ނޫސްބަޔާން
ނަންބަރު: (PR)252/252/2025/01
ޕަބްލިޝްކުރި ތާރީޚް: 21 ނޮވެންބަރު 2025
ޕަބްލިޝްކުރި ގަޑި: 15:25
ތިލަދުންމަތީ އުތުރުބުރީ ފިއްލަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އޮޑިޓަރ ޖެނެރަލް އޮފީހުގެ ނަމްބަރ: COM-2025-140(D) ރިޕޯޓާއި ގުޅިގެން ކައުންސިލުން ނެރޭ ނޫސް ބަޔާން

ބަޔާން

އޮޑިޓަރ ޖެނެރަލް އޮފީހުގެ ނަމްބަރ: COM-2025-140(D) ރިޕޯޓުން އާއްމުކޮށްފައިވާ، ހއ.ފިއްލަދޫ ކައުންސިލްގެ 2024 ވަނަ އަހަރުގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓަކީ، އޮޑިޓްކުރުމުގައި ހަރަކާތްތެރިވި އޮޑިޓަރުންގެ އަމިއްލަ ނަޒަރިއްޔާތާއި ވިސްނުމާއި ލަފާކުރުމުގެ މައްޗަށް ބިނާކޮށް، މިކައުންސިލުންދީފައިވާ މަޢުލޫމާތާއި ކޮށްފާއިވާ ކޮމެންޓްތަކާއި މިކައުންސިލުން އާއްމުކޮށްފައިވާ އުޞޫލަށް ރިޢާޔަތްނުކޮށް ނެރެފައިވާ ރިޕޯޓެއްކަމުގައި ފާހަގަކުރަމެވެ. މިރިޕޯޓްގައި ސިނާއީ ބޭނުންތަކަށާއި ޓްއަރިޒަމްގެ ބޭނުމަށް ދޫކޮށްފައިވާ ބިންތަކާއި ގުޅިގެން ފާހަގަކޮށްފައިވާ ކަންކަމާ ގުޅޭގޮތުން މިކައުންސިލުންދެކޭ ގޮތް އާއްމުކުރަމެވެ.

ހ) ބިންތައް ދޫކުރުމުގެ ކުރިން އެތަނަށް ބޭނުންވާ އަސާސީ ޙިދުމަތްތައް ފޯރުކޮށްދެވޭނެ އިންތިޒާމް ހަމަޖެއްސުމަށް ކުރެވިފައިވާ މަސައްކަތްތައް

ސިނާއީ ބޭނުންތަކަށް ބަނދަރު ސަރަހައްދުން ބިންދޫކުރެވުނުއިރު، ބަނދަރު ސަރަހައްދުގައި ކަރަންޓް ލިބޭނެގޮތަށް ފެނަކައިން ކަރަންޓް ނެޓްވޯރކް އަޅާފައިވާކަން ފާހަގަކުރަމެވެ. މިރަށުގައި ފެނާއި ނަރުދަމާއާއި ކަރަންޓްގެ ޙިދުމަތް ދެމުންއަންނަނީ ފެނަކައިންނެވެ. ބަނދަރު ސަރަހައްދުގެ ކަރަންޓް ނެޓްވޯރކް ވަރުގަދަކުރުމަށް މިކައުންސިލާ ފެނަކައާދެމެދު އެކިފަހަރު މަތިން މަޝްވަރާކޮށް ލިޔެކިޔުންތައް ބަދަލުކުރެވިފައިވާނެއެވެ.

އަދި ދޫކުރުވިފައިވާ ބިންތަކުގައި އިމާރާތްކޮށް އެކަމަށް އޮންނަ އުޞޫލުން ކަރަންޓުގެ ޚިދުމަތަށް އެދުމުން ފެނަކައިން އެހިދުމަތް ވަރުގަދަކުރުމާއި އެކު ފޯރުކޮށްދެވޭނެ ކަމަށް މިކައުންސިލުން ދެކެމެވެ. އަދިހަމަ ރަށުގެ ތަރައްޤީ ވަމުން އަންނަ ސަރަހައްދުތަކަށް ބޭނުންވާ ކަރަންޓުގެ ޚިދުމަތް ދިނުމަށް ފެނަކައިން މިހާރުވެސް ނެޓްވޯކް އަޕްގްރޭޑް ކުރަމުންގެދާކަން ފާހަގަކުރަމެވެ. ވީމާ އޮޑިޓް ރިޕޯޓްގައި ފާހަގަ ކޮށްފައިވާ އެކަށީގެންވާ ސްޕީޑެއްގައި ޚިދުމަތް ފުޅާވެގެން ނުދިއުމަކީ މިކައުންސިލުންވެސް ކަންބޮޑުވާ އަދި ހައްލެއް ލިބޭތޯ މަސައްކަތް ކުރަމުންއަންނަ ކަމެކެވެ.

ހއ.ފިއްލަދޫ ޓްއަރިޒަމް ޒޯނުގެ ފެނާއި ނަރުދަމާއާއި ކަރަންޓްގެ ޙިދުމަތް ޤާޢިމްކުރުމަށް، ޓްއަރިޒަމް ޒޯނުގެ އެއްބަސްވުންތަކުގައި ސޮއިކުރެވުނު ތާރީޙުން ފެށިގެންމިކައުންސިލުން މަސައްކަތްތަކެއް ކުރެވި އަދި މިހާރުވެސް ކުރަމުންދާކަން ފާހަގަކުރަމެވެ. އެގޮތުން މިޙިދުމަތް ފޯރުކޮށްދިނުމަށްޓަކައި ފެނަކައިގެ އެމް.ޑީއާއެކު ސީނިއަރ މެނޭޖްމަންޓް ލެވަލްގައި އެކިފަހަރުމަތިން މަޝްވަރާކުރެވިފައިވެއެވެ. އަދި މީގެއިތުރުން، ދިވެހިރާއްޖޭގެ އިއްޒަތްތެރި ރަޢީސުލްޖުމްޚޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު މިރަށަށް ކުރެވި ރަސްމީ ދަތުރުފުޅުގައި، މިކައުންސިލުން ތަރައްޤީކުރަމުންދާ ޓްއަރިޒަމް ޒޯނަށް ބޭނުންވާ ފެނާއި ނަރުދަމާއާއި ކަރަންޓްގެ ޙިދުމަތް ފޯރުކޮށްދެއްވާނެކަމަށް އެމަނިކުފާނު ވިދާޅުވެފައިވަނިކޮށް މިއިން އެއްވެސް ކަމަކަށް ނުބައްލަވައި ކައުންސިލުން އަސާސީ ޙިދުމަތް ފޯރުކޮށްދިނުމަށް އެއްވެސް މަސައްކަތެއްނުކުރާ ކަމަށް ދޭހަވާގޮތަށް މިރިޕޯޓްގައި ލިޔުއްވާއިއޮތް އޮތުން މިކައުންސިލުން ބަލައިނުގަންނަ ކަމުގައި ދަންނަވަމެވެ.

ޓްއަރިޒަމް ޒޯނުގައި އަމަލީ މަސައްކަތް ފަށާފައިވަނީ ހަމައެކަނި އެންމެ ފަރާތަކުންކަމަށް އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައިވާއިރު، އެއްބަސްވުންތަކުގައި ސޮއިކުރެވު ތާރީޚުން ފެށިގެން އޮޑިޓް ރިޕޯޓް ތައްޔާރުކުރުމާ ދެމެދު ހިނގި ކުރުމުއްދަތުގެ ތެރޭގައި، އެކިފަރާތްތަކުން ބިންތައް ސާފުކޮށް ބިމުގެ އިންވަކިކޮށް އެތަންތަނުގެ ކުރެހުން ސެޓް ފާސްކުރުމަށް ކައުންސިލަށް ހުށަހަޅާ ކައުންސިލުން އެތައްކުރެހުމެއް ފާސްކޮށްދެވިފައިވާކަން ފާހަގަކުރަމަވެ. އަދި ހަމައެހެންމެ ތަނެއްގައި އިމާރާތެއް ކުރުމަށް ފަންނީގޮތުން ކުރަންޖެހޭ އެތައްބައިވަރު މަސައްކަތް ކުރުމަށާއި ކުރެހުންތައް ފާސްކުރަންޖެހުމާއި ހުއްދަތައް ނެގުމަށް މިކަންކަމަށް ވެސް ތިން މަސްދުވަހާއި ހަމަސް ދުވަހުގެ މުއްދަތެއް ދާނެކަމަށް ވާތީ މިހާރުވެސް ޓްވަރިޒަމް ޒޯންގައި މަސައްކަތްތައް ކުރިއަށް ގޮސްފައިވަނީ އެކަށީގެންވާ ސްޕީޑެއްގައިކައިން ފާހަގަ ކުރަމެވެ. މިގޮތުން 15 އަށް ވުރެ ގިނަ ބިމުގައި އިމާރާތްކުރާ ކުރެހުން ފާސްކުރަން ހުށަހަޅާފައިވުމާއި، ފާސްކުރެވިފައިވާ ކުރެހުންތަކާއިއެކު 10 ބިމަށްވުރެ ގިނަ ބިންތަކުގައި ތަން ސާފުކޮށް އަމަލީ މަސައްކަތްތައް ފެށިގެންދާކަން ފާހަގަކުރަމެވެ.

ށ) ބިން ލިބިފައިވާ ބައެއް ފަރާތްތަކުން ބިން އެހެން ފަރާތްތަކަށް ވިއްކާލާފައިވާ ކަމަށްބުނާ ބުނުން

ޓްއަރިޒަމް ޒޯނުގެ ބިންތަކަކީ ކުއްޔަށް ދޫކުރަން ހުޅުވާލި ބިންތަކަކަށްވާއިރު އެބިންތަކަކީ އެއްވެސް ފަރާތަކަށް މިލްކުވެގެންދާނެ ހަރުމުދަލެއް ނޫންކަން ފާހަގަކުރަމެވެ. ޤާނޫނީ ގޮތުން ގަނެވިއްކުމުގެ މުޢާމަލާތެއް ކުރެވޭނީ، އެމީހެއްގެ މިލްކުގައިވާ އަމިއްލަ މުދަލުގެ މައްޗަށެވެ. ޓްއަރޒިމް ޒޯނުން އެއްވެސް ބިމެއް އެއްވެސް ފަރާތަކަށް ވިއްކުމުގެ ފުރުޞަތު މިކައުންސިލުން ދީފައިނުވާނެކަން ފާހަގަކުރަމެވެ. އަދި މިކައުންސިލުންވެސް އެއްވެސް ބިމެއް ވިއްކާފައެއް ނުވާނެއެވެ.

ޓްއަރިޒަމް ޒޯނުގެ އެއްބަސްވުމުގެ ދަށުން އެބިން ލިބިފައިވާ ފަރާތަށް އެބިމުގެ ހެޑްލީސް ބަދަލުކުރުމުގެ ފުރުޞަތު ދެވިފައިވާނެއެވެ. މިއީ ކަމާގުޅޭ ޤާނޫނީ އިމުގެ ތެރެއިން ދެވިފައިވާ އިޚްތިޔާރެކެވެ. މިފަދަ ކަންކަމަށް ބަލާއިރު، ބަންޑާރަގޯތި ކުއްޔަކާނުލާ ދޫކުރެވޭއިރު، އެގޯތި އަމިއްލަކުރުމަށްފަހު އެހެން ފަރާތަކަށް ވިއްކާލުމަކީ ޤާނޫނީ ހުދޫދޫގެ ތެރެއިން ކުރެވޭކަމެކެވެ. ޓްއަރިޒަމް ޒޯނުގެ އެއްބަސްވުމުގެ ދަށުން ލީސް ޓްރާންސްފަރ ކުރެވުނު ބިންތަކަކީ އެއްބަސްވުމުގެ މުއްދަތު ހަމަވުމުން ކައުންސިލްގެ މިލްކެކެވެ. ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއިގައި ރިޒޯޓްތައް ތަރައްޤީކުރުމުގައިވެސް ލީސް ޓްރާންސްފަރ ކުރުމުގެ ފުރުޞަތު ދެވެއެވެ. ހެޑްލީސް ނުވަތަ ސަބްލީސްކޮށްގެން ނުވަތަ މެނޭޖްމަންޓްލީސްގެ ދަށުން ހިންގާ ރިސޯޓްތައް ވަރަށް ގިނައެވެ.

މިހެންމިކަން އޮތުމާއި ހެދިފައިވާ އެޤްރީމެންޓްތަކުގައި ލީސް ޓްރާންސްފާރ ފީގެ އަދަދު އޮޑިޓަށް ލިޔެކިއުމުން ފެންނަން އޮތްއިރު، އެއަދަދަށްވުރެ ބޮޑު ފައިދާއެއް ލީސް ޓްރާންސްފަރ ފީގެ ގޮތުގައި ނަގާފައިވާނެކަމަށް ބެލެވޭ ކަމަށް އޮޑިޓް ރިޕޯޓްގައި އޮތްއޮތުމަކީ އެއްވެސް ހެއްކެއް އެކަމުގެ މައްޗަށް ފެންނަންނެތް ވަރަށް ޒިންމާދާރު ކަން ކުޑަ ގޮތެއްގައި ލިޔުއްވާފައިވާ ކަމެއްކަމަށް ދެކެމެވެ.

ނ) ކުލި މާޢާފްކުރެވޭ މުއްދަތު އިތުރުކުރުމުން ގެއްލުން ލިބިފައިވާކަމަށް ބުނާ ބުނުން

ކޮންސްޓްރެކްޝަން ޕީރިއަޑްފަދަ މަސައްކަތް ފެށުމަށްދެވޭ ކުލި މާއާފް ކުރެވޭ މުއްދަތާއި ގްރޭސް ޕީރިއަޑުގައި ދެވޭ މުއްދަތަކީ ދުވަހާއި މަހާއި އަހަރުން ގުނަކޮށް ލިބޭ ގެއްލުމެއްކަމަށް އޮޑިޓް ރިޕޯޓްގައި ބޮޑެތި އަދަދުތައް ޖަހާފައިވާއިރު ދިވެހި ދައުލަތުގެ ފަރާތުން އެކި އެކި ސަރުކާރުތަކުން ، މިހާތަނަށް ބޮޑެތި ވިޔަފާރިތަކަށް ދެއްވާ ގްރޭސް ޕީރިއަޑް ތަކަކީ ދައުލަތަށް ލިބޭ ގެއްލުމެއްގެ ގޮތުގައި ކަލްކިއުލޭޓް ކޮށްފައެއް ނުވެއެވެ. ވުމާއެކު އުޞޫލް މާނަކުރުމާއި ހިސާބު ހެދުމުގައި ރިޕޯޓް އެކުލަވާލުމުގައި އަތޮޅު ސަރަހައްދުގައި މިފަދަ ޕްރޮޖެކްޓްތަކާއި، މި ސިނާޔަށް ތަރައްޤީވަމުން އަންނަ މިންވަރާއި ތަރައްޤީ ކުރުމަށް ހުރި ފުރުސަތުތަކާއި ހުރި ގޮންޖެހުންތަކަށް ކުޑަކޮށްވެސް ރިޕޯޓްގައި ރިއާޔަށް ކޮށްފައި ނުވާކަން ފާހަގަކުރަމެވެ.

ކުލި މާއާފް ކުރުމާއި ދިމާވާ ކަންކަމަށް ލުއިދިނުން ފަދަކަންކަން މިކައުންސިލުން ނިންމާފައިވާނީ މިދާއިރާގެ ފަންނީ ތަޖުރިބާ ކާރުންނާއި މިފަދަ ބޮޑެތި ޕްރޮޖެޓްތަކަށް އިންވެސްޓް ކޮށްފައިވާ ތަޖުރިބާކާރު ފަރާތްތަކުގެ ލަފަޔާއި އިރުޝާދުގެ ދަށުންނެވެ.

ރ) އަހަރުން އަހަރަށް ކުލި ބޮޑުވާގޮތަށް އިވެލުއޭޓްކުރުމުގައި ޖުމްލަ އާމްދަނީއަށް ބަލައިގެން މާރކްސް ނުދިނުމުގެ ސަބަބުން ގެއްލުންލިބޭ ކަމަށް ފާހަގަކޮށްފައިވުން.

ހއ.ފިއްލަދޫ ޓްއަރިޒަމް ޒޯނުން ބިން ދޫކުރުމުގެ އުޞޫލްގެ 7 (ހ) ގައި، ކުލީގެ ގޮތުގައި އެންމެ ކުޑަކޮށް އަކަފޫޓަކަށް ހުށަހެޅޭނީ އެކަޓެގަރީއެއްގެ ޒޯނުތަކުގެ ބިންތަކަށް މީލާދީ ގޮތުން މަހެއްގެ މައްޗަށް ޖެހޭ އަދަދެވެ. އަދި ޕްރޮޕޯޒަލް ހުށަހަޅާ ފޯމްގެ 4.3 ގައި އަގު (އަކަފޫޓަށްޖެހޭރުފިޔާގެ އަދަދު) ލިޔަން އޮތުމުން، އަގު ހުށަހަޅަންޖެހޭނީ މަހެއްގެ މައްޗަށް އަކަ ފޫޓަކަށް ހުށަހަޅާ އަގުކަމަށް ވަރަށް ސާފުކޮށް ދޭހަވެއެވެ. އަދި މިއުޞޫލްގެ 7 (ނ) ގެދަށުން، ކޮންމެ މީލާދީ 10 އަހަރަކުން އެއްފަހަރު ކުލި ރިވައިސްކޮށް ކުއްޔަށް ބަދަލު ގެނައުމުގެ އިޚްތިޔާރު ދީފައިވަނީ ހަމައެކަނި ފިއްލަދޫ ކައުންސިލަށެވެ.

ޓްއަރިޒަމަށް ހުޅުވާލި 99 ބިމަށް ހުށަހެޅި 600 އަށްވުރެން ގިނަ ބިޑްތައް އިވެލުއޭޓްކޮށް ބިންތައް ލިބުނު ފަރާތްތަކާއި ނުލިބޭ ފަރާތްތަކުންވެސް އިވެލުއޭޓްކުރުމުގެ އުޞޫލާ ހިލާފާށް އެއްވެސް ކަމެއް ކޮށްފައިވާކަމުގެ ޝަކުވާއެއް މިހާތަނަށް މިކައުންސިލަށް ހުށަހަޅާފައިނުވެއެވެ. މި 600 އަށްވުރެން ގިނަ ބިޑްތަކުގެ ތެރެއިން، އަހަރުން އަހަރަށް ކުލި އިތުރުވާގޮތަށް ޕްރޮޕޯޒަލް ހުށަހަޅާފައިވަނީ ހަމައެކަނި 02 ފަރާތަކުން ކަމަށާއި، މިދެފަރާތުންވެސް އިވެލުއޭޝަން މަރުޙާލާއާ ގުޅިގެން އެއްވެސް ޝަކުވާއެއްކޮށް ކައުންސިލަށް ހުށަހަޅާފައިނުވާކަން ފާހަގަކުރަމެވެ. އެހެންކަމުން، އުޞޫލްގައި އޮތްގޮތް ހުރިހާ ފަރާތްތަކަށްވެސް ފަހުމުވެފައިވާކަން ފާހަގަވާކަމަށާއި، އޮޑިޓް ރިޕޯޓްގައި އުޞޫލްމާނަކޮށްފައިވަނީ މުޅިން އެހެން ގޮތަކަށްކަން ޤަބޫލްކުރެވެއެވެ.

އާއްމު ގޮތެއްގައި، ރިސޯޓްތަކާއި ފަޅުތަކާއި ޓްއަރިސްޓް ހޮޓާ ހިންގުމަށް ބިން ނެގުމަށް ބިޑް ކުރުމުގެ މަރުޙަލާގައި، ފަހުގެ މުއްދަތެއްގައި  ބޮޑު ކުއްޔެއް ދޭގޮތަށް ބިޑް ހުށަހަޅަނީ އެބިޑް ކާމިޔާބުކޮށް ބޮޑު ކުލި ދެއްކުމުގެ ކުރިން ބިން ދޫކޮށްލުމުގެ ބޭނުމުގައިކަން ފާހަގަ ކުރެވެއެވެ. މިގޮތަށް އަގު ހުށަހަޅައިގެން ފުރަތަމަ އަހަރު ތެރޭ ނުލިބޭނެ ކުއްޔަކަށް ނުވަތަ އެންމެ ފަހު އަހަރު ތަކުގައި ލިބޭނެކަމަށް ހުށަހަޅާ އެވްރެޖް ކުއްޔަކަށް ބަލައިގެން މާރކްސް ދިނުމަކީ ނުލިބޭނެ ކުއްޔެއްގެ މައްޗަށް ބުރަވެ އެފަރާތަށްދެވޭ ނާޖާއިޒް ފާއިދާއެއް ކަމުގައި މިކައުންސިލުން ދެކެމެވެ. އަދި ބިޑް ހުށަހެޅި ގިނަ ފަރާތްތަކަށް ކުރެވޭ ބޭއިންސާފެއްކަންވެސް ޤަބޫލުކުރަމެވެ. އެހެންކަމުން ޓްއަރިޒމް ޒޯނުން ބިން ދޫކުރުމުގެ އުޞޫލުން މިފުރުޞަތު އެއްވެސް ފަރާތަކަށް ދެވިފައިނުވާކަން ފާހަގަ ކުރަމެވެ. އަދި ޓައިމް ވެލިޔު އޮފް މަނީއަށް ރިޢާޔަތްކޮށް ކުރު މުއްދަތެއްގައި ގިނަ އާމްދަނީ ލިބޭނެ ގޮތަށް ކައުންސިލުން ބަލާފައިވާނެ ކަމުގައި ފާހަގަ ކުރަމެވެ.

މިސާލު: (އޮޓިޑް ރިޕޯޓުން ފާހަގަކޮށްފައިވާ BP10 ބިމުން ކުރިއަށްއޮތް 10 އަހަރު ލިބޭނެކަމަށް ބެލެވޭ އާމްދަނީ މިކައުންސިލުން އިވެލުއޭޓް ކުރެވިފައިވާ ގޮތަށް ބަލާއިރު)

ކައުންސިލުން އިވެލުއޭޓްކުރި ގޮތަށް ކުރުމުން އާމްދަނީ އިތުރު

ޕްލޮޓް

ބޮޑުމިން

ކުލިނަގާ މުއްދަތު (މަސް)

މަހުކުލި

ޖުމްލަ އާމްދަނީ

BP10

7067 އަކަފޫޓް

117

1.75 ރުފިޔާ

1،446،968.2ރ

 

އޮޑިޓް އޮފީހުން އިވެލުއޭޓްކުރުމަށް ބުނާގޮތަށް ކުރުމުން އާމްދަނީ މަދު

ޕްލޮޓް

ބޮޑުމިން

ކުލިނަގާ މުއްދަތު (މަސް)

މަހުކުލި

ޖުމްލަ އާމްދަނީ

BP10

7067 އަކަފޫޓް

117

  ފުރަތަމަ 7 އަހަރު / 1 ރުފިޔާ

826،839.00ރ

ޖެހިގެން އަންނަ 3 އަހަރު / 2 ރުފިޔާ

508،824.00ރ

ޖުމްލަ

1،335،663.00ރ

 

 

 

 

 

 

 

މިސާލު: (އޮޓިޑް ރިޕޯޓުން ފާހަގަކޮށްފައިވާ BP31 ބިމުން ކުރިއަށްއޮތް 20 އަހަރު ލިބޭނެކަމަށް ބެލެވޭ އާމްދަނީ މިކައުންސިލުން އިވެލުއޭޓް ކުރެވިފައިވާ ގޮތަށް ބަލާއިރު)

ކައުންސިލުން އިވެލުއޭޓްކުރި ގޮތަށް ކުރުމުން އާމްދަނީ އިތުރު

ޕްލޮޓް

ބޮޑުމިން

ކުލިނަގާ މުއްދަތު (މަސް)

މަހުކުލި

ޖުމްލަ އާމްދަނީ

BP31

17850 އަކަފޫޓް

237

1.44 ރުފިޔާ

6,091,848.00ރ

 

އޮޑިޓް އޮފީހުން އިވެލުއޭޓްކުރުމަށް ބުނާގޮތަށް ކުރުމުން އާމްދަނީ މަދު

ޕްލޮޓް

ބޮޑުމިން

ކުލިނަގާ މުއްދަތު (މަސް)

މަހުކުލި

ޖުމްލަ އާމްދަނީ

BP31

17850 އަކަފޫޓް

237

  ފުރަތަމަ 10 އަހަރު / 0.70 ރުފިޔާ

1,461,915.00ރ

ޖެހިގެން އަންނަ 10 އަހަރު / 1 ރުފިޔާ

2,142,000.00ރ

ޖުމްލަ

3،603،915.00ރ

 

މަތީގައި ބަޔާންކޮށްގައިވާ ތާވަލްތަކަށް ބަލާއިރު 20 އަހަރު ދުވަހުގެ ފައިދާގެ އަންދާޒާއާއި މިކައުންސިލުން އުޞޫލާއި އެއްގޮތަށް އިވެލުއޭޓްކޮށްފައިވާ ގޮތުން އަންނަ އަންދާޒާ އަށް ބަލާއިރު އޮޑިޓްގައި އެބޭފުޅުންގެ އަމިއްލަ މާނަކުރުމުގެ މައްޗަށް ފިގަރތައް ހަދާފައިވާގޮތުން ލިބޭ އާންމުދަނީގެ ފައިދާ ކުޑަކަން ފާހަގަވެއެވެ. އަދި ކައުންސިލުން އިވެލިއޭޝަންގައި ކައުންސިލަށް ލިބޭ އާންމުދަނީ ބޮޑުކަން ފާހަގަ ކުރެވެއެވެ. ޓައިމް ވެލިޔު އޮފް މަނީއަށް ރިޢާޔަތްކޮށް ކުރު މުއްދަތެއްގައި ގިނަ އާމްދަނީ ލިބޭނެ ގޮތަށް އޮޑިޓް އޮފީހުން ބަލާފައިނުވާކަން ފާހަގަކުރަމެވެ.

އޮޑިޓް ރިޕޯޓްގައި މީގެ ވިހިއަހަރު ފަހުން ލިބޭނެކަމަށް ބަޔާން ކޮށްފައިވާ އާންމުދަނީގައި ހުށަހަޅާފައިވާ ބޮޑު ކުއްޔަށް ހަމައެކަނި ބަލައިގެން އަހަރުން އަހަރަށް ކުލިބޮޑުވާ ގޮތަށް ފާހަގަކޮށްފައިވާ ދެ ޕްރޮޕޯސަލްއާއި ގުޅިގެން ފާހަގަ ކޮށްލެވޭ ކަމަކީ އެފަރާތުން އެބިން ކުލި ބޮޑުވާ އަހަރުތަކަށް އައުމުން ބިން ދޫކޮށްލައިފިނަމަ ކައުންސިލަށް އޭގެން ވެގެން ދާނީ ގެއްލުމެވެ. އަދި އެހެންވެސް ހާލަތެއް ދިމާވެގެން މިސާލަކަށް: ކުންފުނި ޑިފޯލްޓްވެ ނުވަތަ ތަނުގެ ވިޔަފާރި ދައްވެގެން ތަން ދޫކޮށްލާ ހާލަތުގައިވެސް ކައުންސިލަށް ވެގެންދާނީ ގެއްލުމެވެ.

ނަމަވެސް ކައުންސިލުން ކަނޑައެޅި އުޞޫލާއި އެއްގޮތަށް އިވެލުއޭޓް ކުރެވިފައިވާ ގޮތުން ކުރިއަށް އޮތްތަނުގައި ދިމާވާ ކޮންމެފަދަ ހާލަތެއްގައިވެސް ކައުންސިލަށް ލިބެންޖެހޭ އެއްވެސް އާމްދަނީއެއް އުނި ނުވެ ފައިދާވެގެން ދާނެއެވެ. އަދި ކުރިއަށްއޮތް ތަނުގައި ބިމުގެ ވެލިޔު މައްޗަށްދާނެކަމަށް ބެލެވޭތީ މާކެޓަށް އަންނަ ބަދަލުތަކާއި އެއްގޮތަށް ކުލި ރިވައިސްކުރުމުގެ ފުރިހަމަ އިޙްތިޔާރު ކައުންސިލަށް ލިބިދެވޭނީ، ބިން ނަގާފައިވާ ފަރާތުން އަކަފޫޓަކަށް ދެއްކުމަށް ހުށަހަޅާފައިވާ ކުއްޔާ އެއްގޮތަށް އެއްބަސްވުންތައް ހެދިގެންކަން މިފުރުޞަތުގައި ފާހަގަކުރަމެވެ.

އާންމު ކޮށްފައިވާ އޮޑިޓް ރިޕޯޓްގައި ޓްވަރިޒަމް ޒޯންގެ ޕްރޮކެޖްޓުގެ މުޅި ސްކޯޕަށް ބެލުމެއްނެތި އަދި މި ކަމުގައި ރައްޔިތުނާއި މިދާއިރާގެ ފަންނީ ބޭފުޅުންނާއި ކުރެވުނު މަޝްވަރާތަކުގައި ލިބިފައިވާ ހިޔާލްތަކަށް ބެލުމެއްނެތި އޮޑިޓްކުރި ޓީމްގެ އަމިއްލަ ހިޔާލެއްގެ މައްޗަށް ކައުންސިލުން ފާސްކޮށްފައިވާ ޓްވަރިޒަމް ޒޯންގެ އުޞޫލާއި އެހެނިހެން ކަންކަމުގެ އަސްލަށް ބެލެމެއްނެތި މާނަކޮށް ގޮތްނިންމާފައިވާ ކަން ފާހަގަ ކޮށްލަމެވެ.

ޓްއަރިޒަމް ޒޯނުގެ ބިންތަކަކީ 2023 ވަނަ އަހަރުގެ ނިޔަލަށް އެއްވެސް ފައިދާއެއް ނުލިބޭ ތަނެއް ގޮތުގައި އޮއްވައި މިހާރުވެސް ރަށަށް ބޮޑު ފައިދާއެއް ލިބޭ ކުރިއަށްއޮތް ތަނުގައި އެތައް ސަތޭކަ މިލިއަނުން ފައިދާވާނެ ތަނެއްގެ ގޮތުގައި ކައުންސިލުން އަންދާޒާ ކުރެވެއެވެ.

އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައިވާ އެހެންކަންކަމަށް ބަލާއިރު، އިސްލާހުކުރަންޖެހޭ ކަންކަން މިކައުންސިލުން އިސްލާހުކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށާއި ބަދަލުހޯދަންޖެހޭނަމަ ބަދަލުހޯދުމަށް ކުރަންޖެހޭ ޤާނޫނީ މަސައްކަތް ކުރިއަށްގެންދާނެ ވާހަކަ ދަންނަވަމެވެ. އޮޑިޓް އޮފީހުގެ ފަރާތުން، 2023 ވަނަ އަހަރު ކޮށްފައިވާ މިކައުންސިލްގެ އޮޑިޓް ރިޕޯޓް މިއަދާހަމައަށްވެސް އާއްމުކޮށްފައިނުވާކަން މިފުރުޞަތުގައި ފާހަގަކުރަމެވެ.

21 ނޮވެމްބަރ 2025މ

21 ނޮވެންބަރު 2025