ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)1-PAO/1/2026/1
ޕަބްލިޝްކުރި ތާރީޚް: 05 ޖަނަވަރީ 2026
ޕަބްލިޝްކުރި ގަޑި: 14:21
ސުންގަޑި: 15 ޖަނަވަރީ 2026 12:00
ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
ދިވެހިރާއްޖެ
ޒަކާތު ކައުންސިލްގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލުން

އިޢުލާނު

ޒަކާތު ކައުންސިލްގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލުން

ޤާނޫނު ނަންބަރު 27/2025 (ޒަކާތުގެ ޤާނޫނު) ގެ 6 ވަނަ މާއްދާގެ (ހ) ގެ ދަށުން އުފައްދާފައިވާ "ޒަކާތު ކައުންސިލް" އަށް، އެ މާއްދާގެ (ށ) ގެ 8 ވަނަ ނަންބަރުގެ ދަށުން ސަރުކާރުގެ އިދާރާއެއްގައި މަސައްކަތްކުރާ ފަރާތެއް ކަމުގައިނުވާ ޒަކާތުގެ މާހިރުންގެ ތެރެއިން 2 (ދޭއް) މެންބަރުން

އެ ކައުންސިލަށް ޢައްޔަންކުރެއްވުމަށްޓަކައި، މެންބަރުކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުޞަތު، މިއަދުން ފެށިގެން 2026 ޖަނަވަރީ 15 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ނިޔަލަށް ހުޅުވާލައި، އެކަން އިޢުލާނުކުރަމެވެ.

ޤާނޫނު ނަންބަރު 27/2025 (ޒަކާތުގެ ޤާނޫނު) ގެ 7 ވަނަ މާއްދާގައި، ކައުންސިލްގެ މެންބަރުކަމަށް ޢައްޔަންކުރާ މީހުންގެ ކިބައިގައި، ތިރީގައިވާ ސިފަތައް ހުންނަންވާނެކަމަށް ބަޔާންކޮށްފައިވެއެވެ.

(ހ) އިސްލާމީ ޝަރީޢާގެ ކަމާގުޅޭ ދާއިރާއަކުން ނުވަތަ މެކްރޯއިކޮނޮމިކްސް ނުވަތަ ފިސްކަލް އެންޑް އިންވެސްޓްމަންޓް މެނޭޖްމަންޓްގެ ދާއިރާއަކުން ނުވަތަ ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއަކުން އެކަށީގެންވާ ތަޢުލީމު ޙާޞިލުކޮށްފައިވާ މީހަކު ކަމުގައިވުން؛

(ށ) ކަމާ ގުޅުންހުރި ދާއިރާއެއްގައި މަދުވެގެން 5 (ފަހެއް) އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވާ މީހަކު ކަމުގައިވުން.

ވީމާ، ޒަކާތު ކައުންސިލްގެ މެންބަރުކަމަށް ކުރިމަތިލުމަށްއެދޭ ފަރާތްތަކުން، އަންނަނިވި ލިޔުންތަކާއެކު ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ހުށަހެޅުއްވުން އެދެމެވެ.

1. މެންބަރުކަމަށް ކުރިމަތިލުމަށް އެދޭ ފޯމު.

2. މެންބަރުކަމަށް ކުރިމަތިލުމަށް އެދޭ މީހާގެ އިޤްރާރު.

3. ފުރިހަމަކޮށްފައިވާ ކުށާއި ދަރަނީގެ ރިކޯޑު ފޯމު (އިޢުލާން ކުރި ތާރީޚަށްވުރެ ފަހުން ދޫކޮށްފައިވާ ރިކޯޑުތަކަށްވުން).

4. ކުރިމަތިލާ ފަރާތުގެ ވަނަވަރު (ސީ.ވީ.)

5. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

6. ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެ ވަޒީފާ އަދާކޮށްފައިވާ ތަންތަނާއި، އަދާކުރި ވަޒީފާތައް އެނގޭނެ ގޮތަށް، އަދި އެ ވަޒީފާތައް އަދާކުރި މުއްދަތާއި، އެ ވަޒީފާތަކުގެ މައިގަނޑު މަސްއޫލިއްޔަތުތައް ބަޔާންކޮށްފައިވާ ލިޔުންތަކުގެ ފޮޓޯކޮޕީ.

ޒަކާތު ކައުންސިލްގެ މެންބަރުކަމަށް ކުރިމަތިލުމަށް އެދޭ ފޯމާއި، އިޤްރާރާއި، ކުށާއި ދަރަނީގެ ރިކޯޑު ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ، މިކަމަށް ކުރިމަތިލުމަށް ދީފައިވާ މުއްދަތުގައި، ރަސްމީ ބަންދު ދުވަސްތައް ފިޔަވައި، އެހެން ދުވަސްދުވަހުގެ ހެނދުނު 08:30 އިން މެންދުރު 12:00 އަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންނެވެ. އަދި މި ފޯމުތަކާއި އިޤްރާރު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ. ވެބްސައިޓުގެ އެޑްރެހަކީ presidency.gov.mv އެވެ.

05 ޖަނަވަރީ 2026