ވަޒީފާގެ ފުރުޞަތު
ނަންބަރު: 57-F/IU/2015/ 4
ޕަބްލިޝްކުރި ތާރީޚް: 16 ޖުލައި 2015
ޕަބްލިޝްކުރި ގަޑި: 14:34
ސުންގަޑި: 02 އޮގަސްޓް 2015 00:00
ރައްޔިތުންގެ މަޖިލީހުގެ އިދާރާ
ދިވެހިރާއްޖެ
ސިވިލް ސަރވިސް ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލުން

ސިވިލް ސަރވިސް ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލުން 

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 181 ވަނަ މާއްދާއާއި، ޤާނޫނު ނަންބަރު 5/2007 (ދިވެހި ސިވިލް ސަރވިސްގެ ޤާނޫނު) ގެ 12 ވަނަ މާއްދާގެ (ކ) ގެ ދަށުން ސިވިލް ސަރވިސް ކޮމިޝަންގެ މެންބަރެއްގެ މަޤާމު ހުސްވުމާ ގުޅިގެންނާއި، އަދި ޤާނޫނުއަސާސީގެ 183 ވަނަ މާއްދާ އާއި، ޤާނޫނު ނަންބަރު 5/2007 (ދިވެހި ސިވިލް ސަރވިސްގެ ޤާނޫނު) ގެ 16 ވަނަ މާއްދާގެ 1 ވަނަ ނަންބަރުގެ ދަށުން ސިވިލް ސަރވިސް ކޮމިޝަންގެ 2 (ދޭއް) މެންބަރެއްގެ މަޤާމު ހުސްވާތީ، ޤާނޫނު ނަންބަރު 9/2010 (ޤާނޫނު ނަންބަރު 5/2007 ދިވެހި ސިވިލް ސަރވިސްގެ ޤާނޫނު) އަށް 2 ވަނަ އިޞްލާޙުގެ ގެނައުމުގެ ޤާނޫނުގެ 13 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެ މަތިން އެ ކޮމިޝަނަށް 03 (ތިނެއް) މެންބަރުން ޢައްޔަންކުރުމަށްޓަކައި، ސިވިލް ސަރވިސް ކޮމިޝަންގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު 16 ޖުލައި 2015 ވާ ބުރާސްފަތި ދުވަހުން ފެށިގެން 02 އޮގަސްޓު 2015 ވާ އާދިއްތަ ދުވަހުގެ ނިޔަލަށް ހުޅުވާލައި، އެކަން އާންމުކޮށް އިޢުލާން ކުރަމެވެ.

ޤާނޫނު ނަންބަރު 9/2010 (ޤާނޫނު ނަންބަރު 5/2007 ދިވެހި ސިވިލް ސަރވިސްގެ ޤާނޫނު) އަށް 2 ވަނަ އިޞްލާޙުގެ ގެނައުމުގެ ޤާނޫނުގެ 13 ވަނަ މާއްދާގެ (ށ) ބަޔާންވެގެންވަނީ، ސިވިލް ސަރވިސް ކޮމިޝަންއަށް މެންބަރުން ނުވަތަ މެންބަރެއް ޢައްޔަންކުރަން ބޭނުންވާ ކޮންމެ ފަހަރަކު، އެކަމަށް އެދޭ ފަރާތްތައް ހޯދުމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން އާންމުކޮށް އިޢުލާންކޮށް، އެކަމަށް އިޖާބަދޭ މީހުންގެ ނަންތައް މިނިވަން މުއައްސަސާތަކުގެ ކަންތައްތަކާބެހޭ ކޮމިޓީއިން ދިރާސާކުރައްވައި ކޮމިޓީގެ ރިޕޯޓު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަންވާނެއެވެ. އަދި މި މާއްދާގެ (ނ) ގައި، މި މާއްދާގެ (ށ) ގެ ދަށުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ ނަންތަކުގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ އަޣުލަބިއްޔަތުން ފާސްކުރާ މެންބަރުން ނުވަތަ މެންބަރެއް ސިވިލް ސަރވިސް ކޮމިޝަންގެ މެންބަރުކަމަށް ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރަންވާނެކަމަށެވެ.

ކޮމިޝަނުގެ މެންބަރުންގައި ހުރުން ލާޒިމުވާ ސިފަތައް:

ޤާނޫނު ނަންބަރު 9/2010 (ޤާނޫނު ނަންބަރު 5/2007 ދިވެހި ސިވިލް ސަރވިސްގެ ޤާނޫނު) އަށް 2 ވަނަ އިޞްލާޙުގެ ގެނައުމުގެ ޤާނޫނުގެ 13 ވަނަ މާއްދާގެ (ރ) ގައި ވާގޮތުގެމަތީން، ކޮމިޝަނުގެ މެންބަރުކަމަށް ޢައްޔަންކުރަންވާނީ، ކޮމިޝަނުގެ މަސްއޫލިއްޔަތާއި ވާޖިބުތައް އަދާކުރެވޭ ފަދަ ތަޢުލީމީ ޤާބިލުކަން ހުރި މީހުންގެ ތެރެއިން، އެ ޤާނޫނުގެ 12 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އަންނަނިވި ސިފަތައް ފުރިހަމަވާ މީހުންނެވެ.

  1. ދިވެހި ރައްޔިތަކު ކަމުގައިވުން.
  2. މުސްލިމަކު ކަމުގައިވުން.
  3. ބުއްދި ސަލާމަތުން ހުރުން.
  4. ޢުމުރުން 30 އަހަރުވެފައިވުން.
  5. އިސްލާމްދީނުގައި ޙައްދެއް ކަނޑައެޅިފައިވާ ކުށެއްކުރިކަން ޝަރީޢަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން، އަދި ޖިނާއީ ކުށެއް ކުރިކަން، ވޭތުވެދިޔަ 5 އަހަރު ދުވަހުގެ ތެރޭގައި، ޝަރީޢަތަށް ސާބިތުވެފައިވާ މީހެއްކަމުގައި ނުވުން.
  6. ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ ނުވަތަ ޤާނޫނެއްގެ ދަށުން އިންތިޚާބު ކުރެވޭ މަޤާމެއް ފުރަމުންދާ މީހަކު ކަމުގައި ނުވުން.
  7. އެއްވެސް އެހެން ވަޒީފާއެއް އަދާކުރާ މީހަކު ކަމުގައި ނުވުން.
  8. ފުރަތަމަ ޑިގްރީ ފެންވަރަށް ތަޢުލީމު ހާސިލުކުރުމަށްފަހު، ސަރުކާރު ނުވަތަ ސަރުކާރު ނޫން ފަރާތެއްގައި ހިންގުމުގެ ދާއިރާގައި މަދުވެގެން 10 އަހަރު ޚިދުމަތްކޮށްފައިވުން.

ސިވިލް ސަރވިސް ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލުމަށްއެދޭ ފޯމާއި، އިޤުރާރު ދޫކުރުމާއި، ފޯމާއި އިޤުރާރު ބަލައިގަތުމަށް ހަމަޖެހިފައިވަނީ، މިކަމަށް ކުރިމަތިލުމަށް ދީފައިވާ މުއްދަތުގައި، ސަރުކާރު ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު 10:30 އިން މެންދުރުފަހު 2:30 އަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާ އިންނެވެ. އަދި މި ފޯމާއި އިޤުރާރު ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ. ވެބްސައިޓުގެ އެޑްރެހަކީ، www.majlis.gov.mv އެވެ

29 ރަމަޟާން 1436

16 ޖުލައި 2015