ދިވެހިރާއްޖެ
ސަރުކާރުން އެންމެ އިސްކަންދޭ އެއް ސިޔާސަތަކީ، ކޮންމެ ރައްޔިތަކަށް އަސާސީ ބޯހިޔާވަހިކަން ފޯރުކޮށްދިނުން ކަމަށްވާއިރު، އެ ސިޔާސަތު ތަންފީޛުކުރުން މަތިކޮށްފައިވަނީ މި މިނިސްޓްރީއަށެވެ. އެގޮތުން، މި މިނިސްޓްރީގެ މެންޑޭޓްގައި، ރާއްޖޭގެ ހިޔާވަހިކަމާބެހޭ ޤައުމީ ސިޔާސަތުގެ ދަށުން ހިޔާވަހިކަމުގެ ޕްރޮގްރާމްތައް ރާވައި ހިންގުމާއި، އެފަދަ ޕްރޮގްރާމްތަކުގެ މަސައްކަތްތައް ވިލަރެސްކުރުމާއި، ރާއްޖޭގެ ހިޔާވަހިކަމާބެހޭ ޤައުމީ ސިޔާސަތުގެ ދަށުން ކަނޑައެޅޭ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކޮންމެ ރައްޔިތަކަށްވެސް ދިރިއުޅުމަށް އެކަށޭނެ ފެންވަރުގެ ހިޔާވައްސެއް ލިބިދެވޭނެ ގޮތްތައް ރާވައި، އެކަމަށް މަގުފަހިކުރެވޭނެ ގޮތަށް ކަމާބެހޭ އުސޫލުތައް އެކުލަވައިލައި އެ އުސޫލުތައް ހިންގުން ހިމެނެއެވެ.
އިސްވެ ބަޔާންކޮށްފައިވާ މެންޑޭޓްގެ ދަށުން، ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހައުސިންގ ޔުނިޓްތައް އިމާރާތްކޮށް، ޔުނިޓްތައް ޙަވާލުކުރުމަށް އުސޫލުތައް ކަނޑައެޅުމުގެ މަސައްކަތްތައް މި މިނިސްޓްރީން ކުރަމުންގެންދާކަމާއި، އޭގެ ތެރެއިން، ތިނަދޫ ސިޓީގައި ސަރުކާރުން އިމާރާތްކުރަމުންދާ 200 (ދުއިސައްތަ) ހައުސިންގ ޔުނިޓްގެ މަޝްރޫޢުއަކީ، މި މިނިސްޓްރީގެ ބެލުމުގެ ދަށުން ކުރިއަށް ގެންދާ އެއް މަޝްރޫޢެވެ. ސަރުކާރުން ކުރިއަށް ގެންދާ މިފަދަ ހައުސިންގ ޔުނިޓްތައް ދޫކުރުމަށް އެކުލަވާލަންޖެހޭ އުސޫލުތަކާއި މިންގަނޑުތައް ކަނޑައަޅަނީ މީގެކުރިންވެސް މި މިނިސްޓްރީން އެންޑޯސްކޮށް ހުއްދަ ލިބިގެންކަމުގައި ދަންނަވަމެވެ. ނަމަވެސް، 29 ޖަނަވަރީ 2025 ގައި، ތިނަދޫ ސިޓީ ކައުންސިލުން ވަނީ މި މިނިސްޓްރީގެ ހުއްދަ ނެތި ހައުސިންގ ޔުނިޓް ދޫކުރުމަށް އިޢުލާންކޮށްފައެވެ. އެހެންކަމުން، ތިނަދޫ ސިޓީ ކައުންސިލުން ކޮށްފައިވާ އިޢުލާން ބާޠިލްކުރުމަށް މި މިނިސްޓްރީން 30 ޖަނަވަރީ 2025 ގައި އެ ކައުންސިލަށް އަންގާފައިވާކަމާއި އަދި ޔުނިޓްތައް ލިބޭފަރާތްތައް ކަނޑައެޅުމަށްޓަކައި ބޭނުންވާ އުސޫލު އެކުލަވާލުމަށްފަހު އެންޑޯސްކުރުމަށް މިނިސްޓްރީއަށް ހުށަހެޅުމަށްވެސް އަންގާފައިވާކަން ފާހަގަކުރަމެވެ. އެހެންނަމަވެސް، މިއަދާހަމައަށް ތިނަދޫ ސިޓީ ކައުންސިލަށް އެންގި އެންގުމާ އެއްގޮތަށް ޢަމަލުކޮށްފައިނުވާކަން ހިތާމައާއެކު ފާހަގަކުރަމެވެ. އެހެންކަމުން، ތިނަދޫ ސިޓީ ކައުންސިލުން 29 ޖަނަވަރީ 2025 ގައި 200 (ދުއިސައްތަ) ހައުސިންގ ޔުނިޓް ދޫކުރުމަށް ކޮށްފައިވާ އިޢުލާންއަކީ މި މިނިސްޓްރީގެ ލަފާ އަދި އެންޑޯސްކުރުމަކާއި ނުލައި ކޮށްފައިވާ އިޢުލާނެއް ކަމުގައިވާތީ، މި އިޢުލާނުގެ ދަށުން ކުރެވޭ އެއްވެސް މަސައްކަތެއް މި މިނިސްޓްރީން ބަލައިނުގަންނަ ކަމުގައި ދަންނަވަމެވެ.
އަދި ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން އިންސާފުވެރިކަމާއި ހަމަހަމަކަމާއެކު މި ހައުސިންގ ޔުނިޓްތައް ލިބޭ ފަރާތްތައް ކަނޑައެޅުމަށް އެކުލަވާލަންޖެހޭ އުސޫލުތައް އެކުލަވާލުމަށްފަހު ވީ އެންމެ އަވަހަކަށް އިޢުލާން ކުރުމަށް މަސައްކަތް ކުރަމުންދާ ވާހަކަ ދެންނެވީމެވެ.