ނޫސްބަޔާން
ނަންބަރު: (PR)203-AS/1/2025/9
ޕަބްލިޝްކުރި ތާރީޚް: 22 ޑިސެންބަރު 2025
ޕަބްލިޝްކުރި ގަޑި: 13:50
ސުންގަޑި: 05 ޖަނަވަރީ 2026 00:00
އެންވަޔަރަންމަންޓަލް ރެގިއުލޭޓަރީ އޮތޯރިޓީ
ދިވެހިރާއްޖެ
އިރުވައި މޫސުމުގައި ދިވެހިރާއްޖޭގެ ސަރަޙައްދަށް ހިޖުރަކުރާ ހިމާޔަތްކޮށްފައިވާ ދޫނިތަކާއި ގުޅޭ

އެނގިވަޑައިގަންނަވާނޭ ފަދައިން އިރުވައި މޫސުމަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުން ގިނަ ބާވަތްތަކުގެ މޫސުމީ ދޫނި ރާއްޖެއަށް ހިޖުރަކުރަމުން އަންނަ ދުވަސްވަރެކެވެ. މިގޮތަށް ހިޖުރަކުރާ ދޫންޏަކީ ޤާނޫނު ނަންބަރު: 93/4 (ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނު) ގެ ދަށުން ހެދިފައިވާ ނަންބަރު: 2021/R-25 (ޤުދުރަތީ ގޮތުގައި ނުވަތަ ޠަބީޢީ ގޮތުގައި ޙިމާޔަތްކޮށް ރައްކައުތެރިކުރާ ދިރޭ ތަކެއްޗާބެހޭ ގަވާއިދު) ގެ ދަށުން ހިމާޔަތްކުރެވިފައިވާ ދިރުންތަކެކެވެ. މިފަދަ ދޫނި ހިފާ އެތަކެތި ގެންގުޅުމަކީ މި ގަވާއިދުގެ 17 ވަނަ މާއްދާގެ ދަށުން މަނާ ކުރެވިފައިވާ ކަމެކެވެ.

ދިވެހިރާއްޖެއިން ފެންނަ ގިނަ ބާވަތްތަކުގެ ދޫންޏަކީ މިގޮތަށް މޫސުމާ ގުޅިގެން ރާއްޖެއަށް ހިޖުރަކުރާ ބާވަތްތައް ކަމުގައިވާއިރު، މިފަދަ ދިރުންތައް ރައްކާތެރިކުރުމަކީ ރާއްޖޭގެ ދޫނިސޫފާސޫފީގެ ސިންދަފާތާއި ވެށީގެ މުއްސަނދިކަން ރައްކާތެރިރުމަށް އެޅިގެންދާ މުހިއްމު ފިޔަވަޅެކެވެ. އެހެންނަމަވެސް ކޮންމެ އަހަރަކު މިދުވަސްވަރާ ދިމާކޮށް ހިޖުރަކުރާ ގިނަ ބާވަތްތަކެއްގެ ދޫނި މަޅިފަތިޖަހާ ހިފާ، ފިޔަކޮށާ އަދި ކޮށިތަކުގައި ބަންދުކޮށް ގެންގުޅޭކަމަށާއި މިފަދަ ދޫނި ވިޔަފާރި ކުރުމަށާއި އޮޅުދޫނި ގޮތުގައި ހިފާ ގެންގުޅޭކަން މި އޮތޮރިޓީއަށް ވަނީ ފާހަގަކުރެވިފައެވެ. މި ދޫނިތަކަކީ އެހެން ޤައުމުތަކުން ރާއްޖެއަށް އަންނަ ދޫނިތަކަށްވުމުން މި ދޫނިތައް ހިފާގެންގުޅުމުގެ ސަބަބުން ދިވެހިރާއްޖެ ބައިވެރިވެފައިވާ ތަފާތު ބައިނަލްއަޤްވާމީ މުއާހަދާތަކާވެސް ޚިލާފުވެއެވެ. އެގޮތުން ކޮންވެންޝަން އޮން މައިގްރޭޓަރީ ސްޕީޝީޒް "Convention on Migratory Species" ގެ ދަށުން މިފަދަ ހިޖުރަކުރާ ދޫނިތަކަށް ރައްކާތެރިކަން ފޯރުކޮށްދިނުމަކީ ދިވެހިރާއްޖޭގެ ޒިންމާއެކެވެ.

ވީމާ މިފަދަ އަމަލުތައް ކުރާ ފަރާތްތަކަށް މިކަންކަމުން ދުރުހުހެލިވުމަށާއި، ހިފާފައިވާ ދޫނިތަށް ދޫކޮށްލުމަށް މިއޮތޯރިޓީއިން އަންގަމެވެ. ދިވެހިރާއްޖޭގައި ދިރޭތަކެތީގެ ސިންދަފާތު ރައްކައުތެރި ކުރުމަށް ހެދިފައިވާ ޤާނޫނާއި ގަވާއިދުތަކަށް ހުރިހާ ފަރާތްތަކުން އަމަލުކުރުމަށް މި އޮތޯރިޓީއިން ބާރުއަޅަމެވެ. އަދި ގަވާއިދާ ޚިލާފަށް މި ފަދަ ދޫނިތައް ހިފާ ގެންގުޅޭ އަދި މި ދޫނިތައް ގަނެވިއްކާ، އެތަކެތީގެ ވިޔަފާރިކުރަމުންދާ ފަރާތްތަކާމެދު އިސްވެ ދެންނެވުނު ނަންބަރު: 2021/R-25 (ޤުދުރަތީ ގޮތުގައި ނުވަތަ ޠަބީޢީ ގޮތުގައި ޙިމާޔަތްކޮށް ރައްކައުތެރިކުރާ ދިރޭ ތަކެއްޗާބެހޭ ގަވާއިދު) ގެ  ދަށުން ޖޫރިމަނާ ކުރެވޭނެކަން ދެންނެވީމެވެ. އަދި މިފަދަ ފަރާތްތަކުގެ މަޢުލޫމާތު އެނގިލައްވާނަމަ ލަސްނުކޮށް މި އޮތޯރިޓީއަށް (ހޮޓްލައިން: 7980379 ނުވަތަ އީމެލް:[email protected]) އެ މައުލޫމާތު ޙިއްސާކުރުމަށް ދަންނަވަމެވެ. މިގޮތުން އެފަދަ ފަރާތްތަކުގެ މަޢުލޫމާތާއި ޝަކުވާތައް ހުށައަޅާއިރުގައި މައްސަލައާ ގުޅުންހުރި ވީހާވެސް ގިނަ މައުލޫމާތު ހިމެނުމަށާއި ވަކިން ޚާއްސަކޮށް ތިރީގައި ބަޔާންކޮށްފައިވާ މައުލޫމާތު ހިމެނުމަށް ސަމާލުކަން ދިނުމަށް ދަންނަވަމެވެ.

  1. ދޫނި ގެންގުޅޭ ނުވަތަ ހިފާ ފަރާތް/ފަރާތްތައް
  2. ދުނިތައް ހިފާ ގެންގުޅޭތަން (ގޭގެނަން، ރަށް، އަތޮޅު)
  3. ހިފާފައިވާ ދޫނީގެ ބާވަތް / ބާވަތްތައް
  4. މައްސަލާއި ގުޅުންހުރި ފޮޓޯ އަދި ވިޑިއޯ

ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނާއި މި ޤާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދުތަކާއި ހިމާޔަތްކޮށްފައިވާ ދިރުންތަކާއި ގުޅޭގޮތުން މި އޮތޯރިޓީއިން އަންގާ އެންގުންތަކާއި، ޤާނޫނާއި ގަވާއިދުތައް ތަންފީޒުކުރުމަށް ހުރިހާ ފަރާތްތަކުގެ އެއްބާރުލުންދިނުމަށް އެދެމެވެ. އަދި، މި މަސައްކަތުގައި މިހާރުވެސް އެކި ފަރާތްތަކުން ދެއްވާ އެހީތެރިކަމާއި އެއްބާރުލުން ފާހަގަކޮށް އެ ފަރާތްތަކަށް ޝުކުރުދަންނަވަމެވެ

"ދިވެހިރާއްޖޭގައި ހިމާޔަތްކުރެވިފައިވާ ދޫނީގެ ބާވަތްތައް ބަލަހައްޓައި އޭގެ މާހައުލަށް ރައްކާތެރިކަން ދިނުމަށް ބޭނުން ކުރާ އަސާސީ އުޞޫލުތަކާއި މިންގަނޑުތައް" އަދި "ދިވެހިރާއްޖޭގައި އާލާވާ ދޫނި އަދި ހިޖުރަކުރާ ދޫނީގެ ހާލަތު 2025" ރިޕޯޓް މި އޮތޯރިޓީގެ ވެބްސައިޓްގައި (https://www.era.gov.mv) ޝާއިޢުކުރެވިފައިވާނެ ވާހަކަ ދަންނަވަމެވެ.  

22 ޑިސެންބަރު 2025