ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)1-PPO/1/2021/62
ޕަބްލިޝްކުރި ތާރީޚް: 02 އޮގަސްޓް 2021
ޕަބްލިޝްކުރި ގަޑި: 14:41
ސުންގަޑި: 11 އޮގަސްޓް 2021 12:30
ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
ދިވެހިރާއްޖެ
ޗީފް ސްޓެޓިސްޓީޝަންގެ މަގާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލުން

އިޢުލާނު

ޗީފް ސްޓެޓިސްޓީޝަންގެ މަގާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލުން

ޗީފް ސްޓެޓިސްޓީޝަންގެ މަގާމަށް މީހަކު ޢައްޔަންކުރެއްވުމުގެ މުއްދަތު 18 އޮގަސްޓު 2021 ގެ ނިޔަލަށް ހަމަވާތީ، ޗީފް ސްޓެޓިސްޓީޝަންގެ މަގާމަށް ބޭފުޅަކު ޢައްޔަންކުރެއްވުމަށްޓަކައި، އެ މަގާމަށް ކުރިމަތިލުމުގެ ފުރުޞަތު، މިއަދުން ފެށިގެން ހުޅުވާލައި، އެކަން އިޢުލާނުކުރަމެވެ.

ޤާނޫނު ނަންބަރު 16/2021 (ދިވެހިރާއްޖޭގެ ތަފާސްހިސާބުގެ ޤާނޫނު) ގެ 8 ވަނަ މާއްދާގައި، ޗީފް ސްޓެޓިސްޓީޝަންގެ މަގާމަށް ޢައްޔަންކުރާ މީހެއްގެ ކިބައިގައި، ތިރީގައިވާ ސިފަތައް ހުންނަންވާނެކަމަށް ބަޔާންކޮށްފައިވެއެވެ.

(ހ) މުސްލިމަކު ކަމުގައިވުން.

(ށ) ދިވެހި ރައްޔިތަކު ކަމުގައިވުން.

(ނ) ބުއްދި ސަލާމަތުން ހުރުން.

(ރ) އުމުރުން 35 (ތިރީސްފަހެއް) އަހަރު ވެފައިވާ މީހަކު ކަމުގައިވުން.

(ބ) އިސްލާމްދީނުގައި ޙައްދެއް ކަނޑައެޅިފައިވާ ކުށެއް، ނުވަތަ ޚިޔާނާތުގެ ކުށެއް، ނުވަތަ ރިޝްވަތުގެ ކުށެއް ކުރިކަން ޝަރީޢަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން.

(ޅ) ދައުލަތުގެ އިދާރާއަކަށް ދައްކަންޖެހިފައިވާ ފައިސާއެއް އޮވެ، ކަނޑައަޅާފައިވާ ގޮތުގެމަތިން ދައްކަމުންދާ މީހަކު ކަމުގައި ނުވުން.

(ކ) ޖިނާއީ ކުށެއް ސާބިތުވެ ޙުކުމް ތަންފީޛުކުރަމުންދާ މީހަކު ކަމުގައި ނުވުން.

(އ) ޤާނޫނުއަސާސީގެ ދަށުން ނުވަތަ ޤާނޫނެއްގެ ދަށުން އިންތިޚާބުކުރެވޭ ނުވަތަ ޢައްޔަންކުރެވޭ މަޤާމެއް، ނުވަތަ ސިޔާސީ މަޤާމެއް ފުރަމުންދާ މީހަކު ކަމުގައި ނުވުން.

(ވ) ސަރުކާރު ނުވަތަ އަމިއްލަ އެއްވެސް ކުންފުންޏެއް ހިންގުމުގައި އިސްކޮށް ޙަރަކާތްތެރިވާ ނުވަތަ އެފަދަ ކުންފުންޏެއްގެ ޑިރެކްޓަރުންގެ ބޯޑުގައި ހިމެނޭ މީހަކު ކަމުގައި ނުވުން.

(މ) ސިޔާސީ ޕާޓީއެއްގެ މެންބަރަކު ކަމުގައި ނުވުން. 

(ފ) ޗީފް ސްޓެޓިސްޓީޝަންގެ މަގާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރެވޭފަދަ ޢިލްމީ ފެންވަރާއި ލަޔާޤަތު އަދި މަސައްކަތުގެ އަޚްލާޤު ހުރި  މީހަކު ކަމުގައިވުން.

(ދ) ތަފާސްހިސާބު ނުވަތަ އިކޮނޮމިކްސް ނުވަތަ ޑެމޮގްރަފީ ނުވަތަ ހިސާބު ޢިލްމުގެ ދާއިރާއިން ފުރަތަމަ ޑިގްރީ ނުވަތަ އެއާ އެއް ފެންވަރުގެ ސަނަދެއް ސަރުކާރު ޤަބޫލުކުރާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ޙާޞިލުކޮށްފައިވާ، ތަފާސްހިސާބުގެ ރޮނގުން ތަމްރީނާއި ތަޖުރިބާ ލިބިފައިވާ އަދި ހިންގުމުގެ ދާއިރާއިން ތަޖުރިބާއާއި ޤާބިލުކަން ލިބިފައިވާ މީހަކު ކަމުގައިވުން.

 

ވީމާ، ޗީފް ސްޓެޓިސްޓީޝަންގެ މަގާމަށް ކުރިމަތިލުމަށްއެދޭ ފަރާތްތަކުން، އަންނަނިވި ލިޔުންތަކާއެކު ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ހުށަހެޅުއްވުން އެދެމެވެ.

1. ޗީފް ސްޓެޓިސްޓީޝަންގެ މަގާމަށް ކުރިމަތިލުމަށް އެދި ހުށަހަޅާ ފޯމު

2. ޗީފް ސްޓެޓިސްޓީޝަންގެ މަގާމަށް ކުރިމަތިލާ މީހާގެ އިޤްރާރު

3. ފުރިހަމަކޮށްފައިވާ ކުށާއި ދަރަނީގެ ރެކޯޑު ފޯމް

4. ސިޔާސީ ޕާޓީއެއްގައި ރަޖިސްޓަރީ ވެފައިވޭތޯ ބެލުމަށް އިލެކްޝަންސް ކޮމިޝަނުން ސާފުކުރަންޖެހޭ ފޯމު

5. ކުރިމަތިލާ ފަރާތުގެ ވަނަވަރު (ސީ.ވީ.)

6. ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓުތަކުގެ ފޮޓޯކޮޕީ (އެކްރެޑިޓްކޮށް އެޓެސްޓްކޮށްފައިވާ)

 

ޗީފް ސްޓެޓިސްޓީޝަންގެ މަގާމަށް ކުރިމަތިލުމަށް އެދޭ ފޯމާއި، އިޤްރާރާއި، ކުށާއި ދަރަނީގެ ރެކޯޑް ފޯމާއި، އަދި ސިޔާސީ ޕާޓީއެއްގައި ރަޖިސްޓަރީ ވެފައިވޭތޯ ބެލުމަށް އިލެކްޝަންސް ކޮމިޝަނުން ސާފުކުރަންޖެހޭ ފޯމު ދޫކުރުމާއި، ފޯމުތަކާއި އިޤްރާރު ބަލައިގަތުމަށް ހަމަޖެހިފައިވަނީ، 2021 އޮގަސްޓު 10 އަދި 11 ވަނަ ދުވަހު ހެނދުނު 10:00 އިން މެންދުރު 12:30 އަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންނެވެ. އަދި މި ފޯމުތަކާއި އިޤްރާރު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ. ވެބްސައިޓުގެ އެޑްރެހަކީ www.presidencymaldives.gov.mv އެވެ.

02 އޮގަސްޓް 2021