ދިވެހިރާއްޖެ
ރައްޔިތުންނަށް ވީހާވެސް ލުއިފަސޭހަ ކޮށްދިނުމަށް މިކައުންސިލުން ކުރަމުންދާ މަސައްކަތުގެ ތެރެއިން މަސްމާރުކޭޓްގެ މަސައްކަތް ނިންމާ ޢާއްމުންނަށް ހުޅުވާލެވިފައިވަނީ މި މަހުގެ 17 ވަނަ ދުވަހުއެވެ. އެގޮތުން މަސްމާރުކޭޓް ހުޅުވުމަށްފަހު މަސްމާރުކޭޓްގެ ބޭނުން ހެޔޮގޮތުގައި ހިފައި ބަނދަރުގެ އެކި ސަރަހައްދުތަކުގައި ކުރިން މަސްކަނޑަމުން ދިޔަ ދިޔުން ހުއްޓާލައި މަސްމާރުކޭޓްގައި މަސްކެނޑުމަށް ރައްޔިތުންނަށް ކައުންސިލުން ވާނީ އިލްތިމާސްކުރެވިފައެވެ.
ނަމަވެސް ކައުންސިލްގެ މި އެންގުމާ ޚިލާފަށް އަދިވެސް ބައެއް ފަރާތްތަކުން ބަނދަރުގެ އެކި ސަރަހައްދުތަކުގައި މަސްކަނޑާކަން ވަނީ ފާހަގަކުރެވިފައެވެ. ބަނދަރު ސާފުތާހިރުކޮށް ރީތިކޮށް ބެލެހެއްޓުމަށް ކައުންސިލުން އަންގާފައިވާ ގޮތަށް މަސްމާރުކޭޓްގެ ބޭނުންހިފައި މިކަމުގައި ރައްޔިތުންގެ އެއްބާރުލެއްވުން ދިނުމަކީ މިކައުންސިލްގެ ވަރަށް ބޮޑު އެދުމެކެވެ. މި ފުރުސަތުގައި ކައުންސިލްގެ މިފަދަ އެންގުންތަކަށް ރައްޔިތުންގެ ފަރާތުން ލިބޭ އެއްބާރުލެއްވުމަށް ޝުކުރު ދަންނަވަމެވެ.
ވީމާ މަސްމާރުކޭޓްފިޔާވާ ބަނދަރުގެ އެއްވެސް ސަރަހައްދެއްގައި މަސްކެނޑުމާއި އަދި ބަނދަރަށް ބާލައިގެން މަސްވިއްކުމުގެ އެއްވެސް ކަމެއްކުރުމަކީ މަނާކަމެއްކަމުގައި ޢާއްމުކޮށް އަންގާ އިޢުލާނުކުރީމެވެ.