ދިވެހިރާއްޖެ
ހޯނޑެއްދޫ ކައުންސިލުން ނެރޭ މި ނޫސްބަޔާނަކީ، ހޯނޑެއްދޫގެ އިޚްތިޞާޞް އިން ކަނޑެވާރެހާ ވަކިކުރުމާއި ގުޅިގެން އެކަން ހަރުއަޑުން ކުށްވެރިކޮށް ނެރޭ ބަޔާނެކެވެ.
ހޯނޑެއްދޫ އަކީ ޓޫރިޒަމްގެ ވިޔަފާރި އަށް ފައްކާވެފައިވާ، ނިސްބަތުން ހުވަދު އަތޮޅުގައި ޓުވަރިސްޓް އެނދު އެންމެ ގިނަ އެއް ރަށެވެ. ރަށްރަށުގެ އިޚްތިޞާޞްގެ ކަނޑައެޅި އިރު ރަށުގެ އިޚްތިޞާޞްގެ ތެރޭގައި ގދ.ކަނޑެވާރެހާ ހިމެނުއްވާފައިވުމަކީ މިކައުންސިލާއި ރައްޔިތުން، ޓޫރިޒަމް ތަރައްޤީކުރުމަށް ކުރަމުންއައި އުންމީދަށް އިތުރު ހިއްވަރެއް ލިބިގެންދިޔަ ކަމެކެވެ.
ގދ. ކަނޑެވާރެހާއަކީ 2020 ވަނަ އަހަރު ރަޢީސުލްޖުމްޙޫރިއްޔާގެ އިބްރާޙިމް މުޙައްމަދު ޞާލިޙްގެ ޤަރާރު ނަންބަރ 3/2020 (ޤަރާރު ނަންބަރު 2020/3 (ދިވެހިރާއްޖޭގެ އެންމެހައި އިދާރީ ދާއިރާތަކުގައި ހިމެނޭ ކޮންމެ ސިޓީ ކައުންސިލަކާއި ރަށު ކައުންސިލެއްގެ އިޚްތިޞާޞް ކަނޑައެޅުމުގެ ޤަރާރު ނަންބަރު 2020/2 އިޞްލާޙު ކުރުން)ގެ ދަށުން މި ކައުންސިލްގެ އިޚްތިޞާޞްގެ ތެރޭގައި އޮތް ފަޅުރަށެކެވެ.
ރަޢީސުލްޖުމްޙޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، 2025 ޖެނުއަރީ 07 ވަނަދުވަހު މި ރަށަށް ވަޑައިގެން މިކައުންސިލާއި ބައްދަލުކޮށް، އިންޓަގްރޭޓެޑް ޓޫރިޒަމް އަށް ގދ. ކަނޑެވާރެހާ ކަނޑައެޅުމަށް ހުރި ހުރަސްތައް ނައްތާލައްވާނެ ކަމަށް ވަނީ ވަޢުދު ވެފައެވެ. އަދި 2023 ވަނަ އަހަރު ރިޔާސީ ކެމްޕެއިންގަވެސް ކަނޑެވާރެހާ، މިރަށުގެ ޓޫރިޒަމްގެ ހުވަފެނަށް ހެދުމަށް ކުރަންޖެހޭ ހުރިހާ ކަންކަން ކޮށްދެއްވާނެކަމަށް ވަނީ ވަޢުދުވެ ވަޑައިގެންފައެވެ.
އަޅުގަނޑުމެންގެ ރަށުގެ އިޚްތިޞާޞްގެ ތެރޭގައި ހިމެނޭ މިރަށަކީ، އަދި އެތައް ޒަމާނެއް ވަންދެން ހޯނޑެއްދޫގެ ރައްޔިތުން ބޭނުންކުރަމުން އައި ރަށެކެވެ. މީގެ އިތުރުން، ރަށުގެ ބިނާވެށި ޕްލޭންގައި ގދ.ކަނޑެވާރެހާ އަކީ ޓޫރިޒަމްއަށް ތަރައްޤީ ކުރާނެ ޒޯނެއްގެ ގޮތުގައި ކަނޑައަޅައި، ރައްޔިތުންގެ ޚިޔާލު ހޯދުމަށްފަހު އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމެންޓް މޮޑެލްގެ ދަށުން ތަރައްޤީކުރުމަށްޓަކައި ވަނީ ފާސްކުރެވިފައެވެ. މިކަމަކީ ރަށުގެ ތަރައްޤީއަށް ވަރަށް މުހިންމު ކަމެއްގެ ގޮތުގައި ކައުންސިލުން ދެކެމެވެ.
2025 އެޕްރީލް 06 ވަނަދުވަހު ރަޢީސުލްޖުމްޙޫރިއްޔާގެ ޤަރާރު ނަންބަރ 10/2025 (ހުވަދުއަތޮޅު ދެކުނުބުރީ ހޯނޑެއްދޫގެ އިދާރީ ދާއިރާގެ އިޚްތިޞާޞަށް ބަދަލުގެނައުން) އިން، މި ރަށް ވަކިކުރުމުން ހޯނޑެއްދޫގެ ރައްޔިތުންނަށް ލިބޭނެ ގެއްލުންތައް ވަޒަންކުރުމެއްނެތި، މިފަދަ ނިންމުމެއް ނިންމުމަކީ ވަރަށް ހިތާމަހުރި ކަމެކެވެ. ރަޢީސުލްޖުމްޙޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއަށް އަޅުގަނޑުމެން ގޮވާލަނީ:
1. ހޯނޑެއްދޫގެ އިޚްތިޞާޞް ގެ ތެރެއިން ކަނޑެވާރެހާ ވަކިކުރުމުގެ ނިންމުން ވަގުތުން އަނބުރާ ގެންދިއުމަށް.
2. ހޯނޑެއްދޫގެ ރައްޔިތުންނާ މަޝްވަރާކޮށް، އެ ރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަން ދެނެގަތުމަށްފަހު ނިންމުންތައް ނިންމުމަށް.
3. ރަށްރަށުގެ އިޚްތިޞާޞްތަކަށް ބަދަލު ގެނައުމުގައި އިންސާފުވެރި އަދި ހާމަކަން ބޮޑު އުސޫލުތަކެއް ޤާއިމުކުރުމަށް.
ކަނޑެވާރެހާ ހޯނޑެއްދޫގެ އިޚްތިޞާޞް އިން ވަކިކުރުމަކީ ރަށުގެ ރައްޔިތުންގެ ޙައްޤުތަކަށް އަރައިގަތުމެކެވެ. އަދި މިކަމުގެ ސަބަބުން މުސްތަގުބަލުގައި ރަށުގެ އިޤްތިޞާދީ ތަރައްޤީއަށް ހުރަސްއެޅި، ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރަށް ނޭދެވޭ އަސަރުކުރާނެ ކަމެއްކަން ޔަޤީނެވެ.
ވީމާ، މިކަމާއި ގުޅިގެން ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން މިކަން އަލުން މުރާޖަޢާކޮށް، ކަނޑެވާރެހާ ހޯނޑެއްދޫގެ އިޚްތިޞާޞް ގެ ތެރޭގައި ދެމެހެއްޓުމަށް ގޮވާލަމެވެ. އަދި ރަށުގެ ރައްޔިތުންގެ ޙައްޤުތައް ރައްކާތެރިކޮށް، ރަށުގެ ތަރައްޤީއަށް މަގުފަހިކޮށްދެއްވައި އެރަށް ކައުންސިލުން ތަރައްޤީކުރުމުގެ ހުއްދަ ދެއްވުމަށް އެދި ދަންނަވަމެވެ.