ދިވެހިރާއްޖެ
ކުރީ އަހަރުތަކެކޭވެސް އެއްފަދައިން މިއަހަރުވެސް ރަމަޟާންމަހުގެ ހަނދު ސާބިތު ކުރުމަށްޓަކައި މިއަހަރުގެ ރަމަޟާންމަހުގެ ހަނދު ދުށްމީހަކު ނުވަތަ ބަޔަކު ހެކިބަސް އަދާކުރުމަށް ހަމަޖެހިފައިވަނީ މާލޭގައިނަމަ މާލޭގެ ކޯޓެއްގެ ޤާޟީއެއްގެ ކުރިފުޅު މަތީގައެވެ. އަތޮޅު ތެރޭގެ ރަށެއްގައިނަމަ، އެރަށެއްގެ މެޖިސްޓްރޭޓްކޯޓުގެ މެޖިސްޓްރޭޓުގެ ކުރިފުޅު މަތީގައެވެ. މެޖިސްޓްރޭޓެއް ޤާޢިމުވެ ނެތް ރަށެއްގައިނަމަ އެވަގުތަކު އެ ރަށުގެ ރަށުކައުންސިލްގެ އިދާރާ ހިންގެވުމާއި ޙަވާލުވެހުންނެވި އިސް ވެރިއެއްގެ ކުރިފުޅު މަތީގައެވެ.
ހަނދު ފެނިގެން އެ މަޢުލޫމާތުދޭއިރު ގާތްގަޑަކަށް ހަނދުހުރި އުސްމިނާއި، މިސްރާބާއި، އަދި މިނޫންވެސް މިފަދަ މުހިންމު މަޢުލޫމާތު ދޭންވާނެއެވެ.
ރަމަޟާންމަހުގެ ހަނދުގެ މައްސަލަ ވަކިގޮތަކަށް ނިމެންދެން 29 ޝަޢްބާން 1444 (21 މާރިޗް 2023) ވާ އަންގާރަ ދުވަހުގެ ހަވީރު 5.30 ން ފެށިގެން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނާއި، ރަށްރަށުގެ މެޖިސްޓްރޭޓް ކޯޓުތަކާއި، ރަށު ކައުންސިލްގެ އިދާރާ ތަކާއި، އަތޮޅު ކައުންސިލްގެ އިދާރާތައް ހުޅުވިފައި ހުންނާނެއެވެ.
ވީމާ، މިއަހަރުގެ ރަމަޟާންމަހުގެ ހަނދު ދުށްމީހަކު ނުވަތަ ބަޔަކު ވީހާ އަވަހަކަށް މާލޭގައިނަމަ ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަނަށް ރަށްރަށުގައިނަމަ އެރަށެއްގެ މެޖިސްޓްރޭޓް ކޯޓަށް، އަދި މެޖިސްޓްރޭޓަކު ޤާޢިމުވެ ނެތް ރަށެއްގައިނަމަ އެރަށެއްގެ ރަށު ކައުންސިލްގެ އިދާރާއަށް ޙާޟިރުވެ ހަނދާބެހޭ މަޢުލޫމާތު ދެއްވުން އެދެމެވެ.
ހެކިބަސް އަދާކުރުމަށްޓަކައި އައުމާއި ، ދިއުމުގެ ޚަރަދު ދޭ ގޮތަށް ވަނީ ހަމަޖެހިފައެވެ.
މިކަމާއިބެހޭ އިތުރު މަޢުލޫމާތެއް ވާނަމަ މި ޑިޕާޓްމަންޓުގެ ނަންބަރު 3340831/ 3340846 ފޯނަށް ގުޅުއްވުން އެދެމެވެ.
މިހެންވެ ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
14 ޝަޢުބާން 1444