ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)491/491/2025/91
ޕަބްލިޝްކުރި ތާރީޚް: 04 އޮގަސްޓް 2025
ޕަބްލިޝްކުރި ގަޑި: 15:19
ސުންގަޑި: 04 އޮގަސްޓް 2025 00:00
މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
ފަހި ދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑުން ޢިމާރާތްކޮށްފައިވާ 4000 ފްލެޓު ޙަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމާ ގުޅޭ

މި މިނިސްޓްރީގެ ނަންބަރު (IUL)491/491/2025/80 (19 ޖުލައި 2025) އިޢުލާނާ ޙަވާލާދީ ދަންނަވަމެވެ.

އުޞޫލު ނަންބަރު 2022/G-20 (ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ދޫކުރުމުގެ އުޞޫލު) އަދި މި މިނިސްޓްރީގެ ނަންބަރު (IUL)491/491/2025/45 (29 މޭ 2025) އިޢުލާނުގައި ބަޔާންކޮށްފައިވާ ކަންކަމަށް ރިޢާޔަތްކޮށް، ގެދޮރުވެރިޔާ ސްކީމުން ފުލެޓް ލިބުނު ފަރާތްތަކާއެކު އެއްބަސްވުމުގައި ސޮއިކުރުމާއި އެފަރާތްތަކަށް ފުލެޓް ޙަވާލުކުރުމުގެ މަސައްކަތް ކުރުމަށްޓަކައި، ފުލެޓް ލިބުނު ފަރާތްތަކުގެ މަޢުލޫމާތު ފަހި ދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑް (އެފް.ޑީ.ސީ) އާއި ޙިއްސާކުރުމުގެ މަސައްކަތް މި މިނިސްޓްރީއިން ދަނީ ކުރަމުންނެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ނަންބަރު
(IUL)471-HDS3/471/2023/365 (15 ނޮވެންބަރު 2023) އިޢުލާނުގައި، އެ އިޢުލާނާއެކު ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިޢުކޮށްފައިވާ ގެދޮރުވެރިޔާ ސްކީމުގެ ފައިނަލް ލިސްޓުގައި ހިމެނޭ ފަރާތްތަކުގެ ތެރެއިން ފުރަތަމަ ބުރުގައި 3 ކޮޓަރީގެ ފުލެޓް ލިބެނީ 76 (ހަތްދިހަ ހައެއް) އިން ފެށިގެން މަތިން މާރކްސް ލިބިފައިވާ ފަރާތްތަކަށްކަމަށާއި، އެ ފަރާތްތަކަށް ލިބޭ ފުލެޓް ކަނޑައެޅުމަށްފަހު ބާކީވާ ފުލެޓްތައް 75 (ހަތްދިހަ ފަހެއް) މާރކްސް ލިބިފައިވާ ފަރާތްތަކުގެ ތެރެއިން ގުރުއަތަކުން ހޮވޭ ފަރާތްތަކަށްކަމަށާއި އަދި ފުރަތަމަ ބުރުގައި 2 ކޮޓަރީގެ ފުލެޓް ލިބެނީ 73 (ހަތްދިހަ ތިނެއް) އިން ފެށިގެން މަތިން މާރކްސް ލިބިފައިވާ ފަރާތްތަކަށް ކަމަށް ބަޔާންކޮށްފައިވެއެވެ.

ނަމަވެސް، ގެދޮރުވެރިޔާ ސްކީމުން ލިބޭ ފުލެޓްތައް ކަނޑައެޅުމަށް 2023 ނޮވެންބަރު 16 ވަނަ ދުވަހު ކުރިއަށްގެންދިޔަ ގުރުއަތު ނެގުމުގައި، 76 (ހަތްދިހަ ހައެއް) އަށް ވުރެ މަތިން މާރކްސް ލިބި ފުލެޓް ކަނޑައެޅުމަށްޓަކައި ގުރުއަތު ނަގާފައިނުވާ ފަރާތްތަކެއް ހުރިކަމަށް މި މިނިސްޓްރީއަށް ވަނީ ފާހަގަކުރެވިފައެވެ. އަދި 76 (ހަތްދިހަ ހައެއް) އަށް ވުރެ މަތިން މާރކްސް ލިބިފައިވާ ބައެއް ފަރާތްތަކަށް ފުލެޓް ކަނޑައަޅާފައިނުވަނީސް، 75 (ހަތްދިހަ ފަހެއް) އަށް ވުރެ މަތިން މާރކްސް ލިބުނު ބައެއް ފަރާތްތަކަށް ލިބޭ ފުލެޓް ކަނޑައެޅުމަށްޓަކައި ގުރުއަތުނަގައި އެފަރާތްތަކަށް ފުލެޓް ކަނޑައަޅާފައިވާކަން ފާހަގަކުރެވިފައެވެ.

އެހެންކަމުން ކުރީގެ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ނަންބަރު (IUL)471-HDS3/471/2023/365 (15 ނޮވެންބަރު 2023) އިޢުލާނުން 76 (ހަތްދިހަ ހައެއް) މާރކްސް އަށްވުރެ މަތިން ލިބުނު ފަރާތްތަކަކީ ފްލެޓް ލިބޭނެކަމަށް ކަނޑައަޅާފައިވާ ފަރާތްތަކަށްވާތީ، އެ ފަރާތްތަކަށް ލިބޭ ފުލެޓް ކަނޑައަޅައި އެ މަރްޙަލާ ނިމުމުން، 75 (ހަތްދިހަ ފަހެއް) މާރކްސް ލިބުނު ފަރާތްތަކުގެ ފްލެޓާއި ގުޅޭ މަސައްކަތްތައް ކުރިއަށް ގެންދެވޭނެ ވާހަކަ ދެންނެވީމެވެ.

04 އޮގަސްޓް 2025