ނޫސްބަޔާން
ނަންބަރު: (PR)101-AS/101/2022/22
ޕަބްލިޝްކުރި ތާރީޚް: 01 އޮކްޓޫބަރު 2022
ޕަބްލިޝްކުރި ގަޑި: 10:47
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
ވިމެން އިން ސަސްޓެއިނަބަލް އެންޓަރޕްރެނިއަރޝިޕް (ވައިޒް) ޕްރޮގްރާމް

ނޫސް ބަޔާން 

ވިމެން އިން ސަސްޓެއިނަބަލް އެންޓަރޕްރެނިއަރޝިޕް (ވައިޒް) ޕްރޮގްރާމް 

 ވިޔަފާރީ ކުރުމުގައި ހަރަކާތްތެރިވާ އަންހެނުންގެ ދައުރު އިތުރު ކުރުމަށް، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން އިންތިޒާމު ކޮށްގެން ވިމެން އިން ސަސްޓެއިނަބަލް އެންޓަރޕްރެނިއަރޝިޕް (ވައިޒް) ގެ ނަމުގައި ތަމްރީން ޕްރޮގްރާމްއެއް މިއަދު، 1 އޮކްޓޫބަރު 2022  ގައި ވަނީ ފެށިފައެވެ. މި ޕްރޮގްރާމް އަކީ ސިލްސިލާކޮށް ރާއްޖޭގެ ހުރިހާ ރަށެއްގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ތަމްރީން ޕްރޮގްރާމް އެކެވެ.

 މި ޕްރޮގްރާމްގެ ފުރަތަމަ ސެޝަން، ހދ. ހަނިމާދޫއިން މިއަދު ފައްޓަވައިދެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ އިކޮނޮމިކް ޑިވެލޮޕްމަންޓް އަލްފާޟިލާ ނީޒާ އިމާދުއެވެ.  މި ޕްރޮގްރާމުގެ މަޤްސަދަކީ ވިޔަފާރިއެއް ފެށުމަށް ގަސްދުކުރާ އަންހެނުންނަށް އަދި މިހާރުވެސް ވިޔަފާރި ކުރަމުންދާ ފަރާތްތަކަށް ބޭނުންވާ ފަންނީ ތަމްރީނު ދިނުމާއި، ސަރުކާރު ފަރާތުން އާއްމުންނަށާއި އަދި ވިޔަފާރިކުރާ ފަރާތްތަކަށް ލިބެންހުރި ފުރުސަތުތަކުގެ މަޢުލޫމާތު ފޯރުކޮށްދިނުމެވެ.

 ވައިޒް ޕްރޮގްރާމުގައި ކިޔަވައިދެވޭނީ ނޭޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީން ފާސްކޮށްފައިވާ ނޭޝަނަލް ސެޓްފިކެޓް 3 އިން އެންޓަރޕްރެނިއަރޝިޕް ސްޓޭންޑާރޑްއަށް ފެތޭ ގޮތަށް ތައްޔާރުކުރެވިފައިވާ މާއްދާތަކެކެވެ. ދެ ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި ޕްރޮގްރާމު ނިންމާ ބައިވެރިންނަށް ސެޓެފިކެޓް ޙަވާލު ކުރުން ހަމަޖެހިފައިވެއެވެ.

 މި ތަމްރީން ޕްރޮގްރާމްގެ ތެރެއިން، ކޮވިޑް-19 އާ ގުޅިގެން އާމްދަނީއަށް ނުރަނގަޅު އަސަރުކޮށްފައިވާ އަމިއްލަ މަސައްކަތް ކުރާ ފަރާތްތަކަށް ހުޅުވާލެވިފައިވާ މާލީ އެހީ ނުވަތަ ސެލްފް އެމްޕްލޮއިޑް ގްރާންޓް ޕްރޮގްރާމް އަށް އެދުމުގެ ފުރުސަތުވެސް ހިމެނިފައިވާނެއެވެ. މި ގްރާންޓް ޕްރޮގްރާމްގެ ދަށުން ދިނުމަށް ހަމަޖެހިފައިވާ އެހީގެ 40 އިންސައްތަ ހާއްސަކުރެވިފައިވަނީ އަމިއްލަ މަސައްކަތް ކުރާ އަންހެނުންނަށެވެ. މި އެހީއަށް އެދުމުގެ ފުރުސަތު https://jobcenter.mv ގައި ހުޅުވާލެވިފައިވާނެއެވެ.

01 އޮކްޓޫބަރު 2022