ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)141-COS/141/2025/58
ޕަބްލިޝްކުރި ތާރީޚް: 30 އެޕްރީލް 2025
ޕަބްލިޝްކުރި ގަޑި: 14:53
މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން
ދިވެހިރާއްޖެ
ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ޤައުމީ ޙައިސިއްޔަތު ވަގުތީގޮތުން ނެގުން

އިޢުލާން

 

           ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ހިންގާ ކޮމިޓީގެ ދައުރު 2024 މާރިޗް 11 ވަނަ ދުވަހަށް ހަމަވެ، އެ އެސޯސިއޭޝަންގެ އިންތިޚާބު ނުބޭއްވި އެއް އަހަރަށް ވުރެ ދިގު މުއްދަތެއް ފާއިތުވެފައިވާތީ އާއި، އެސޯސިއޭޝަންގެ ހިންގާ ޤަވާއިދަށް ގެންނަންޖެހޭ ބަދަލުތައްވެސް ގެނެވިފައި ނުވާތީ، ކުޅިވަރާބެހޭ ޤައުމީ މަޖިލީހުގެ މަޝްވަރާއާއެކު، ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ހިންގާ ޤަވާޢިދަށް ކޮންމެހެން ގެންނަންޖެހޭ ބަދަލުތައް ގެނެސް އެ އެސޯސިއޭޝަންގެ ހިންގާ ކޮމިޓީ އިންތިޚާބު ކުރެވެންދެން ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސްއަށް ދެވިފައިވާ ޤައުމީ ޙައިސިއްޔަތު ވަގުތީ ގޮތުން އެ އެސޯސިއޭޝަންގެ ކިބައިން ނެގިފައިވާކަން ޢާންމުކޮށް އިޢުލާނު ކުރަމެވެ. އަދި، ދައުރު ހަމަވެފައިވާ ހިންގާ ކޮމިޓީގެ އެއްވެސް މެންބަރަކަށް މިއަދުން ފެށިގެން ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ނަމުގައި އެއްވެސް މުޢާމަލާތެއް ކުރުން މަނާވާނެކަމާއި އެފަދަ އެއްވެސް މުޢާމަލާތެއް އެ ކޮމިޓީގެ އެއްވެސް މެންބަރަކު ކުރިނަމަވެސް އެއީ ޞައްޙަ މުޢާމަލާތެއްގެ ގޮތުގައި ބަލައިނުގަނެވޭނެކަންވެސް އިޢުލާނު ކުރަމެވެ. އެހެންނަމަވެސް، ރާއްޖޭގެ ބެޑްމިންޓަން ކުޅުންތެރިންނާއި އޮފިޝަލުންނަށް ރާއްޖެއާއި ރާއްޖެއިން ބޭރުގައި ޤައުމު އަދި އެސޯސިއޭޝަން ތަމްސީލު ކުރުމަށް ހުރަހެއް ނޯންނާނެ ވާހަކަވެސް ދެންނެވީމެވެ.

           ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ޤައުމީ ޙައިއްސިޔަތު އެ އެސޯސިއޭޝަންގެ ކިބައިން ނެގިފައިވަނީ، އެ އެސޯސިއޭޝަންގެ އެތެރޭގައި ހުރި މައްސަލަތައް ޙައްލުކޮށް އެސޯސިއޭޝަންގެ ހިންގާ ކޮމިޓީ އިންތިޚާބު ކުރުމަށް އެކި ގޮތްގޮތުން ކުރެވުނު ގިނަ މަސައްކަތްތަކުގައި އެ އެސޯސިއޭޝަންގެ އެއްބާރުލުން ނުލިބި ދިގުލައިގެން ދިއުމާއި އަދި އެސޯސިއޭޝަންގެ ޢަމަލުތައް ހުރި ގޮތުން، އެ އެސޯސިއޭޝަންގެ މެންބަރުންނާއި، އޮފިޝަލުން އަދި ޚާއްޞަކޮށް ކުޅުންތެރިންނަށް ފޫބައްދަން ދަތި ގެއްލުންތައް ލިބެމުން ދާތީ އެވެ. އެސޯސިއޭޝަންގައި ހުރި މައްސަލަތައް ޙައްލުކޮށް އެސޯސިއޭޝަންގެ އިންތިޚާބު ބޭއްވުމަށް މޯލްޑިވްސް އޮލިމްޕިކް ކޮމިޓީންވެސް ވަނީ ގިނަގުނަ މަސައްކަތްތަކެއް ކޮށްފައެވެ.

           ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ މެންބަރުންގެ ބައިވެރިވުމާއެކު، އެ އެސޯސިއޭޝަންގެ ހިންގާ ޤަވާއިދަށް ކޮންމެހެން ގެންނަންޖެހޭ ބަދަލުތައް ގެނައުމާއި، އެ އެސޯސިއޭޝަންގެ ހިންގާ ކޮމިޓީ އިންތިޚާބު ކުރުމަށްޓަކައި، ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ ގެ ބެލުމުގެ ދަށުން 3 މެންބަރުންގެ މައްޗަށް އެކުލެވޭ އެޑް-ހޮކް ކޮމިޓީއެއް އެކުލަވާލުމަށް ވަނީ ހަމަޖެހިފައެވެ. އެ ކޮމިޓީގެ މަސައްކަތް ކޮމިޓީ އެކުލަވާލާ ތާރީޚުން ފެށިގެން 45 ދުވަސް ތެރޭގައި ނިންމައި އަލަށް އިންތިޚާބު ކުރެވޭ ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ހިންގާ ކޮމިޓީއާއި އެ އެސޯސިއޭޝަން ހަވާލު ކުރެވޭނެ ކަންވެސް ޢާންމުކޮށް އިޢުލާނު ކުރަމެވެ.

30 އެޕްރީލް 2025