ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)94-A/1/2014/27
ޕަބްލިޝްކުރި ތާރީޚް: 20 ޖުލައި 2014
ޕަބްލިޝްކުރި ގަޑި: 15:59
ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަން
ދިވެހިރާއްޖެ
އެކްސްޕެޓް އޮންލައިން އެކައުންޓާބެހޭ

މިހާރަކަށްއައިސް އެކްސްޕެޓް އޮންލައިން ސިސްޓަމުގައި އޮންލައިންކޮށް ރެޖިސްޓަރ ކޮށްފައިވާ އެކައުންޓުތަކާއި އަދި އޮންލައިން ރިލޭޝަން ހެދިފައިވާ އެކައުންޓުތަކާގުޅިގެން ތަފާތު ގިނަ މައްސަލަތަކެއް މިޑިޕާރޓްމަންޓަށް ހުށަހަޅަމުންދާކަން ވަނީ ފާހަގަ ކުރެވިފައެވެ.

ވީމާ، މިމައްސަލަތަކަށް ހައްލެއް ގެނައުމުގެ ގޮތުން، 3 އޮގަސްޓު 2014 ވާ އާދީއްތަ ދުވަހުން ފެށިގެން އެކްސްޕެޓް އޮންލައިން އެކައުންޓް އެޕްރޫވްކުރުމާއި ރިލޭޝަން ހެދުމަށް ތިރީގައި ބަޔާން ކުރެވިފައިވާ ގޮތަށް ބަދަލު އައިސްފައިވާކަން ޢާންމުކޮށް އަންގައި އިޢުލާނު ކުރީމެވެ.

  • ބިދޭސީން ގެންނަން ރެޖިސްޓަރވާ ފަރާތަކީ ބިދޭސީން ގެންގުޅުމުގެ މަސްއޫލިއްޔަތު އަދާކުރެވޭނެ ފަރާތެއްތޯ ބެލުމަށްޓަކައި، ޔޫސަރ އެކައުންޓް ވެރިފައިކުރުމަށާއި ރިލޭޝަން ހެދުމަށް ވަޑައިގަންނަވާއިރު އެބޭފުޅެއް ވަޒީފާ އަދާކުރާ ތަނުގެ ލިޔުމެއް ހުށަހަޅުއްވަންވާނެއެވެ. އަމިއްލަ މަސައްކަތްކުރައްވާ ބޭފުޅެއްނަމަ، އެބޭފުޅެއްގެ ބޭންކް އެކައުންޓް ސްޓޭޓްމަންޓް ހުށަހަޅުއްވަންވާނެއެވެ.
  • އޮންލައިން އެކައުންޓެއް ހުޅުވޭނީ ހަމައެކަނި އެކައުންޓް ހުޅުވާ ފަރާތުގެ ނަމުގައި ނަގާފައިވާ ނަންބަރަކަށެވެ. އެގޮތުން އެކައުންޓް ވެރިފައި ކުރަން ވަޑައިގަންނަވާއިރު ޔޫސަރ ނަމަކަށް ޖައްސަވާފައިވާ ފޯނު ނަންބަރަކީ އެބޭފުޅެއްގެ ނަމުގައި ނަގާފައިވާ ނަންބަރެއްކަން އެނގޭނެ ފަދަ ލިޔުމެއް ހުށަހަޅުއްވަންވާނެއެވެ.
  • މަތީގައި ބަޔާން ކުރެވިފައިވާ ދުވަހުން ފެށިގެން އިންޑިވިޖުއަލް ރިލޭޝަން ހެދޭނީ އޮންލައިން ސިސްޓަމުގައި ރެޖިސްޓަރ ވެފައިވާ އެޖެންސީ އަކަށެވެ. ކުންފުންޏެއްނަމަ، އެކުންފުންޏަކުން އައްޔަންކުރާ ކުންފުނީގެ މުވައްޒަފަކަށް ނުވަތަ ޑިރެކްޓަރަކަށް ރިލޭޝަން ހެދިދާނެއެވެ. 
  • ކައުންސިލް އިދާރާއިން ވެރިފައިކޮށް ސްޓޭމްޕް ޖަހައިގެން ރިލޭޝަން ހެދުމަށް ހުށަހަޅާ ސިޓީއާއެކު އެމްޕްލޯޔަރގެ ޕާސްޕޯރޓް ސައިޒުގެ ފޮޓޯއެއް ހުށަހަޅުއްވަންވާނެއެވެ.

އަދި ދަންނަވަމެވެ. 3 އޮގަސްޓު 2014 ވާ އާދީއްތަ ދުވަހާ ހަމައަށް އިންޑިވިޖުއަލް ރިލޭޝަން ހަދާފައިވާ ބޭފުޅުންގެ އެކައުންޓް، މަތީގައި ބަޔާންކުރެވިފައިވާ ގޮތަށް ބަދަލުކުރުމަށް 6 މަސް ދުވަހުގެ މުހުލަތެއް ދެވޭނެއެވެ. އަދި މިގޮތަށް ބަދަލުކުރާއިރު ކުރިން ރިލޭޝަން ހަދާފައިވާ ފަރާތްތަކުގެ ހުއްދަ ބާޠިލް ކުރުމަށް ހުށަހަޅުއްވަންވާނެއެވެ. މިކަމުގެ ސަބަބުން ޚިދުމަތް ހޯއްދަވާ ފަރާތްތަކަށްދިމާވެދާނެ ދަތިތަކަށް ނިހާޔަތަށް މަޢާފަށް އެދެމެވެ. އަދި މިފަދަ ކަންތައްތަކުގައި ތިޔަ ފަރާތްތަކުން ދެއްވަމުން ގެންދަވާ ފުރިހަމަ އެއްބާރުލެއްވުން ފާހަގަކޮށް، އެކަމަށްޓަކައި ވަރަށް އިޚުލާޞްތެރިކަމާއެކު ޝުކުރު ދަންނަމެވެ.

22 ރަމަޟާން 1435     

20 ޖުލައި 2014