އެހީތެރިކަމެއް ބޭނުންވެލައްވާނަމަ، އާސަންދައިގެ ހޮޓްލައިން ނަންބަރ 1400 ގުޅުއްވުމަށް ދަންނަވަމެވެ.
15 ޛުލްޙިއްޖާ 1447
1 ޖޫން 2026