ދިވެހިރާއްޖެ
ބަންޑާރަ ގޯއްޗާއި، އަމިއްލަ ގޯއްޗާއި، އެފަދަ ގޯތީގައި ހަދާ ޢިމާރާތާއި ގޯތީގެ ރަޖިސްޓްރީކުރުމާއި ބެހޭ ޤަވާޢިދު (ޤަވާއިދު ނަންބަރު 2016/R-88) އަށް 01 ވަނަ އިޞްލާޙް ގެނައުމުގެ ޤަވާޢިދު (ޤަވާއިދު ނަންބަރު 2023/R-38) އިން، ބުނެވެދިޔަ މާއްދާގެ ޤަވާޢިދުގެ 18 ވަނަ މާއްދާގެ (ހ) އަދި (ރ) އަންނަނިވި ގޮތަށް ވަނީ އިސްލާޙްކޮށްފައެވެ.
ރަޖިސްޓްރީ ގެއްލިގެން އަލުން ހަދައިދިނުން:
18. (ހ) މި ޤަވާއިދުގެ ދަށުން ހަދައިދެވިފައިވާ ރަޖިސްޓްރީއެއް ގެއްލިއްޖެނަމަ، ލަސްނުކޮށް އެކަން، ސިޓީއެއްގައި ނަމަ އެ ސިޓީ ކައުންސިލަށް ނުވަތަ އެ ސޓީއެއްގެ ބިންތަކުގެ ރަޖިސްޓްރީގެ ކަންކަން އެ އިރެއްގައި ބަލަހައްޓަމުން އަންނަ އިދާރާއަށް، އަދި ސިޓީއެއް ނޫންނަމަ، އެ ރަށެއްގެ ރަށު ކައުންސިލްގެ އިދާރާއަށް ނުވަތަ އެ ރަށެއްގެ ބިންތަކުގެ ރަޖިސްޓްރީގެ ކަންކަން އެ އިރެއްގައި ބަލަހައްޓަމުން އަންނަ އިދާރާއަށް އަންގަންވާނެއެވެ.
(ރ) މި މާއްދާގެ ދަށުން އަލުން ރަޖިސްޓްރީއެއް ހަދައިދެވޭނީ 500/- (ފަސްސަތޭކަ) ރުފިޔާގެ ޖޫރުމައިނާއެއް ދެއްކުމުންނެވެ.
ޤަވާޢިދު ނަންބަރު 2016/R-88 އަށް މި އިސްލާޙް ގެނައުމުގެ ކުރިން، ރަޖިސްޓްރީ ގެއްލިގެން ހަދައިދިނުމަށް ދައްކަން ޖެހެނީ 100/- (ސަތޭކަ) ރުފިޔާގެ ޖޫރުމައިނާއެކެވެ. ނަމަވެސް ޤަވާޢިދު ނަންބަރު 2023/R-38 އިން ގެނެވިފައިވާ މަތީގައި ބަޔާންކުރެވުނު އިސްލާޙާއި ގުޅިގެން، ރަޖިސްޓްރީ ގެއްލިގެން އަލުން ހަދައިދިނުމަށް ދައްކަން ޖެހެނީ 500/- (ފަސްސަތޭކަ) ރުފިޔާގެ ޖޫރުމަނާއެކެވެ.
ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.