ނޫސްބަޔާން
ނަންބަރު: (PR)491/491/2025/6
ޕަބްލިޝްކުރި ތާރީޚް: 09 ޖުލައި 2025
ޕަބްލިޝްކުރި ގަޑި: 21:21
ސުންގަޑި: 09 ޖުލައި 2025 00:00
މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
ނޫސް ބަޔާން

ގުޅިފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް ގެނެވުނު ބަދަލާ ގުޅިގެން، އުޞޫލު ނަންބަރު 2022/G-19 (ބިންވެރިޔާ ސްކީމްގެ ދަށުން މާލެ ސަރަޙައްދުން ބަންޑާރަ ގޯތި ދޫކުރުމުގެ އުޞޫލު) ގެ ދަށުން ގުޅިފަޅުން ދޫކުރެވިފައިވާ ގޯތި ލިބިފައިވާ ފަރާތްތަކަށް ލިބިފައިވާ އައު ޕްލޮޓުތައް ޙަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމާގުޅޭ.

އުޞޫލު ނަންބަރު 2022/G-19 (ބިންވެރިޔާ ސްކީމްގެ ދަށުން މާލެ ސަރަޙައްދުން ބަންޑާރަ ގޯތި ދޫކުރުމުގެ އުޞޫލު) ގެ ދަށުން ކުރީ ސަރުކާރުން ހުޅުމާލެ، ގުޅިފަޅު އަދި ގިރާވަރު ފަޅުން ގޯތި ދޫކުރުމަށް އިޢުލާނުކޮށް ގޯތި ލިބުނު ފަރާތްތަކަށް ގޯތި ޙަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށް، ގޯތީގެ ރަޖިސްޓަރީ ޙަވާލުކޮށްފައިވެއެވެ.

އެކި ސަބަބުތަކާހެދި ގުޅިފަޅުގެލޭންޑް ޔޫސް ޕްލޭނަށްގެނެވުނު ބަދަލާ ގުޅިގެން، ގުޅިފަޅުން ގޯތި ލިބުނު ފަރާތްތަކުގެ ޕްލޮޓުގެ ސަރަޙައްދު ބަދަލުވެފައިވެއެވެ. އެފަރާތްތަކުގެ މެދުގައި އަލުން ގުރުއަތުލައި، އެފަރާތްތަކަށް ލިބޭ ޕްލޮޓް ވަނީ ކަނޑައަޅާފައެވެ. މިގޮތަށް ކަނޑައަޅައި، އެފަރާތްތަކުގެ މެދުގައި ބަންޑާރަ ގޯތި ދޫކުރުމުގެ އެއްބަސްވުމުގައި އަލުން ސޮއިކުރުމަށްޓަކައި، މިހާރު ވެފައިވާ އެއްބަސްވުން ދިރާސާކުރިއިރު، ޤާނޫނު ނަންބަރު 2002/1 (ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު) އާ ފުށުއަރާ ކަންކަން  އެ އެއްބަސްވުމުގައި ހިމަނާފައިވާކަން މި މިނިސްޓްރީއަށް ފާހަގަކުރެވިފައިވެއެވެ.

އެގޮތުން، ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނުގެ 11 ވަނަ މާއްދާގެ (ހ) ގައި ދިރިއުޅުމަށް ބަންޑާރަ ގޯތި ދެވޭނީ، އެމީހެއްގެ ނަމުގައި ބަންޑާރަ ގޯއްޗެއް، ނުވަތަ އަމިއްލަ ގޯއްޗެއް، ނުވަތަ ބައިކޮށްދެވިފައިވާ ބަންޑާރަ ގޯއްޗަކުން، ނުވަތަ އަމިއްލަ ގޯއްޗަކުން ބަޔެއް، ނުވަތަ ސަރުކާރުން ހަދާފައިވާ އިމާރާތެއްގެ ފުލެޓެއް، ނުވަތަ އެއްމެދު އިމާރާތެއްގެ ފުލެޓެއް ލިބިފައިނުވާ، ދިވެހި ރައްޔިތުންނަށް ކަމުގައި ބަޔާންކޮށްފައިވެއެވެ.

އަދި، އިސްވެ ދެންނެވުނު މާއްދާގައި، އެފަރާތްތަކަށް ދިރިއުޅުމަށް ބަންޑާރަ ގޯއްޗެއް ދެވެނީ، ބައިކޮށްދެވިފައިވާ ބަންޑާރަ ގޯއްޗަކުން، ނުވަތަ އަމިއްލަ ގޯއްޗަކުން ބަޔެއް، ނުވަތަ ސަރުކާރުން ހަދާފައިވާ އިމާރާތެއްގެ ފުލެޓެއް، ނުވަތަ އެއްމެދު އިމާރާތެއްގެ ފުލެޓެއް ލިބިފައިވާ މީހަކު އެބަޔެއް ނުވަތަ ފުލެޓެއް ދޫކޮށްލުމުން، ނުވަތަ ދޫކޮށްލަން ޝަރުޠުކުރުމަށްފަހުގައި ކަމަށް ބަޔާންކޮށްފައިވެއެވެ.

ނަމަވެސް، ބިންވެރިޔާ ސްކީމްގެ ދަށުން މާލެ ސަރަޙައްދުން ބަންޑާރަ ގޯތި ދޫކުރުމުގެ އުޞޫލާއި، އެ އުޞޫލުގެ ދަށުން ބިން ލިބުނު ފަރާތްތަކަށް ބަންޑާރަ ގޯތި ދޫކުރުމުގެ އެއްބަސްވުމުން ދޫކޮށްލަން ޝަރުތުކޮށްފައިވަނީ ހަމައެކަނި މާލެ ސަރަޙައްދު (މާލެ، ހުޅުމާލެ އަދި ވިލިނގިލި) އިން ލިބިފައިވާ 600 (ހަސަތޭކަ) އަކަފޫޓަށްވުރެ ކުޑަ ގޯތިތައް އެކަންޏެވެ.

ބިންވެރިޔާ ސްކީމްގެ ދަށުން މާލެ ސަރަޙައްދުން ބަންޑާރަ ގޯތި ދޫކުރުމުގެ އުޞޫލުގެ ދަށުން ހުޅުމާލެއިން ލިބުނު ގިނަ ގޯތިތައް ޙަވާލުކުރެވި ޢިމާރާތްކުރުމުގެ މަސައްކަތް ފެށިފައިވުމާއެކު، ގުޅިފަޅުން ގޯތި ލިބިފައިވާ ފަރާތްތަކާއެކު ސޮއިކޮށްފައިވާ އެއްބަސްވުން އެކަނި އިޞްލާހުކޮށްގެން މުޅި މައްސަލައަށް ޙައްލެއް ލިބިގެންދާނެ ކަމަށް މި މިނިސްޓްރީން ނުދެކެމެވެ.

އެހެންކަމުން، ގުޅިފަޅުން ގޯތި ލިބިފައިވާ ފަރާތްތަކުގެ މެދުގައި 30 މޭ 2025 ގައި ކުރިއަށްގެންދެވުނު ގުރުއަތުން އެފަރާތްތަކަށް ލިބުނު ގޯތި ޙަވާލުކުރުން އަވަސްކުރުމަށްޓަކައި، އައު ގޯތީގެ ރަޖިސްޓަރީ ނަންބަރާއި، ގޯތީގެ ނަންބަރާއި، ގޯތި އޮތްތަން ބަޔާންކުރުމުގެ ގޮތުން، މިހާރު އެފަރާތްތަކާއެކު ވެފައިވާ އެއްބަސްވުމުގެ ދަށުން ދޫކުރާ ގޯތީގެ މަޢުލޫމާތާގުޅޭ މާއްދާ އިޞްލާޙުކުރުމަށްޓަކައި މި މިނިސްޓްރީއާއި ގޯތި ޙަވާލުކުރެވޭ ފަރާތްތަކުގެ މެދުގައި އެމެންޑްމަންޓު އެއްބަސްވުމުގައި ސޮއިކުރުމަށް މި މިނިސްޓްރީއިން ނިންމި ވާހަކަ ދެންނެވީމެވެ.

މީގެ އިތުރުން، ގޯތި ލިބުނު ފަރާތްތަކާ ދެމެދު ވެފައިވާ އެއްބަސްވުމާއި ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނާ ފުށުއަރާ ކަންކަން ޙައްލުކުރުމަށްޓަކައި ބަންޑަރާނައިބުގެ އޮފީހާ މަޝްވަރާކޮށް އެކަމުގައި ޖުމްލަ ޙައްލެއް ހޯދުމުގެ މަސައްކަތް މި މިނިސްޓްރީން ކުރަމުންދާ ވާހަކަ ދެންނެވީމެވެ.

09 ޖުލައި 2025