ދިވެހިރާއްޖެ
މޮރޮކޯގައި އޮންނަ އިންޓަރނޭޝަނަލް ޤުރްއާން މުބާރާތް 1448/2026
(King Mohammed VI International Prize for Memorization, Recitation and Interpretation of the Holy Quran – 20th Edition)
ގައި ބައިވެރިވުމުގެ ފުރުޞަތު
2026 ވަނަ އަހަރުގެ އޮގަސްޓު މަހުގެ 10ވަނަ ދުވަހު މޮރޮކޯގައި ބޭއްވުމަށް ހަމަޖެހިފައިވާ އިންޓަރނޭޝަނަލް ޤުރްއާން މުބާރާތުގައި ބައިވެރިވުމުގެ ދަޢުވަތު ރާއްޖެއަށް ވަނީ ލިބިފައެވެ. މިގޮތުން މުބާރާތުގެ 2 ކެޓެގަރީގައި، ކޮންމެ ކެޓެގަރީއަކުން 1 ބައިވެރިއަކު ބައިވެރިކުރުމުގެ ފުރުޞަތު ލިބިފައި ވެއެވެ.
ބައިވެރިވުމުގެ ޢާއްމު ޝަރުޠުތައް:
1- ހިޖުރީ ގޮތުން އުމުރުން 10 އަހަރާއި 40 އަހަރާއި ދެމެދުގެ ފަރާތަކަށްވުން.
2- ދިވެހި ރައްޔިތަކަށްވުން.
3- ކުރީގައި މި މުބާރާތުގައި ބައިވެރިވެ 1ވަނަ ލިބިފައިވާ ފަރާތަކަށް ނުވުން.
ބައިވެރިވެވޭ ކެޓެގަރީތަކާއި ކެޓެގަރީއަށް ޚާއްޞަ ޝަރުޠު:
1- މުޅި ޤުރްއާން އެއްކޮށް ތަޖުވީދުގެ ހަމަތަކާއެކު ހިތުން ކިޔެވުމާއެކު ޤުރްއާނުގެ 9ވަނަ ފޮތާއި 10ވަނަ ފޮތުން ކަނޑައެޅޭ އާޔަތްތަކެއްގެ ތަފްސީރުކިޔުމުގެ ބައި: މި ކެޓެގަރީގައި ބައިވެރިވެވޭނީ ރަގަޅަށް ޢަރަބި ބަހުން މުޢާމަލާތުކުރަން އެނގޭ، ޤުރްއާން ޙިފްޡުކޮށް ސަނަދު ޙާޞިލުކޮށްފައިވާ ފަރާތްތަކަށެވެ. އަދި ރަގަޅަށް ތަޖުވީދުގެ ޙުކުމްތަކާއެކު ކިޔަވަން އެނގޭ ފަރާތަކަށް ވާންވާނެއެވެ.
މުބާރާތުގައި ސުވާލު ކުރާނެ ތަފްސީރު ލިންކުތައް
2- ވިދިވިދިގެން ޤުރްއާނުގެ 5 ޙިޒްބު (2 ފޮތާއި ބައި ފޮތް) ތަޖުވީދުގެ ހަމަތަކާއެކު ތަރުތީލުކޮށް ނުބަލައި ކިޔެވުމުގެ ބައި: މި ކެޓެގަރީއަށް ބައިވެރިޔަކު ހޮވުމުގައި ޤުރްއާން ހިތުދަސް ޙާފިޡުންނަށް އިސްކަން ދެވޭނެއެވެ. އަދި ބައިވެރިވާ ފަރާތަށް ޙިޒްބުތައް ވަކިކުރަން އެނގެންވާނެއެވެ.
ބައިވެރިވުމަށް އެދި ހުށަހަޅާއިރު ދެނެގަންނަން މުހިންމު ކަންތައްތައް:
1- މި މުބާރާތަކީ ދެ ޖިންސަށްވެސް ބައިވެރިވެވޭ ގޮތަށް ހުޅުވާލެވިފައިވާ މުބާރާތެކެވެ.
2- މި މުބާރާތަށް، ކޮންމެ ކެޓަގަރީއަކުން އެއް ބައިވެރިއަކު، ހޮވާނީ މިކަމަށް އެދި ހުށަހަޅާ ފަރާތްތައް މި މަރުކަޒުން އިމްތިޙާނު ކުރުމަށްފަހުގައެވެ.
3- އުމުރުން 18 އަހަރު ނުވާ ބައިވެރިއެއް، ނުވަތަ އަންހެން ބައިވެރިއެއް ނުވަތަ ޚާއްސަ އެހީއަށް ބޭނުންވާ ފަރާތެއް މުބާރާތަށް ދިއުމަށް ހޮވިއްޖެނަމަ އެބައިވެރިޔަކާ އެކުގައި އެއް ބެލެނިވެރިޔަކު ގެންދިޔުމަށް ބޭނުންވާ އިންތިޒާމް މުބާރާތް ބާއްވާ ފަރާތުން ހަމަޖައްސަވައިދެއްވާނެއެވެ.
4- މި މުބާރާތުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން ތިރީގައި މިވާ ލިޔެކިޔުންތަކާއި އެކު 5 މޭ 2026 ވާ އަންގާރަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ގޫގުލް ފޯމުhttps://forms.gle/De9gv49KDNpjtiqo6 ފުރިހަމަކުރެއްވުން އެދެމެވެ.
ހުށަހަޅަންޖެހޭ ލިޔެކިޔުން:
1- ވަނަވަރު (ސީވީ)
2- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ސާފު ކުލަ ކޮޕީ
3- ޙާފިޡު ކަމުގެ ސަނަދު ޙާސިލްކޮށްފައިވާ ފަރާތެއްނަމަ ޙާފިޡު ކަމުގެ ސަނަދުގެ ކުލަ ކޮޕީ
4- ޕާސްޕޯޓުގެ ސާފު ކުލަ ކޮޕީ