ދިވެހިރާއްޖެ
އިޢުލާނު
ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ބ. ތުޅާދޫގައި ޢިމާރާތްކޮށްފައިވާ 100 ހައުސިންގ ޔުނިޓް ދޫކުރުމަށް ހަމަޖެހިފައިވާ އުޞޫލުގައި ވާގޮތުން އެންމެ މަތިން ޕޮއިންޓް ލިބުނު ފަރާތްތަކަށް އިސްކަންދީގެން، ތުޅާދޫ ރައްޔިތުންނަށް (ކެޓަގަރީ - A) ދޫކުރުމަށް ހަމަޖެހިފައިވާ 92 ހައުސިންގ ޔުނިޓާއި، ތުޅާދޫއަށް ދިރިއުޅުން ބަދަލުކުރަން ބޭނުންވާ އެހެނިހެން ރަށްރަށުގެ މީހުންނަށް (ކެޓަގަރީ - B) ދޫކުރުމަށް ހަމަޖެހިފައިވާ 08 ހައުސިންގ ޔުނިޓް ލިބޭ ފަރާތްތައް ކަނޑައެޅުމަށް ބާއްވާ ގުރުއަތުލުން 2025 އޮކްޓޫބަރު 31 ވާ ހުކުރު ދުވަހުގެ މެންދުރުފަހު 14:00 ގައި ތުޅާދޫ ސްކޫލްގެ މަލްޓި ޕާޕަސް ހޯލުގައި އޮންނާނެއެވެ. މި ގުރުއަތު ނެގުމުގެ އެންމެހައި ކަންކަން ހިނގަމުންދާނީ ތުޅާދޫ ކައުންސިލުން ކަނޑައަޅާފައިވާ އުސޫލާ އެއްގޮތަށެވެ. މިދެންނެވި އުސޫލު މި އިއުލާނާއެކު އާއްމުކުރީމެވެ.
ވީމާ، ގުރުއަތަށް ހޮވިފައިވާ ފަރާތްތަކުން، 2025 އޮކްޓޫބަރު 31 ވާ ހުކުރު ދުވަހުގެ މެންދުރުފަހު 14:00 އަށް ތުޅާދޫ ސްކޫލްގެ މަލްޓި ޕާޕަސް ހޯލަށް ވަޑައިގަތުމަށް ދައުވަތު އަރުވަމެވެ. އަދި، ގުރުއަތަކާ ނުލައި ހައުސިންގ ޔުނިޓް ލިބޭ ފަރާތްތަކަށްވެސް މި ބައްދަލުވުމަށް ދައުވަތު އަރުވަމެވެ. މި ބައްދަލުވުމުގައި، ހައުސިންގ ޔުނިޓް ލިބޭ ފަރާތްތަކަށް ލިބޭނެ ހައުސިންގ ޔުނިޓް ނަންބަރު ކަނޑައެޅުމަށް، ހައުސިންގ ޔުނިޓް ލިބޭ އެންމެހައި ފަރާތްތަކުގެ މެދުގައި ގުރުއަތުލުންވެސް އޮންނާނެއެވެ.
އަދި ދަންނަވަމެވެ. ގުރުއަތަށް ހޮވިފައިވާ ފަރާތްތަކުގެ ތެރެއިން، އެއްވެސް ސަބަބަކާހުރެ ގުރުއަތުގައި ބައިވެރިނުވެވޭނަމަ، އެފަރާތެއްގެ ބަދަލުގައި ގުރުއަތުގައި ބައިވެރިވާނެ ފަރާތެއްގެ ނަމާއި، އެޑްރެސް، އަދި އައިޑީކާޑު ނަންބަރު ހިމެނޭގޮތަށް، 2025 އޮކްޓޫބަރު 29 ވާ ބުދަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ތުޅާދޫ ކައުންސިލްގެ އިދާރާއަށް ސިޓީއަކުން ހުށަހަޅަންވާނެއެވެ. ގުރުއަތަށް ހޮވިފައިވާ ފަރާތަކުން، ނުވަތަ އެފަރާތެއްގެ ބަދަލުގައި ގުރުއަތުގައި ބައިވެރިވާނެ ފަރާތުން ގުރުއަތުލުމަށް ހާޒިރުނުވެއްޖެނަމަ، އެފަރާތުގެ ބަދަލުގައި ގުރުއަތު ނަގާނީ ތުޅާދޫ ކައުންސިލުން ކަނޑައަޅާ ފަރާތަކުންނެވެ.
މިހެންވެ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.